އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ހއ. އަތޮޅުގެ ބުރުގެ ހޯމް މެޗުގައި ތަފާތު ބޮޑު މޮޅެއް ހޯދައި މުރައިދޫން ޒޯން ބުރުގެ އުންމީދު ބޮޑުކޮށްފިއެވެ.
ހއ. އަތޮޅު ބުރުގައި މިއަހަރު ވާދަކުރުމަށް ފުރަތަމަ ތިން ޓީމު އޮތް ނަމަވެސް އިހަވަންދޫން ވަނީ މުބާރާތުން ވަކިވެފައެވެ. އެހެން ކަމުން މިހާރު ހއ. އަތޮޅު ބުރުގައި ވާދަކުރުމަށް ހަމަޖެހިފައިވަނީ ދެ ޓީމެވެ. އެއީ ދިއްދުއާއި މުރައިދުއެވެ. އަތޮޅު ބުރުގައި އެ ދެޓީމު ކުޅޭނީ ހޯމް އަދި އަވޭ މެޗެކެވެ.
އަތޮޅު ބުރުގެ ފުރަތަމަ ލެގުގެ މެޗުގައި މިއަދު ދިއްދުއާއި މުރައިދޫ ވާދަކުރި މެޗު ނިމުނީ 3-0 ގެ ނަތީޖާއަކުން މުރައިދޫން މެޗު ކާމިޔާބުކޮށްގެންނެވެ.
މެޗުގެ ފުރަތަމަ ހާފް ނިމެންދަނިކޮށް މުރައިދުއަށް ލީޑު ނަގައިދިނީ ސިރާތު އަބްދުލް އަޒީޒެވެ. މެޗުގެ ދެވަނަ ހާފަށްވެސް މުރައިދޫ ނުކުތީ ވަރުގަދަ ކޮށެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 51 ވަނަ މިނެޓުގައި މުރައިދޫން ލީޑު ފުޅާކުރީ ދިއްދޫގެ އާދަމް ނަސީމް އަތުން ބައިކޮޅަށް ވަން ގޯލަކާ އެކީގައެވެ.
މުރައިދޫން ދިއްދުއާ ވާދަކުރާ ދެވަނަ ލެގު ދިއްދޫގައި އޮންނާނީ މިމަހުގެ 15 ވަނަ ދުވަހުގައެވެ.