އިދިކޮޅު ފަރާތްތަކުން ރޭ ކުރި މުޒާހަރާގެ ތެރެއިން 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ 10 މީހުންގެ ތެރެއިން ނުވަ މީހުން ހައްޔަރު ކުރީ އަދު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުން ކަމަށާއި އަނެއް މީހާ ހައްޔަރު ކުރީ ފުލުހެއްގެ ގަޔަށް ކަޅުތެޔޮ ޖަހައިގެން ކަމަށެވެ.
ރޭ ވަނީ މަޖިލީހުގެ ތިން މެމްބަރަކު ވެސް ހައްޔަރު ކޮށްފަ އެވެ. އެ މެމްބަރުންނަކީ، މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީއާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އެވެ. މީގެ އިތުރުން ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ވަނީ ހައްޔަރު ކޮށްފަ އެވެ.
ފުލުހުން ބުނީ މި ގައުމުގެ އަމަން އަމާންކަން ނަގާލައި ގާނޫނީ ގޮތުން އުފެދިފައިވާ ވެރިކަމެއް ގާނޫނާ ހިލާފަށް ވައްޓާލާކަށް އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށެވެ.
"ފުލުހުން އާންމުންގެ ކިބައިން ވެސް އިލްތިމާސް ކުރަނީ ސިޔާސީ ގޮތުން ގާނޫނާ ހިލާފަށް ކުރަމުންގެންދާ ކަންކަމުގައި ބައިވެރި ނުވުމަށް. އަދި އެއްވެސް ސިޔާސީ ބައެއްގެ އަމިއްލަ މަގްސަދު ހާސިލް ކުރަން ކުރާ ޣައިރު ގާނޫނީ ކަންކަމުގައި ބައިވެރި ނުވުމަށް." ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.
އިދިކޮޅު ފަރާތްތަކުން ވަނީ މާދަމާ މާލޭގައި ބޮޑު މުޒާހަރާއެއް ބާއްވަން ނިންމައިފަ އެވެ. ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ އެއީ ސަރުކާރު ވައްޓާލަން ބާއްވާ މުޒާހަރާއެއް ކަމަށާއި އެ މުޒާހަރާ ބޭއްވުމަށް ފުލުހުން އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށެވެ.