އެސްއޯގެ ކުރީގެ ކޮމާންޑަރު އަބްދުﷲ އިބްރާހިމް ހައްޔަރުކޮށްފި

އެސްއޯގެ ކުރީގެ ކޮމާންޑަރު ޑީޑީ: އޭނާ ވަނީ ފުލުހުން ހައްޔަރުކޮށްފައި ---

ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަންސް (އެސްއޯ) ގައި މީގެ ކުރިން މަސައްކަތް ކުރި ގއ. ގެމަނަފުށީ އިރުމަތީގޭ އަބްދުﷲ އިބްރާހިމް (ޑީޑީ) ފުލުހުން ހައްޔަރުކޮށްފިއެވެ.

ކުރިން މާލޭގައި މަސައްކަތްކުރި ޑީޑީ ވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން އޭނާގެ އުފަން ރަށް ގެމަނަފުށީ ޕޮލިސް ސްޓޭޝަނަށް ބަދަލުކޮށްފައެވެ. އަދި އެ ރަށުގައި ހުއްޓައި އޭނާގެ ފޯނު ވެސް ފުލުހުން ވަނީ ހިފަހައްޓައިފައެވެ.

ފުލުހުންގެ އިންސްޕެކްޓަރ ޢަބްދުﷲ އިބްރާހީމް، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ-- ފޮޓޯ: ސޯޝަލް މީޑިއާ

އެނގިފައިވާ ގޮތުގައި ޑީޑީ ފުލުހުން ހައްޔަރުކޮށްފައިވަނީ މާލެ އައިސް ފުލުހުންގެ ހެޑް ކުއާޓަރަށް ރިޕޯޓް ކުރުމަށް އަންގާފައި ވަނިކޮށް މިއަދު ހަވީރު ގެމަނަފުށިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އައިތަނުންނެވެ.

ޑީޑީގެ ފޯނު ހިިފަހައްޓާފައިވަނީ ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައެވެ. އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމުގައި އެކުލަވާލެވުނު ޓީމުގައި އެސްއޯގެ ކޮމާންޑަރެއްގެ ގޮތުން ހަމަޖައްސާފައިވަނީ ޑީޑީއެވެ.

ޑީޑީއަކީ މީގެ ކުރިން ފުލުހުންގެ ސްޕެޝަލިސްޓް އޮޕަރޭޝަން (އެސްއޯ)ގެ ތެރޭގައި އޮންނަ ސްޕެޝަލް ވެޕަންސް އެންޑް ޓެކްޓިކްސް (ސްވަޓް)ގެ ކުރީގެ ކޮމާންޑަރު ހުސައިން ސައިފްއާ ގާތް މީހެއް ކަމަށް އެނގިފައިވެއެވެ.

ސައިފް އާއި އިތުރު ފުލުހަކުވެސް ވަނީ މީގެކުރިން ހައްޔަރުކޮށްފައެވެ. އެ ދެ މީހުން ހައްޔަރު ކުރީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.

"ސަން" އަށް އެނގިފައިވާގޮތުގައި ސައިފްވެސް ހައްޔަރުކޮށްފައި ވަނީ ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެންނެވެ.

comment ކޮމެންޓް