ސިޓީއަތުން ބަލިވުމުން ވެންގާބުނީ ބަލިވީ އެންމެ މޮޅު ޓީމު އަތުން ކަމަށް

އާސެނަލްގެ ކޯޗު އާސެން ވެންގާ -- ގެޓީ ފޮޓޯ: އޭއެފްޕީ

އިންގްލިޝް ޕްރިމިއަރ ލީގުގައި ރޭ ތަފާތު ބޮޑު ނަތީޖާއަކުން މެންޗެސްޓާ ސިޓީއަތުން އާސެނަލް ބަލިވެއްޖެއެވެ.

ލީގު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީން ވަނީ، ރޭ އާސެނަލްގެ އަމިއްލަ ދަނޑުގައި އެޓީމު 3-0 ލަނޑުން ބަލިކޮށްފައެވެ.

މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު ކުޅުނު އިންގްލިޝް ލީގުކަޕް ފައިނަލްގައި ވެސް އާސެނަލް ވަނީ ހަމަ 3-0 ލަނޑުގެ ތަފާތަކުން ސިޓީއަތުން ބަލިވެފައެވެ. އެއާއެކު ވެންގާއަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފައެވެ.

ރޭގެ މޮޅާއެކު، ތާވަލުގެ އެއްވަނައިގައި 16 ޕޮއިންޓުގެ ލީޑެއް ސިޓީއަށް ލިބިފައިވާއިރު، މެޗުގައި އެޓީމުގެ ތިން ލަނޑުވެސް ފެނިގެން ދިޔައީ ފުރަތަމަ ހާފުގައެވެ. ސިޓީގެ ފުރަތަމަ ލަނޑު، މެޗުގެ 15 ވަނަ މިނިޓްގައި ބަރނަޑޯ ސިލްވާ ޖަހައިދިންއިރު، 28 ވަނަ މިނިޓްގައި އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޑޭވިޑް ސިލްވާއެވެ. އަދި 33 ވަނަ މިނިޓްގައި އެޓީމުގެ ލީޑު އިތުރަށް ފުޅާކޮށްދިނީ ލިރޮއީ ސާނޭއެވެ.

"މިއީ އެންމެ ވަރުގަދަ ފިޒިކަލް ގޭމެއް. އަހަރެމެން މި ސީޒަންގައި ކުޅުނު ފިޒިކަލީ އެންމެ ވަރުގަދަ ގޭމް މިއީ. ހަމައެހެންމެ ސިޓީންވެސް ކުޅުނީ އެފަދަ ކުޅުމެއް،" މެޗާ ބެހޭގޮތުން އާސެނަލްގެ ކޯޗު ބުންޏެވެ.

"އަހަރެން ބުނަން ޖެހެނީ، އަހަރެމެން ބަލިވީ މޮޅު ޓީމެއްގެ އަތުންނޭ. މިވަގުތު މިގައުމުގަވެސް އޮތް އެންމެ މޮޅު ޓީމާ ދެކޮޅަށް ކުޅެ."

ވެންގާ ބުނީ ފުޓްބޯޅައިގައި އުނދަގޫ ދުވަސްވަރުވެސް ކުރިމަތިވާނޭ ކަމަށާއި ނަސީބު ދެރަކަމުން އޭނާގެ ޓީމަށް މިއީ އެފަދަ ދުވަސްވަރެއް ކަމަށެވެ.

މި މެޗުގެ ނަތީޖާއާއެކު، 75 ޕޮއިންޓް ހޯދައިގެން މެންޗެސްޓާ ސިޓީ ލީގުގެ އެއްވަނައިގައި އޮތް އިރު، އާސެނަލް އޮތީ 45 ޕޮއިންޓާއެކު ތާވަލުގެ ހަވަނައިގައެވެ.

comment ކޮމެންޓް