އަލިފުއްޓަށް ހޫނު މަރުހަބާއެއް ކިޔަން މީދޫ ތައްޔާރު!

ރ. މީދޫ ދަނޑުގައި މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި ކުޅުނު މެޗެއްގައި ސަޕޯޓަރުން އެ ރަށު ޓީމަށް ތަރުހީބުދެނީ --- ފޮޓޯ: މީދޫ އެސްސީ/ މީސްމީޑިއާ

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ އަތޮޅު ބުރު ހޮސްޓްކުރާ ރަށްތައް އެފްއޭއެމްއިން އިއުލާންކޮށްފައި ވަނިކޮށް، އެފްއޭއެމްއިން ވަނީ ބަދަލެއް ގެނެސްފައެވެ. ރ. އަތޮޅު ބުރު އަލިފުށީގައި ބާއްވާގޮތަށް ކުރިން ނިންމާފައިވީ ނަމަވެސް، މިއަދު އެފްއޭއެމްއިން ވަނީ މީދޫގައި ބާއްވާގޮތަށް ނިންމައިފައެވެ. އެ ނިންމުމާ ގުޅިގެން އަލިފުށީ ރައްޔިތުން ވަނީ އެކަމާ ހިތްހަމަނުޖެހުން ވެސް ފާޅުކޮށްފައެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ އަތޮޅު ބުރު ކުރިންވެސް ހޮސްޓް ކުރަމުންދިޔައީ މީދޫގައެވެ. އަލިފުށީގައި ބާއްވާގޮތަށް ފުރަތަމަ ހަމަޖެހިފައި، ފަހުން މީދުއަށް ބަދަލުކުރުމާ ގުޅިގެން ދެ ރަށުގެ މެދުގައި މުބާރާތުގެ ތެރެއިން މައްސަލަތަކެއް ޖެހޭނެކަމަށް ބެލެވުނެވެ. ނަމަވެސް މުބާރާތުގެ ތެރެއިން އަލިފުށީ ޓީމަށް ފުރިހަމަ މެހެމާންދާރީ އަދާކުރުމަށް މީދޫ އޮތީ ތައްޔާރަށެވެ.

https://sun.mv/102064

މީދޫ ކައުންސިލްގެ މިނިވަން ޗެމްޕިއަންޝިޕް އޯގަނައިޒިން ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަރީފް، ސަން ސްޕޯޓްސްއަށް ވިދާޅުވީ އަލިފުށިން ތައްޔާރީތަކެއް ވަމުންދަނިކޮށް ލިބުނު ގެއްލުންތަކާ މެދު ހިތާމަކުރާ ކަމަށެވެ.

"އަލިފުށިންވެސް ތައްޔާރީތަކެއް ވަމުން ދިޔައީ. އެމީހުންނަށްވެސް ގެއްލުންތަކެއް ވާނެ. އެކަމާ އަޅުގަނޑުމެންވެސް ހިތާމަކުރަން. ނަމަވެސް އެފްއޭއެމްއިން އެވަނީ ހަރަދުގެ ބަދަލު ދޭން ނިންމާފައި. އަދި މުބާރާތުގައި އަލިފުށީ ޓީމުގެ ދަތުރުތަކަށްވެސް އެފްއޭއެމްއިން ހަރަދުކުރާގޮތަށް ހަމަޖެހިފައި އެވަނީ. އަޅުގަނޑުމެން އަލިފުއްޓަށް އުފަލާއެކު ފުރިހަމައަށް މަރުހަބާ ކިޔާނަން،" އޭނާ ވިދާޅުވިއެވެ.

ހޮސްޓްކުރާ ރަށެއްގެ ގޮތުގައި ފުރަތަމަ އަލިފުށި ކަނޑައެޅުމާއެކު އެ ރަށުން ތައްޔާރީތަކެއްވެސް ވަނީ ވެފައެވެ. ހަރަދުތަކެއްވެސް ކޮށްފައިވެއެވެ. ރ. އަތޮޅު ބުރު ފަހުން މީދުއަށް ބަދަލުކޮށްފައިވަނީ އެ އަތޮޅު ބުރުގައި ބައިވެރިވެފައިވާ އެހެން ޓީމުތަކުން ހުށަހަޅާފައިވާ މައްސަލަތައް ބެލުމަށްފަހު ކަމަށް އެފްއޭއެމްއިން ބުނެއެވެ.

ރ. އަތޮޅު ބުރު މީދުއަށް ބަދަލުކުރަން މިއަދު ނިންމި ނިންމުމާއެކު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ އަލިފުށިން ކުރި ހަރަދުގެ ބަދަލު ދޭނެ ކަމުގެ ޔަގީންކަން ދީފައެވެ. އޭގެ އިތުރުން މުބާރާތުގެ މެޗުތައް ކުޅުމަށް އަލިފުށީ ޓީމު މީދުއަށް ކުރާ ދަތުރުތަކުގެ ހަރަދުވެސް އެފްއޭއެމްއިން ކޮށްދޭނެކަމުގެ ޔަގީންކަންވެސް ދިނެވެ.

އެ އަތޮޅު ބުރު އަލިފުށީގައި ބާއްވާގޮތަށް ނިންމާފައި ވަނިކޮށް، މީދުއަށް ބަދަލުކުރުމަށް އެ ރަށުން ގިނަގުނަ މަސައްކަތްތަކެއްކުރިއެވެ. އެގޮތުން އެކަން ކާމިޔާބުވެގެންދިޔައީ ފަހުން ހުށަހެޅި ވަރުގަދަ ޕްރޮޕޯސަލްގެ ސަބަބުން ކަމަށް މީދޫ ކައުންސިލްގެ މިނިވަން ޗެމްޕިއަންޝިޕް އޯގަނައިޒިން ކޮމިޓީން ގަބޫލުކުރެއެވެ.

"އަޅުގަނޑުމެން މުބާރާތަށް އަލިފުއްޓަށް ދަތުރުކުރާނަމަ، ޖުމްލަ ހަތަރު ލައްކައެއްހާ ރުފިޔާ ހަރަދުކުރަންޖެހޭނެ. އަޅުގަނޑުމެން ފަހުން ޕްރޮޕޯސަލްއެއް ހުށަހެޅިން. އޭގެ ތެރޭގައި ޓީމުތަކަށް މި ރަށުގައި ހިލޭ ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުން ހިމަނާފައިވާނެ. އޭގެ އިތުރުން އެހެން ރަށްތަކުގެ ޓީމުތަކުންވެސް އެދޭ ގޮތް ބަޔާންކޮށްދޭ ސިޓީއާއެކު އަޅުގަނޑުމެން އެފްއޭއެމްއަށް ހުށަހެޅީ. އަޅުގަނޑުމެން އެއް ރޫހެއްގައި މަސައްކަތްކޮށްގެން މި ކާމިޔާބުވީ. މިއީ ރަށުގެ ރައްޔިތުންގެ މަސައްކަތް. އަޅުގަނޑުމެން އެއްވެސް ސިޔާސީ ނުފޫޒަކުންނެއް ނޫން މި ރަށުގައި ކުޅޭ ގޮތަށް ބަދަލުކުރީކީ،" ކޮމިޓީގެ ޗެއާމަން ޝަރީފް ވިދާޅުވިއެވެ.

މިހާރު ރ. އަތޮޅު ބުރު ބާއްވާ ރަށެއްގެ ގޮތުގައި މީދޫ ހަމަޖެހުމާއެކު އެ ރަށުގެ ތައްޔާރީތަކާ ގުޅޭގޮތުން ޝަރީފް ވިދާޅުވީ ދަނޑުގެ މަސައްކަތްތައް އެއްކޮށް ނިމިފައިވާ ކަމަށެވެ. ތައްޔާރީތަކަށް މީދޫގެ ރައްޔިތުން ދިން އެއްބާރުލުންވެސް އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ދަނޑު މިހާރު އެއްކޮށް ތައްޔާރުކުރެވިފައި އެވަނީ. ދެން ހުންނާނީ ނިންމާލަން ޖެހޭ ކުދިކުދި ކަންތައްތައް. އިރާދަކުރެއްވިއްޔާ އެކަންތައްތައް ވަރަށް އަވަހަށް ނިންމާލެވޭނެ. އެކަންކަމަށް ރަށުގެ ރައްޔިތުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބޭ. ކުރިންވެސް މި ރަށުގައި މުބާރާތް ބާއްވާފައިވަނީ ވަރަށް ކާމިޔާބުކަމާއެކު. މިފަހަރުވެސް އެ ފޯރީގައި ކާމިޔާބުކަމާއެކު ނިންމާލެވޭނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް." އޭނާ ވިދާޅުވިއެވެ.

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕް އަންނަ ހޮނިހިރު ދުވަހު ފެށުމަށް ކުރިން ތާވަލުކުރި ނަމަވެސް، އެފްއޭއެމްއިން ވަނީ މިމަހުގެ ހަތްވަނަ ދުވަހު ފަށާގޮތަށް ފަސްކޮށްފައެވެ. އެ މުބާރާތުގެ ރ. އަތޮޅު ބުރުގައި މީދުއާއި އަލިފުށީގެ އިތުރުން ދެން ވާދަކުރަނީ އުނގޫފާރު އަދި އިންނަމާދޫއެވެ.

comment ކޮމެންޓް