މި އަހަރުގެ އޭޕްރިލް މަހު އެކްސިޑެންޓުތައް 12 އިންސައްތަ އިތުރު

އެކްސިޑެންޓެއްގައި ގެއްލުންވި ކާރެއް: މި އަހަރުގެ އޭޕްރިލް މަހު އެކްސިޑެންޓުތައް ވަނީ 12 އިންސައްތަ އިތުރުވެފައި -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ފުލުހުންގެ ތަފާސްހިސާބުތަކުން ހާމަވާގޮތުގައި، މިދިޔަ އަހަރުގެ އޭޕްރިލް މަހާ އަޅައިބަލާއިރު މި އަހަރުގެ އޭޕްރިލް މަހު އެކްސިޑެންޓުތައް 12 އިންސައްތަ ވަނީ އިތުރުވެފައެވެ. މިގޮތުން ޖުމްލަ 874 މައްސަލަ ރިޕޯޓުކޮށްފައިވާއިރު އޭގެ ތެރެއިން 240 މައްސަލައަކީ ޓްރެފިކް އެކްސިޑެންޓެވެ. ނަމަވެސް މިއީ މާޗު މަހު ރިޕޯޓުކުރި 270 އެކްސިޑެންޓާ އަޅައިބަލާއިރު ދަށް އަދަދެކެވެ. މީގެ އިތުރުން ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތައްވެސް ވަނީ ގިނަ އަދަދަކަށް ރިޕޯޓުކޮށްފައެވެ.

  • މި އަހަރުގެ އޭޕްރިލް މަހު 240 ޓްރެފިކް އެކްސިޑެންޓް ވަނީ ފުލުހަށް ހުށަހަޅާފައި
  • މިދިޔަ އަހަރުގެ އޭޕްރިލް މަހާ އަޅައިބަލާއިރު މިއީ 12.7 އިންސައްތައިގެ އިތުރުވުމެއް
  • އެކްސިޑެންޓުގެ އިތުރުން ވައްކަމުގެ 240 އަދި މަސްތުވާތަކެތީގެ 169 މައްސަލަ ރިޕޯޓުކޮށްފައިވޭ
  • އެންމެ ގިނައިން އެކްސިޑެންޓު ހިނގާ ސަރަހައްދުތަކުގެ ތެރޭގައި ސިނަމާލެ ބުރިޖު، ހައިވޭ، އައްޑޫ އަދި ފުވައްމުލައް ހިމެނޭ

މިދިޔަ އަހަރުގެ އޭޕްރިލް މަހަށްވުރެ މި އަހަރުގެ އޭޕްރިލް މަހު ދިވެހި ފުލުހުންގެ ޚިދުމަތަށް ރިޕޯޓުކޮށްފައިވާ އެކްސިޑެންޓުތައް 12 އިންސައްތަ އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުން ދައްކައިފިއެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ނިމުނު އޭޕްރިލް މަހު އެ އިދާރާއަށް 874 މައްސަލަ ރިޕޯޓުކޮށްފައިވާއިރު އެންމެ ގިނައީ އެކްސިޑެންޓުތަކުގެ މައްސަލަތަކެވެ. އެގޮތުން ޓްރެފިކް އެކްސިޑެންޓުގެ 240 މައްސަލައެއް ވަނީ ފުލުހަށް ހުށަހަޅާފައެވެ. އެއީ މިދިޔަ އަހަރުގެ އޭޕްރިލް މަހު ހުށަހެށި 213 މައްސަލައާ އަޅައިބަލާއިރު 12.7 އިންސައްތަ އިތުރު އަދަދެކެވެ.

އެހެންނަމަވެސް އެއީ، މި އަހަރުގެ މާޗް މަހު ހުށަހަޅައިފައިވާ އެކްސިޑެންޓްގެ ރިޕޯޓާ އަޅައިބަލާއިރު، މަދު އަދަދެކެވެ. އެގޮތުން އެ މަހު 270 އެކްސިޑެންޓް ރިޕޯޓުކޮށްފައިވެއެވެ.

މީގެ އިތުރުން ނިމުނު އޭޕްރިލް މަހު އެ ޚިދުމަތަށް ހުށަހަޅާފައިވާ ބައެއް މައްސަލަތަކުގެ ތެރޭގައި، ވައްކަމުގެ 240 މައްސަލައަކާއި މަސްތުވާތަކެތީގެ 169 މައްސަލައެއް ހިމެނެއެވެ. އަދި ގެއްލިފައިވާ ތަކެތީގެ 75 މައްސަލައެއްގެ އިތުރުން ހަމަލާދިނުމުގެ 37 މައްސަލައަކާއި ތަޅާފޮޅުމުގެ 37 މައްސަލައެއް ހުށަހަޅައިފައިވެއެވެ.

ޓްރެެފިކް ޕޮލިހެއް: އެކްސިޑެންޓުތައް އެންމެ ގިނަ ސަރަހައްދުތަކުގެ ތެރޭގައި ސިނަމާލެ ބުރިޖާއި ހައިވޭ ހިމެނޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީގެ އިތުރުން ވެސް ޖިންސީ ކުށްތަކުގެ 24 މައްސަލައަކާއި ގެވެށި އަނިޔާގެ 22 މައްސަލައަކާއި ޚިޔާނާތްތެރިވުމުގެ 16 މައްސަލައެއްގެ އިތުރުން ފޭރުމުގެ 16 މައްސަލައެއްވެސް ވަނީ ހުށަހަޅާފައެވެ. އަދި ސައްހަ ނޫން ލިޔެކިޔުމާއި ތަކެތި އުފެއްދުމުގެ ދެ މައްސަލައެއްވެސް ހުށަހަޅާފައިވާކަމަށް ތަފާސްހިސާބުތަކުން ވަނީ ދައްކާފައެވެ.

ނިމުނު އަހަރު ޓްރެފިކް އެކްސިޑެންޓުގެ ޖުމްލަ 3،076 މައްސަލައެއް ފުލުހަށް ހުށަހެޅިއިރު، މި އަހަރުގެ މިހާތަނަށް 1،064 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ތަފާސްހިސާބުތަކުން ވަނީ ދައްކާފައެވެ.

މާލެ ސަރަހައްދުގައި އެންމެ ގިނަ އެކްސިޑެންޓުތައް ހިނގާ ތަންތަނުގެ ތެރޭގައި ސިނަމާލެ ބުރިޖާއި ހައިވޭ ހިމެނެއެވެ. އަދި ދެކުނުން އަައްޑޫ ސިޓީއާއި ފުވައްމުލަކުގައި ވެސް ނުރައްކާތެރި, ގިނަ އަދަދެއްގެ އެކްސިޑެންޓުތައް ހިނގައެވެ.

comment ކޮމެންޓް