ބޫޓާން މެޗުގެ ކުރިން ރާއްޖެއާއި ސިންގަޕޫރު ވާދަކުރާ އެކުވެރިކަމުގެ މެޗެއް

އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެއާއި އޮމާން ވާދަކުރި މެޗުގައި ފެނުނު ފުރަތަމަ 11 --- ސަން ފައިލް ފޮޓޯ

އޭޝިއަން ކަޕް ކޮލިފިކޭޝަން ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބޫޓާނާ ދެކޮޅަށް ނުކުތުމުގެ ކުރިން މި މަހުގެ 23 ވަނަ ދުވަހު ރާއްޖެއާއި ސިންގަޕޫރު ވާދަކުރާ އެކުވެރިކަމުގެ މެޗެއް ކުޅުމަށް ހަމަޖެހިފައިވާ ކަމަށް ސިންގަޕޫރުގެ ނޫހެއް ކަމަށްވާ 'ދަ ނިއުސް ޕޭޕާ' ގައި ބުނެފިއެވެ.

އޭއެފްސީ ކަޕް ކޮލިފައިންގައި ބޫޓާންއާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމު، މާލޭގައި ނުކުތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 27 ވަނަ ދުވަހުގައެވެ.

އެގައުމުގެ ގައުމީ ޓީމުގެ ސްޓޭޑިއަމް ގޮތުގައި ރަސްމީކޮށް ސިންގަޕޯ ސްޕޯޓްސް ހަބު ހަމަޖެއްސާ އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ހަފްލާއަށްފަހު އެގައުމުގެ ގައުމީ ޓީމުތައް އެ ސްޓޭޑިއަމްގައި މިއަހަރު ކުޅޭނެ ބައެއް މެޗުތައްވެސް ވަނީ އާއްމުކޮށްފައެވެ.

މީގެ ކުރިންވެސް 2014 ވަނަ އަހަރުން ފެށިގެން ސިންގަޕޫރުގެ ގައުމީ ޓީމުން ކުޅުނު 22 މެޗުން 11 މެޗު ކުޅެފައިވަނީ ސްޕޯޓްސް ހަބުގައެވެ. 55،000 މީހުންގެ ޖާގަ އެކުލެވޭ އެ ސްޓޭޑިއަމްގައި މިއަހަރު ސިންގަޕޫރުގެ ގައުމީ ޓީމުން ގާތް ގަނޑަކަށް 10 މެޗު ކުޅުމަށްވަނީ ހަމަޖެހިފައެވެ.

މި މަހުގައި ސިންގަޕޫރުގެ ގައުމީ އަންހެން އަދި ފިރިހެން ޑިވިޝަންގެ ހަތަރު މެޗެއް ތާވަލުކޮށްފައިވާއިރު، އަންނަ ހަފްތާގައި ރާއްޖޭގެ އަންހެން ޓީމާ ދެކޮޅަށް ސިންގަޕޫރު ކުޅޭ މެޗުވެސް އޭގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން ދެން ހިމެނެނީ އިންޑޮނޭޝިއާގެ ސީނިއާ ފިރިހެން ގައުމީ ޓީމާ 23 އަހަރުން ދަށުގެ ޓީމާ ދެކޮޅަށް ސިންގަޕޫރު ކުޅޭ ދެމެޗާއި ރާއްޖޭގެ ގައުމީ ޓީމާ ދެކޮޅަށް ކުޅޭ މެޗު އަދި އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ޓައިވާންއާ ދެކޮޅަށް ކުޅޭ މެޗެވެ.

"މެޗެއް ކުޅެވޭތޯ މަސައްކަތްތައް ކުރަމުންދަނީ. ސިންގަޕޫރާ ދެކޮޅަށް އެގައުމުގައި ކުޅޭ މެޗަށް ވަރަށް ބޮޑު ޔަގީން ކަމެއް އެބައޮތް. އެ މެޗަށްފަހު އޭޝިއަން ކަޕް ކޮލިފިކޭޝަން މެޗުގައި ބޫޓާންއާ ދެކޮޅަށް ނުކުންނާނެ ކަމަށް މިބަލަނީ،" ގައުމީ ޓީމުން ކުޅެން މަސައްކަތް ކުރާ މެޗާ ގުޅިގެން އެފްއޭއެމްގެ ޖެނެރަލް ސެކްރަޓަރީ ހުސައިން ޖަވާޒް 'ސަން ސްޕޯޓްސް'އަށް ވިދާޅުވިއެވެ.

ރާއްޖެއިން އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ކުޅުނު ބައެއް މެޗުތަކަށް އެކުވެރިކަމުގެ މެޗުތަކަކާ ނުލާ ނުކުންނަން ޖެހުމުން ކުރީގެ ކޯޗު ޑެރެން ސްޓެވާޓްވެސްވަނީ އެކަމަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. މިވަގުތު ރާއްޖޭގެ ސީނިއާ ގައުމީ ޓީމުގެ ކޯޗެއް ނެތް ނަމަވެސް، ވަރަށް އަވަހަށް ކޯޗެއްގެ ނަން ފައިނަލްކޮށް އިއުލާން ކުރާނެ ކަމަށް އެފްއޭއެމްއިންވަނީ ބުނެފައެވެ.

comment ކޮމެންޓް