ސްރީ ލަންކާގެ ކުރީގެ ނުފޫޒުގަދަ ރާޖަޕަކްސާގެ ދެބެއިން ވެސް ހިމެނޭހެން ދައުލަތުގެ އަގުބޮޑު ގެތަކުގައި ދިރިއުޅުއްވާ ރައީސުން އެ ތަންތަނުން ވަގުތުން ނުކުތުމަށް އެ ގައުމުގެ ވައަތުފިޔައިގެ ސަރުކާރުން އަންގައިފިއެވެ.
ކޮލަމްބޯގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިންފޮމޭޝަން މިނިސްޓަރު ނަލިންދާ ޖަޔަތީސާ ވިދާޅުވީ ދައުލަތުގެ އެ ގެތައް އަޕްމާކެޓް ބޫޓިކް ހޮޓަލްތަކަށް ނުވަތަ މިއުޒިއަމްތަކަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ސަރުކާރުގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ބަދަލުގައި ކުރީގެ ލީޑަރުންނަށް ދެން ދޭނީ ކުލީގެ ގޮތުގައި ދައްކަންޖެހޭ 107 އެމެރިކާ ޑޮލަރެވެ. އަދި މިއީ 1986 ވަނަ އަހަރު ނެރެފައިވާ ގާނޫނެއްގެ ދަށުން އެ މީހުންނަށް ހައްގުވާ އެއްޗެއް ކަމަށް ވެސް ޖަޔަތީސާ ވިދާޅުވިއެވެ.
ޖަޔަތީސާ ވިދާޅުވީ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ދިރިއުޅުއްވަމުން ގެންދަވަނީ މަހަކު 16،500 ޑޮލަރު (4.6 މިލިއަން ރުޕީސް) ގެ ކުލީގެ އަގު ހުރި ސަރުކާރުގެ ގެއެއްގައި ކަމަށާއި އެއީ ރަސްމީ ގޮތުން ހައްގުވާ މިންވަރަށް ވުރެ 150 ގުނަ އަށް ވުރެ ބޮޑު އަދަދެއް ކަމަށެވެ.
"މުސްތަގުބަލުގައި ކުރީގެ ރައީސުންނަށް ނުވަތަ އެމީހުންގެ ހުވަފަތް އަނބިންނަށް ސަރުކާރުން ބޯހިޔާވަހިކަމެއް ނުދޭނެ،" ޖަޔަތީސާ ވިދާޅުވިއެވެ.
"އެމީހުންނަށް ހަމައެކަނި ލިބޭނީ ޕެންޝަންގެ ތިންބައިކުޅަ އެއްބައި އާއި އެއްވަރުގެ ކުލީ އެލަވަންސެއް ކަމަށްވާ 30،000 ރުޕީސް،"
އެކަމާ ގުޅިގެން މަހިންދަ ރާޖަޕަކްސަގެ ފަރާތުން ބަހެއް ލިބިފައި ނުވި ނަމަވެސް، ލިޔުމުން ނޯޓިސް ދީފި ނަމަ ގެ ހުސްކުރަން ތައްޔާރަށް ހުރި ކަމަށް ލަންކާގެ މީޑިއާ ރިޕޯޓެއްގައި ބުނެފައިވެއެވެ.
ޖަޔަތީސާ ވިދާޅުވީ އަންގާރަ ދުވަހުގެ އާންމު ބަޔާނަކީ ނޯޓިސްގެ ގޮތުގައި ބަލައި، ގެތައް ވަގުތުން ހުސްކުރެވިދާނެ ކަމަށެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި 2021 ވަނަ އަހަރު ބޮޑު ވަޒީރުކަމުގެ މަގާމުގައި ހުންނެވިއިރު، ރާޖަޕަކްސާ ވަނީ ކުރީގެ ރައީސެއްގެ ހައިސިއްޔަތުން މިހާރު ދިރިއުޅުއްވާ ގެ މަރާމާތުކޮށް އާ ކުރުމަށް ސަރުކާރުގެ ފައިސާގެ 800 މިލިއަން ރުޕީސް ޚަރަދު ކުރައްވާފައެވެ.
ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން 2022ވަނަ އަހަރުގެ ޖުލައި މަހު ރައީސްކަމުން ވަކިވާން މަޖުބޫރުވި އޭނާގެ ކޮއްކޮ ގޮތަބަޔާ ރާޖަޕަކްސާ ވެސް ދިރިއުޅެމުން ދަނީ ދައުލަތުގެ ގެއެއްގައެވެ.
ކުރީގެ ދެ ރައީސުން ކަމަށްވާ ޗަންދްރިކާ ކުމާރަތުންގާ އާއި މައިތުރިޕާލާ ސިރިސޭނާ ދިރިއުޅުއްވަނީ ކޮލަމްބޯގެ ޑިޕްލޮމެޓިކް ކުއާޓާގައި ހުންނަ ސަރުކާރުގެ ގެތަކުގައެވެ.
އޭގެ ތެރެއިން ގިނަ ތަންތަނަކީ އިނގިރޭސިވިލާތުގެ އިސްތިއުމާރީ ވެރިކަމުގައި ލަންޑަނުގެ ސިވިލް ސާވަންޓުންނަށް ހާއްސަކޮށްގެން ހަދާފައިވާ ގެތަކެކެވެ.
ލަންކާގެ މިހާރުގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ މިދިޔަ ސެޕްޓެމްބަރު މަހު ވެރިކަމަށް ވަޑައިގެންނެވީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންނެވެ. އާ ސަރުކާރުން މިދިޔަ މަހު ވަނީ ކުރީގެ ލީޑަރުންގެ ސެކިއުރިޓީ މުވައްޒަފުންގެ އަދަދު ވަރަށް ބޮޑަށް މަދުކޮށްފައެވެ.