ފުލުހުންގެ ކިބައިގައި މަގުތައް އަމާން ކުރުމުގެ ގާބިލްކަން ހުންނާނެ: ކުރީގެ ސީޕީ

ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު --- ސަން ފައިލް ފޮޓޯ

ފުލުހުންނާއި ސިފައިންގެ ކިބައިގައި މުޒާހަރާތައް ކޮންޓްރޯލް ކުރުމާއި މަގުތައް އަމާން ކުރުމުގެ ގާބިއްލިއްޔަތުކަން ހުންނާނެ ކަމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ކުރެއްވި ޓްވީޓަކާއި ގުޅިގެން ހުސައިން ވަހީދު "ސަން"އަށް ވިދާޅުވީ ރައީސް ނަޝިދު މިރޭ ހެއްދެވީ އިތުރުފުޅެއް ކަމަށެވެ.

ރައީސް ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންގެ ޔުނީފޯމްގައި ގޭންގްތަކުގެ 45 ކުދިން ނެރެފައިވާ ކަމަށެވެ. އެކަން ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު ކަމަށްވެސް އެ ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ސައުވީސް އަހަރަށް ވުރެ ގިނަ ދުވަހު ސިފައިންގޭގައި އާއި ފުލުހުންގެ ތެރޭގައި އެކި ލެވެލްގައި މަސައްކަތް ކުރައްވާފައިވާ ހުސައިން ވަހީދު ވިދާޅުވީ އޭނާ ސަލާމަތީ ބާރުތަކުގައި ހިދުމަތް ކުރެއްވި ދިގު މުއްދަތުގެ ތެރޭގައި ގިނަ އަދަދެއްގެ މީހުން ތަމްރީންކޮށްފައިވާ ކަމަށެވެ. އެ މީހުން ތަމްރީނު ކޮށްފައިވަނީ މިފަދަ ހާލަތްތައް ކޮންޓްރޯލް ކުރެވޭ ފެންވަރުގެ ބަޔަކަށް ހެދުމަށް ކަމަށާއި އެ ފުލުހުންގެ ކިބައިގައި އެ ގާބިލިއްޔަތުކަން ހުންނާނެ ކަމަށެވެ.

"އަޅުގަނޑު ކީއްކުރަންތޯ ބަޔަކު ނެރެންވީ. ފުލުހުންނާއި ސިފައިންގެ ކިބައިގައި އެ ގާބިލިއްޔަތުކަން ހުންނާނެ. މުޅި ގައުމު އެކުދިންނަށް އިތުބާރު ކުރޭ. ގައުމުގެ އަމަން އަމާން ކަން ދެމެހެއްޓުމަށް އެންމެ އިންޗިއެއްވެސް ފުލުހުންނާއި ސިފައިން ފަހަތަކަށް ނުޖެހޭނެ،" ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ވަހީދު ވިދާޅުވިއެވެ.

ހުސައިން ވަހީދު ވިދާޅުވީ ކުރީގެ ރައީސަކަށް ފުލުހުންނާ މެދު އިތުބާރު ނެތުމަކީ އޭނާގެ މައްސަލައެއް ނޫން ކަމަށެވެ.

ހުސައިން ވަހީދު ވިދާޅުވީ އޭނާ ގަބޫލު ކުރާ ގޮތުގައި ގޭންގްތަކެއް މި ރާއްޖޭގައި ނުތިބޭ ކަމަށާއި ތިބީ ބައެއް ސަރުކާރު ތަކުން އިހުމާލުވި ޒުވާނުންތަކެއް ކަމަށެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން ގޭންގްތަކެއް ރާއްޖޭގައި އޮންނަކަމަކަށް. ގޭންގްތައް ގޮތަށް ބަޔަކު ޒުވާނުން ސިފަ ކުރިޔަސް ހަގީގަތަކީ އެއީ މީގެ ކުރީގެ ވެރިކަން ތަކެއްގައި އަޅާނުލާ ދޫކޮށްލި ޒުވާނުންތަކެއްކަން. އެ ޒުވާނުންނަށް ފުރުސަތު ހޯދައިދިނީ މި ސަރުކާރުން. ކުރީގެ ސަރުކާރު ތަކުން ޒުވާނުންލައްވާ ގޯސް ހެދިޔަސް މި ސަރުކާރުން އެކަމެއް ނުކުރާނެ،" ހުސައިން ވަހީދު ވިދާލުވިއެވެ.

ހުސައިން ވަހީދު ވިދާޅުވީ ފުލުހުންގެ ސަފުތަކުގެ ބަދަހިކަން ފެނުމުން އުފާފުޅުވާކަމަށާއި ގައުމުގެ ހައްގުގައި ނުލާއި ފެހި ޔުނީފޯމްގައި ތިބި ފުލުހުން ކުރަމުންދާ މަސައްކަތައް ސާބަސް ދަންނަވާ ކަމަށެވެ.

ގައުމުގެ އަމަންއަމާންކަން ނަގާލުމަށް ބޭރުގެ ފަރާތްތަކާ ގުޅިގެން މަސައްކަތް ނުކުރެއްވުމަށް ހުސައިން ވަހީދު ވަނީ ކުރީގެ ރައީސް ނަޝީދަށް ގޮވާލައްވައިފައެވެ.

"އަޅުގަނޑު ރައީސް ނަޝީދަށް ދަންނަވާލަން ބޭނުންވަނީ ސާއޭ ތިޔަހެން ކަންތައް ނުކުރައްވާށޭ. ގައުމުގެ އަމާންކަން ނަގާލުމަށް މަސައްކަތް ނުކުރައްވާށޭ. ފުލުހުންނާއި ސިފައިން އެ ފުރުސަތެއް ނުދޭނެ،" ހުސައިން ވަހީދު ވިދާޅުވިއެވެ.

ރާއްޖޭގައި ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު އޭނާ ފަދަ އާދައިގެ މީހަކާ ގުޅޭގޮތުން ބޮޑު އިތުރުފުޅެއް ހެއްދެވީތީ ހައިރާންވާ ކަމަށް ހުސައިން ވަހީދު ވިދާޅުވިއެވެ.

"އެއީ ތަސައްރަފު ނުފުދޭ ކުޑަކުދިން ކުރާ ކަހަލަ ކަންކަން. ސިޔާސީ މަންފާއެއް ހޯދަން މީހުންގެ އަބުރު ކަތިލުމަކީ ޑިމޮކްރެސީގަ އޮންނަ ކަމެއް ނޫން،" ހުސައިން ވަހީދު ވިދާޅުވިއެވެ.

comment ކޮމެންޓް