ގޮންޖެހުންތަކުގައި އަވައްޓެރި ސްރީލަންކާއާ ގުޅިގެން މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފިއެވެ.
ރައީސް މިހެން ވިދާޅުވެފައިވަނީ ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކައަށާއި ބޮޑުވަޒީރު ޑރ. ހަރީނީ އަމަރަސޫރިޔާއަށް ތަހުނިޔާއާއި ހެޔޮ އެދުންތައް ފޮނުއްވަމުންނެވެ.
ރައީސް މުއިއްޒު ވަނީ އިޖުތިމާއީ، އަދި އިޤުތިޞާދީ ކުރިއެރުމަށް ހުރި ފުރުޞަތުތައް ހޯދުމަށާއި ސަރަޙައްދީ ހަމަޖެހުމަށާއި ސުލްޙައާއި ލާބައަށް ދެ ޤައުމު ގުޅިގެން އެކުގައި މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން އޮތްކަމުގައި ވިދާޅުވެފައެވެ.
ސްރީލަންކާގެ ރައީސް ދިސާނަޔަކައަށާއި ބޮޑުވަޒީރު ޑރ. އަމަރަސޫރިޔާއަށް ރައީސް މުއިއްޒު ވަކިވަކިން ފޮނުއްވި މި ތަހުނިޔާގެ ސިޓީފުޅުތަކުގައި، ސްރީލަންކާއަށް މިނިވަންކަން ހޯދުމުގެ ދަތުރުގައި އެ ޤައުމުގެ ކުރިއެރުމާއި ލާބައަށްޓަކައި ރައްޔިތުން ދެއްކި އަޒުމާއި ސާބިތުކަން ފާހަގަކުރައްވާފައިވެއެވެ.
މީގެ އިތުރުން, ރައީސްގެ ސިޓީފުޅުތަކުގައި ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ޒަމާންވީ ގާތް ގުޅުމާއި ދެ ޤައުމުން ހިއްސާކުރާ އެއްގޮތް ސަގާފީ މުޢާމަލާތްތައް އިތުރުވެ، ގާތް ސަރަހައްދީ ދެ ޤައުމުގެ ހައިސިއްޔަތުން އެއް ޤައުމު, އަނެއް ޤައުމަށް ދިމާވާ ގޮންޖެހުންތަކާއި ދެ ޤައުމަށް ފައިދާހުރި ކަންކަމުގައި ގުޅިގެން މަސައްކަތްކުރާކަން އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ ގާތް ގުޅުމަކީ، އެކުވެރިކަމުގެ މައްޗަށް ބިނާވެފައި އޮތް، ދެ ޤައުމު ގަބޫލުކުރާ ހަމަތަކެއްގެ މަތިން އެއް ޤައުމު, އަނެއް ޤައުމަށް ކުރާ އިހުތިރާމުގެ މައްޗަށް ބިނާވެފައި އޮތް ގުޅުމެއްކަން ވެސް ރައީސް ވަނީ ފާހަގަކުރައްވާފައިވެއެވެ.