ކޮލޮމްބޯ (މާޗް 9): ހުކުރު ނަމާދު ވަގުތު ސްރީލަންކާގެ މުސްލިމުންނަށް ބުދިސްޓުން ހަމަލާ ދީފާނެކަމުގެ ބިރުވެރިކަން އޮތް ކަމަށް އެގައުމުގެ ބައެއް ރައްޔިތުން ބުނެފިއެވެ.
މިދިޔަ އާދިއްތަ ދުވަހު ލަންކާގެ ކެންޑީގައި ބުދިސްޓުންނާއި މުސްލިމުންނާ ދެމެދު ފެށުނު ހަމަނުޖެހުންތައް ހުއްޓުވުމުގެ ގޮތުން އެސަރަހައްދުގައި ކާފިއު ހިންގައި، ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރި ނަމަވެސް މުސްލިމުންނަށް އަދިވެސް ދަނީ ހަމަލާތައް ދެމުންނެވެ.
ކެންޑީގެ ރައްޔިތެއް ކަމަށްވާ ފާތިމަތު ރިޒްކާއާ ހަވާލާދީ އަލްޖަޒީރާގައިވާ ގޮތުން ހުކުރު ދުވަހު ބުދިސްޓުން ހަމަލާއެއް ދޭން އުޅޭކަމުގެ ހަބަރު ވަނީ ފެތުރިފައިއެވެ. އޭގެ ސަބަބުން އެސަރަހައްދުގައި ދިރިއުޅޭ ފިރިހެނުން ދަނީ އެމީހުންގެ ގެތައް ކައިރީ ފޯރިމަރަމުން ކަމަށް އޭނާ ބުންޏެވެ.
"އަންހެނުންނާއި ކުޑަކުދިން ގޭގައި އެކަނި ނުބޭތިއްބުމަށް ބައެއް ފިރިހެނުން އެހެން ގަޑިއެއްގައި ނަމާދު ކުރާ ގޮތަށް ހަމަޖައްސަމުން އެބަދޭ،" ރިޒްކާ ބުންޏެވެ.
އަދި ބުދިސްޓުންގެ ހަމަލާތަކުން މުސްލިމުން ރައްކާތެރިކުރުމަށް ލަންކާގެ ފުލުހުން މަސައްކަތް ނުކުރާކަމަށްވެސް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.
ލަންކާގައި ހަމަނުޖެހުންތައް ފެށުނީ ކެންޑީ ޑިސްޓުރިކްޓުގެ ތެލެދޭނިޔާގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން މުސްލިމުންނާއި ބުދިސްޓުންނާ ދެމެދު ހަމަނުޖެހުމެއް ހިނގައި، ބުދުދީނުގެ މީހަކު މަރުވުމުންނެވެ.
އަދި އޭގެ އަނެއް ދުވަހު ހަރުކަށި ވިސްނުމުގެ ބުދިސްޓުންގެ ބަޔަކު ވަނީ ކެންޑީއަށް ގޮސް މުސްލިމުން ހިންގާ ވިޔަފާރިތަކާއި މިސްކިތްތަކުގައި ރޯކޮށްފައެވެ. އެއަލިފާނުގެ ސަބަބުން 23 އަހަރުގެ މުސްލިމް ފިރިހެނަކު ވަނީ މަރުވެފައެވެ.
އަދި އެހާދިސާއާ ގުޅިގެން އިތުރު ހަމަނުޖެހުންތައް އުފެދިދާނެތީ އަންގާރަ ދުވަހު ލަންކާ ސަރުކާރުން ވަނީ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ކެންޑީގައި ކާފިއު ހިންގާފައެެވެ. ނަމަވެސް އޭގެ ފަހުންވެސް ބުދިސްޓުންގެ ބަޔަކު ދަނީ ކެންޑީގައި މުސްލިމުންނަށް އަމާޒުކޮށް ހަމަލާތައް ދެމުން ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
މީގެ އިތުރުން ހަމަނުޖެހުމަށް ހިތްވަރު ދިނުން ހުއްޓުވުމުގެ ގޮތުން ކެންޑީގައި ވަނީ އިންޓަނެޓުގެ ހިދުމަތް ކަނޑާލައި، ވަޓްސްއެޕާއި ވައިބާ ބްލޮކްކޮށްފައެވެ.
(އަލްޖަޒީރާ)