ލަންކާގެ ކޭޑީޔޫ ޔުނިވާސިޓީން ޑޮކްޓަރުކަން ކިޔެވުމަށް ރާއްޖެއަށް 100 ޖާގަ

ލަންކާގެ ކޭޑީޔޫ ޔުނިވާސިޓީން އެމްބީބީއެސް ހެދުމަށް ދިވެހި 20 ދަރިވަރަކަށް ޖާގަ ދިނުމަށް ސޮއިކުރި އެއްބަސްވުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ސްރީލަންކާގެ އަސްކަރީ ޔުނިވާސިޓީއެއް ކަމުގައިވާ ކޮތަލާވަލަ ޑިފެންސް ޔުނިވާސިޓީ (ކޭޑީޔޫ)އިން ފަސް އަހަރު ތެރޭގައި ރާއްޖޭގެ 100 ދަރިވަރަކަށް އެމްބީބީއެސް ހެދުމުގެ ފުރުސަތު ފަހިކޮށްދީފިއެވެ.

މިއަދު ހެނދުނު އެޑިއުކޭޝަން މިނިސްޓްރީގައި އެކަމަށް ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި ކޮތަލާވަލަ ޑިފެންސް ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ކޮލެޖުގެ ވައިސް ޗާންސެލާ ރިއާ އެޑްމިރާލް ޖޭޖޭ ރަނަސިންހައެވެ. އަދި ރާއްޖޭގެ ފަރާތުން ސޮއި ކުރެެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމެވެ.

މި އެއްބަސްވުމުގެ ދަށުން، އަހަރަކު 20 ދަރިވަރުންގެ އުސޫލުން، ފަސް އަހަރު ތެރޭގައި ޖުމްލަ 100 ދަރިވަރަކަށް އެމްބީބީއެސް ހެދުމަށް ކޭޑީޔޫއިން ޕްލޭސްމެންޓް ކަށަވަރުކޮށްދޭނެއެވެ. ކޭޑީޔޫއިން ޕްލޭސްމެންޓް ކަށަވަރުކޮށްދޭ އިރު، ކޯހުގެ ފީ ވެސް އަގުހެޔޮކޮށްދީފައިވެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. އައިޝަތު ޝިހާމް ވިދާޅުވީ ސޮއި ކުރެވުނު އެއްބަސްވުމުގެ ދަށުން އެހެން ދާއިރާތަކުންވެސް އެހީތެރިވެދިނުމަށް ހަމަޖެހިގެން ދާނެ ކަމަށެވެ.

ލަންކާގެ ކޭޑީޔޫ ޔުނިވާސިޓީން އެމްބީބީއެސް ހެދުމަށް ދިވެހި 20 ދަރިވަރަކަށް ޖާގަ ދިނުމަށް ސޮއިކުރި އެއްބަސްވުމުގެ ރަސްމިއްޔާތުެގެ ތެރެއިން-- ފޮޓޯ: އެޑިއުކޭަން މިނިސްޓްރީ

އެ ޔުނިވާސިޓީގައި މިހާރުވެސް ލޯނު ސްކީމްގެ ދަށުން 34 ދިވެހި ދަރިވަރުން ކިޔަވަމުންދާ ކަމަށްވެސް ޑރ. އައިޝަތު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެއާ ލަންކާއާ ދެމެދު ކުރެވުނު ޖޮއިންޓް ކޮމިޝަން މަޝްވަރާތަކުގެ ދަށުން ލަންކާ ކޮލަމްބޯ ޔުނިވާސިޓީން ސްކޮލަރޝިޕްތަކެއް ރާއްޖެއަށް ދީފައި ވާކަމަށާއި، އެކަމާ ގުޅޭ އިއުލާންތައްވެސް ވަރަށް އަވަހަށް މިނިސްްޓްރީން ކުރާނެކަމަށެވެ.

ޑރ. އައިޝަތު ވަނީ މެޑިސިންގެ ދާއިރާއިން ކިޔަވާ ދަރިވަރުންގެ އަދަދު އިތުރުވަމުންދާކަން ފާހަގަކުރައްވައި. އެކުދިން ގައުމަށް އައިސް ހިދުމަތް ކުރުމަށްވެސް ގޮވާލައްވައިފައެވެ.

"ރާއްޖެއިން ބޭރުގައި މިހާރުވެސް އެމްބީބީއެސް ހެދުމަށް 313 ކުދިން ކިޔަވަމުން އެބަގެންދޭ. އަދި އޭގެ އިތުރުން ޕޯސްޓްގެރެޖުއޭޓް 58 ކުދިން އެބަ ހަދަމުން އެބަގެންދޭ،" ޑރ. އައިޝަތު ވިދާޅުވިއެވެ.

އެމްބީބީއެސް ހަދަމުންދާ ކުދިން ރާއްޖޭގައި މިފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން 2014 ވަނަ އަހަރު 33 ދަރިވަރަކު އެމްބީބީއެސްއަށް ކިޔެވުމުގެ ފުރުސަތު ހޯދިއިރު މިދިޔަ އަހަރު 74 ދަރިވަރަކު އެ ފުރުސަތު ހޯދައިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް