އިދިކޮޅު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މަޖީދީ މަގުގައި ކުރިއަށް ގެންދާ އެއްވުމުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދާއި ކިނބިދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު ހައްޔަރުކޮށްފި އެވެ.
އޭގެ އިތުރުން މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު އަބްދުﷲ ވެސް ވަނީ ހައްޔަރުކޮށްފައެވެ.
އަބްދުﷲ ޝާހިދާއި އަބްދުﷲ ރިޔާޒުގެ ގާނޫނީ ވަކީލު ހިސާން ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ދެ ބޭފުޅުންނާވެސް ބައްދަލު ވެފައިވާ ކަމަށެވެ. އަދި ދެބޭފުޅުންވެސް ދޫނިދުއަށް، ހައްޔަރަށް ގެންދާނެ ކަމުގެ މައުލޫމާތު ފުލުހުން ދީފައިވާ ކަމަށް ހިސާން ވިދާޅުވިއެވެ.
ޝާހިދާއި ރިޔާޒު ހައްޔަރުކުރީ ކުއްލި ހާލަތުގެ ދަށުން ކަމެއް ނުވަތަ ނޫން ކަމެއް އަދި ނިންމާފައި ނުވާ ކަަމަށް ފުލުހުން ބުނެފައިވާ ކަމަށް ހިސާން ވިދާޅުވިއެވެ.
އެ ދެ ބޭފުޅުންނާ އެކު މިވަގުތު ފުލުހުންގެ ހައްޔަރުގައި ޖުމްލަ ހަ މަޖިލިސް މެމްބަރުން އެބަ ތިއްބެވިއެވެ. އެއީ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފާއި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ޝިނާނެވެ.