ޔުނީފޯމުގައި ތިބެ އިންޒާރުދިން ވީޑިއޯގައި ތިބީ ފުލުހުން ކަމެއް ޔަގީނެއް ނުކުރެވޭ: ފުލުހުން

ފުލުހުންގެ ޔުނީފޯމުގައި ތިބެ ފުލުހުންނާ ދެކޮޅަށް ވާހަކަދައްކާ ވީޑިއޯގެ ސްކްރީންޝޮޓެއް، ޔޫޓިއުބަށް އަޕްލޯޑްކޮށްފައިވާ އެވީޑިއޯގައި ވަނީ ފުލުހުންނަށް އިންޒާރު ދީފައި--

ފުލުހުންގެ ޔުނީފޯމުގައި ތިިބެ ފުލުހުންގެ އަމަލުތަކާ ދެކޮޅު ހަދައި އިންޒާރު ދިން ވީޑިއޯގައި ތިބީ ފުލުހުންކަމެއް ޔަގީނެއް ނުކުރެވޭ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ތަރުޖަމާނު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާނު ރޭ ވިދާޅުވީ، ފުލުހުންތަކެއް ކަމަށްބުނެ ޔޫޓިއުބަށް ލާފައިވާ ވީޑިއޯގެ މައްސަލަ ބަލަމުންދާ ކަމަށެވެ.

"މިހާހިސާބަށް ބެލިބެލުމުން އެ ވީޑިއޯއިން ފެންނަނީ ފުލުހުންކަން ޔަގީންކުރެވިފައެއް ނުވޭ. ތަހުގީގު ކުރިއަށްދާ މިންވަރުން މިކަމުގެ މައުލާމާތު ހާމަކުރާނެ ކަމުގައި ދަންނަވަން،" ޝިފާނު ވިދާޅުވިއެވެ.

އިއްޔެ ޔޫޓިއުބަށް އަޕްލޯޑް ކުރި ވީޑިއޯއެއްގައި، ފުލުހުންގެ ޔުނިފޯމް އަޅައި މޫނުނިވާކޮށްގެން ތިބި ބަޔަކު ބުނީ މިހާރު ފުލުހުން ދަނީ ފުލުހުންނަށް ވެސް، ޖަލަށް ލައި އަނިޔާ ކުރަމުން ކަމަށާއި އަދި ވަކި ބަޔަކު އަންގާ ގޮތަކަށް ފުލުހުން އަމަލުކުރަން މަޖުބޫރުވެފައިވާ ކަމަށެވެ. އަދި މިހާރުގެ ހާލަތު އޮތް ގޮތުން ފުލުހުންގެ މުއައްސަސާ ޕީޕީއެމްގެ ޖަގަހައަކަށް ވެގެން ހިނގައްޖެ ކަމަށް ވެސް އެ ވީޑިއޯގައި ބުންޏެވެ.

"މިދަނީ ވަރަށް ގާތުން ބަލަމުން. އަޅުގަނޑުމެންގެ ވެރިންނަށް ބުނެލަން އޮތީ، އަޅުގަނޑުމެން ބޭނުންކޮށްގެން ތިޔަ ހިންގާ ޖިނާއީ ކުށްތަކާއި އަޅުގަނޑުމެންގެ މައްޗަށް ކުރަމުން ގެންދާ ޣައިރުގާނޫނީ އަމުރުތަކަށް ލައްކަ ދުވަހަކު ކެތްތެރިވެވިއްޖެ. ފެބްރުއަރީ ހަތެއްގައިވެސް އަޅުގަނޑުމެން ނުކުތީ މުއައްސަސާގެ ދިފާއުގައި. މިހާރުވެސް އަޅުގަނޑުމެން މި މުއައްސަސާގެ ދިފާއުގައި ނުކުންނާނަން. ގާނޫނު އަސާސީގެ ދިފާއުގައި ނުކުންނާނަން،" އެ ވީޑިއޯގައި ބުންޏެވެ.

comment ކޮމެންޓް