ގާނޫނުއަސާސީއާ ހިލާފު އަމުރެއް ނެރެގެން ތަންފީޒެއް ނުކުރާނަން: އާޒިމާ

ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރު -- ފޮޓޯ/ ރައީސް އޮފީސް

ގާނޫނުއަސާސީގައި ސުޕްރީމް ކޯޓުން އަމުރުތައް ނެރެން ޖެހޭ ގޮތް ބަޔާންކޮށްފައިވާ ކަމަށާއި އެއާ ޚިލާފަށް އަމުރެއް ނެރެގެން، ތަންފީޒު ނުކުރާނެ ކަމަށް ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ.

މިރޭ ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާޒިމާ ވިދާޅުވީ، ދުސްތޫރީ އޮނިގަނޑުގެ ތެރޭން ކަންކުރެވޭނެ ގޮތާއި ނުކުރެވޭނެ ގޮތް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި މިހާރު ހިނގަމުން ދާ އަމަލުތަކަކީ ގާނޫނީ އިމުގެތެރެއިން ދުސްތޫރީ އިމުގެ ތެރެއިން ހިނގަމުންދާ ކަންކަން ނޫން ކަމަށް އާޒިމާ ވިދާޅުވި އެވެ.

އާޒިމާ އިތުރަށް ވިދާޅުވީ، ފުލުހުންނާއި ސިފައިން އަމަލު ކުރަން ޖެހޭ ގޮތާއި ކޯޓުތަކުގެ އަމުރުތައް ނެރެން ޖެހޭނީ ކޮން ގޮތަކަށް ކަމާއި، ކޯޓުތަކުގެ ބާރު ތަކަކީ ކޮބައިކަން ގާނޫނުއަސާސީގައި ބަޔާން ކޮށްފައިވާ ކަމަށެވެ.

" ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުންވެސް ގާނޫނުއަސާސީއާ ހިލާފު އަމުރެއް ނެރެފިއްޔާ ތަބައެއް ނުވާނަމޭ،" އާޒިމާ ވިދާޅުވި އެވެ.

ހަމަ އެގޮތަށް ހައްޔަރު ކުރުމުގެ އަމުރުތަކަށް ބަލާއިރު "ހައްޔަރު ކުރުމުގެ އަމުރެއްވިޔަސް ނެރެން ޖެހޭނީ ގާނޫނީ އިމުގެތެރެއިން" ކަމަށް އާޒިމާ ވިދާޅުވި އެވެ.

" ސުޕްރީމް ކޯޓުން ވިޔަސް ރައީސުލްޖުމްހޫރިއްޔާ ހައްޔަރު ކުރަން އަމުރެއް ނެރުނު ކަމަށްވިޔަސް. މިހާރު އޮތް ގާނޫނުއަސާސީން އެއީކީ ހުއްދަ ކުރާ އަމުރެއް ނޫން. އެހެން ކަމަށް ވަންޏާ އެ އަމުރުވެސް ތަންފީޒެއް ނުކުރެވޭނެ،" އާޒިމާ ވިދާޅުވި އެވެ.

ސަރުކާރު މަޑުމައިތިރިކޮށް އޮތަސް އެއީ ބަލިކަށިކަމުން ކަމަށް ހީނުކުރުމަށް އާޒިމާ ވިދާޅުވި އެވެ. އަދި ވިދާޅުވީ، ސަރުކާރުގެ އެންމެ މަތީ މަސްލަހަތަކީ ދައުލަތުގެ މަސްލަހަތާއި ގައުމީ ސަލާމަތުގެ މަސްލަހަތު ކަމަށެވެ.

އާޒިމާ ވިދާޅުވީ، މުޅި ދައުލަތުގެ ކަންކަން ބަލަހައްޓަން ޖެހޭނީ ދައުލަތުން ކަމަށް ގާނޫނުއަސާސީން ބުނެފައިވާތީ ގާނޫނުއަސާސީގެ ވަކި މާއްދާއެއް ހިފައިގެން ތަންފީޒު ކުރަން އުޅުނަސް އެކަން ނުވާނެ ކަމަށެވެ. ސަރުކާރުން ތަންފީޒު ކުރާނީ މުޅި ގާނޫނުއަސާސީ ކަމަށެވެ.

" ސަރުކާރުން ގާނޫނު ތަރުޖަމާކުރަނީ ވަރަށް ސާފުކޮށް ވަރަށް ސާދާކޮށް،" އާޒިމާ ވިދާޅުވި އެވެ.

އާޒިމާ ވިދާޅުވީ، ހިޔާފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަން ބޭނުން ކުރެވޭނެ ގޮތް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް ވޭތުވެ ދިޔަ ދެތިން ދުވަހު އަމަލުތައް ހިނގާފައި ވަނީ ގާނޫނީ އިމުގެ ތެރެއިން ނޫން ކަމަށް ވިދާޅުވި އެވެ.

" އޭގެތެރޭގައި ފުލުހުންނަށް ހަމަލާ ދިނުމާއި މީހުންގެ މުދަލަށް ގެއްލުން ދިނުމާ މިކަހަލަ ކަންކަން ހަބަރުން އަޑުއިވިގެން މިދަނީ. މިއީ ހަގީގަތުގައި ދަންނަވަން ބޭނުންވާ ވާހަކައަކީ މިކަމަށް ފުރުސަތެއް ނުދެވޭނޭ،" އާޒިމާ ވިދާޅުވި އެވެ.

comment ކޮމެންޓް