ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅިކަމުގެ ތުހުމަތު އަބްދުﷲ ޝާހިދަށް

އަބްދުﷲ ޝާހިދު: އޭނާގެ މައްޗަށް ވަނީ ގިނަ ތުހުމަތުތަކެއް ކޮށްފަ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އަމަން ބަލަހައްޓަމުން ދިޔަ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައިވާ އަބްދުﷲ ޝާހިދު ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގާފައިވަނީ މާދަމާ މެންދުރުފަހު 3:00 އަށެވެ.

ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތު އަބްދުﷲ ޝާހިދުގެ މައްޗަށް ކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ހަވީރު އިދިކޮޅު ފަރާތްތަކުން މާލޭގެ މަޖީދީމަގުގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި ޝާހިދުގެ އަމަލުތައް ހުރި ގޮތުން ކަމަށް އޭނާއަށް ފޮނިވި ޗިޓުގައިވެއެވެ.

އެގޮތުން އެދުވަހުގެ ހަވީރު މަޖީދީމަގާއި ސޯސަންމަގު ގުޅުނު ހިސާބުގައި އަމަން އަމާންކަން ނަގާލާ ހަމަނުޖެހުން އުފެއްދުމަށް މަސައްކަތްކޮށް، މަގުމަތީގެ ޓްރެފިކަށް ދަތިވާގޮތަށް މުޒާހަރާކޮށް އެ ސަރަހައްދުގެ އަމަން ބަލަހައްޓަމުން ދިޔަ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތު ޝާހިދުގެ މައްޗަށް ވަނީ ކޮށްފައެވެ.

މިދިޔަ ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ އެއްވުމުގެ ތެރެއިން ފުލުހުން ވަނީ އަބްދުﷲ ޝާހިދު ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންގޮސްފައެވެ. އޭނާ ދޫކޮށްލީ ޖެހިގެން އައި ދުވަހުއެވެ.

comment ކޮމެންޓް