މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް މިއަދު މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ބިލަށް، މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު މުހައްމަދު ހުސައިން އާއި ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވޯޓެއް ނުދެއްވި އެވެ.
އެ މެމްބަރުންނަކީ މިއަދު މަޖިލީހަށް ހާޒިރުވެ އެ ވޯޓުގައި ބައިވެރިވެފައި ނުވާ މެމްބަރުންނެވެ. އެންޓި ޑިފެކްޝަން ބިލަށް އެ ދެ މެމްބަރުން ވޯޓު ނުދެއްވި ނަމަވެސް މިއަދު ފާސްކުރި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ދެ މެމްބަރުންވެސް ވަނީ ވޯޓު ދެއްވައިފައެވެ.
އެ ދެ މެމްބަރުން އެންޓި ޑިފެކްޝަން ބިލަށް ނުދެއްވި ސަބަބެއް ސާފެއް ނުވެ އެވެ. އޭގެ އިތުރުން ޕީޕީއެމްގެ މެމްބަރުންގެ ތެރެއިން މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު މިއަދުގެ ޖަލްސާގައި ބައިވެރި ވަޑައެއް ނުގަންނަވައެވެ. ފަޒާދުގެ ބައްޕާފުޅު ނިޔާވުމާ ގުޅިގެން މި ފަހުން ބާއްވާ އެއްވެސް ޖަލްސާއެއްގައި ފަޒާދު ބައިވެރިވެ ވަޑައިގެންފައެއް ނުވެއެވެ.
މިއަދު މަޖިލީހުގައި އެ ބިލު ފާސްކޮށްފައިވަނީ 36 މެމްބަރުންގެ ވޯޓާ އެކުއެވެ. މަޖިލީހުގެ ޖަލްސާގައި އިދިކޮޅު މަޖިލިސް މެމްބަރުން ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.
އެންޓި ޑިފެކްޝަން ބިލު މަޖިލީހުން ފާސްކޮށްފައި ވަނީ އެ ބިލު ހިނގާނީ 13 ޖުލައި 2017 ވަނަ ދުވަހުގެ ފަހުން މަޖިލީހުގެ މެމްބަރެއް ނޫން ކަމަށް އިލެކްޝަނުން މަޖިލީހަށް އަންގާފައިވާ ހާލަތްތަކުން ފެށިގެން ކަމަށް ކަނޑަ އެޅުމަށް ފަހު އެވެ. އެ ބިލު މަޖިލީހަށް ހުށަހެޅި އިރު ބުނެފައި ވަނީ އެ ބިލަށް އަމަލު ކުރަން ފަށާނީ ގާނޫނަކަށް ބަދަލުވެ ތަސްދީގު ކުރާ ދުވަހުން ފެށިގެން ކަމަށެވެ.
އެގޮތަށް ބިލު ފާސްކުރުމާ އެކު މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑަ އަޅާފައިވާ 12 މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ޕީޕީއެމުން ވަނީ ބުނެފައެވެ.
ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަނުން ކަނޑައަޅާފައި ވަނީ، މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނު، ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދު، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދު، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން، ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމް، މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު، ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ، ހަނިމާދޫ ދާއިރާގެ މެންބަރު ހުސައިން ޝަހުދީ، އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ)، ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ، ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އެވެ.