ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ރަސްމީކޮށް ޖަރުމަންގެ ޕީޓާ ސެގަޓް ހަމަޖައްސައި، ކުރިމަގުގައި ކާމިޔާބީ ހޯދޭނެ ޓީމެއް ބިނާކުރުމުގެ މަސްއޫލިއްޔަތު އޭނާއާ ހަވާލުކޮށްފިއެވެ.
ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމަށް އަފްޣާނިސްތާނުގެ ކުރީގެ ކޯޗު ސެގަޓް ހަމަޖެއްސުމަށްޓަކައި އެފްއޭއެމް ހައުސްގައި މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކުރުމަށް ރަސްމިއްޔާތެއް ބާއްވައިފައެވެ. އެފްއޭއެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ. ސެގާޓްއާއެކު ސޮއިކޮށްފައިވަނީ ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބައްސާމް ވިދާޅުވީ ކޯޗާ ހަވާލުކުރެވުނު މަސްއޫލިއްޔަތަކީ މުސްތަގުބަލަށް ވިސްނައި، ރާއްޖޭގައި ރަނގަޅު ޓީމެއް ބިނާކުރުން ކަމަށެވެ.
"އަޅުގަނޑުމެންގެ ޓެކްނިކަލް ޑިޕާޓްމަންޓުން ވަރަށް ބުރަ މަސައްކަތްތަކެއްކޮށްގެން، މިހާރު އޮތް މެނޭޖްމަންޓުގެ ފިލޯސަފީއާއި ކުރިމަގަށް ބަލާފައ،ި އެންމެ ރަނގަޅު ކޯޗުންތަކުގެ ތެރެއިން އެންމެ ރަނގަޅު ކޯޗުގެ ގޮތުގައި ފާހަގަކުރެވުނީ އަޅުގަނޑުމެންނަށް މިއަދު މި ލިބިގެންދިޔަ ޕީޓާ. އެހެންވީމާ އަޅުގަނޑުމެންގެ ޓެކްނިކަލް ޓީމުން އެކުރި މަސައްކަތަށް ޝުކުރު އަދާކުރަން،" ބައްސާމް ވިދާޅުވިއެވެ.
އެފްއޭމްގެ ރައީސް ވިދާޅުވީ ކުރިންވެސް ފާހަގަކުރަމުންދިޔަ ގޮތަށް އެފްއޭއެމުން ވިސްނަނީ ވަގުތީ ކާމިޔާބަކަށް ނޫން ކަމަށާއި، ކުރިމަގުގައި ރަނގަޅު ކާމިޔާބީތަކެއް ހޯދަން ކަމަށްވެސް ވިދާޅުވިއެވެ.
"ކޯޗުގެ އެހީތެރިކަން ލިބިގެންދާނެ އޭޖް ގްރޫޕުތަކުގެ ޓީމުތައް ބިނާކުރުމާއި ކަންކަމުގައި. އަދި ޓެކްނިކަލީ، ޓެކްޓިކަލީ ކަންކަމުގައިވެސް އަޅުގަނޑުމެންގެ ކޯޗުންނަށްވެސް އެހީތެރިކަން ފޯރުކޮށްދީގެން ކުރިއަށްދާނީ. މިހާރު ކޯޗަށް ދީފައި އޮތް ޓާގެޓަކީ ކުރިމަގަށް ރަނގަޅު ގައުމީ ޓީމެއް ބިނާކުރުން،" އޭނާ ވިދާޅުވިއެވެ.
ބައްސާމް އިތުރަށް ވިދާޅުވީ ސާފް ޗެމްޕިއަންޝިޕަކީ ރާއްޖެއަށް މުހިންމު މުބާރާތަކަށް ވެގެންދިޔަ ނަމަވެސް މިހާރުން މިހާރަށް އެ މުބާރާތް ކާމިޔާބުކުރުމަކީ ލާޒިމް ކަމެއް ނޫން ކަމަށާއި، މިހާރު ކުރެވިގެންދާ މަސައްކަތަކީ ރަނގަޅު ކުރިމަގެއް، ޒުވާން ޖީލެއް އުފެއްދުމުގެ މަސައްކަތް ކަމަށެވެ.
ގައުމީ ޓީމުގެ ކޯޗުގެ މަގާމަށް ސެގަޓް ހަމަޖައްސާފައިވަނީ ކުރިން އެ މަގާމުގައި ހުރި އޮސްޓްރޭލިއާގެ ޑެރަން ސްޓެވާޓްގެ ކޮންޓްރެކްޓް ހަމަވުމާ ގުޅިގެންނެވެ. ސްޓެވާޓް މަސައްކަތްކުރި މުއްދަތުގެ ތެރޭގައި އޭނާއަށް ގައުމީ ޓީމަށް އެދެވޭ ނަތީޖާތަކެއް ހޯދައިދެވިފައިނުވާ އިރު، އޭޝިއަން ކަޕަށް ކޮލިފައިކޮށްދިނުމަށް އޭނާއަށް ހަވާލުކުރެވުނު ޓާގެޓް ހާސިލްކުރެވިފައެއް ވެސް ނުވެއެވެ.