ރ. އަތޮޅު ބުރު މީދުއަށް ބަދަލުކޮށްފި، އަލިފުށީ ރައްޔިތުންގެ އުންމީދުތައް ފެނަށް!

މިނިވަން ޗެމްޕިއަންޝިޕަށް އަލިފުށި ދަނޑު ތައްޔާރުކުރުމުގެ މަސައްކަތުގެ ތެރެއިން --- ސަން ފޮޓޯ

އަތޮޅުތަކަށް ހާއްސަކޮށްގެން ބާއްވާ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ކުރިން ކޮންމެ އަހަރަކުވެސް އަތޮޅު ބުރު ހޮސްޓްކުރާ ރަށްތަކުން ޕްރޮޕޯސަލް ހުށަހަަޅަން ޖެހެއެވެ. އެގޮތަށް ރަށު ކައުންސިލްތަކުން ދަނޑުގެ މިންތައް ހިމަނައިގެން އެފްއޭއެމްއަށް ޕްރޮޕޯސަލް ހުށަހަޅައެވެ.

އެފްއޭއެމްއަށް ޕްރޮޕޯސަލް ހުށަހެޅުމުން އެކަން ބެލުމަށް ހާއްސަ ކޮމިޓީއަކުން ބެލުމަށްފަހު އެ އަތޮޅެއްގެ ބުރު ހޮސްޓްކުރާ ރަށް ނުވަތަ ރަށްތައް ނިންމައެވެ. އަތޮޅަކުން ގިނަ ރަށްތަކަކުން ބައިވެރިވެއްޖެ ނަމަ ދެ ގްރޫޕަކަށް ބަހާލައި، ކޮންމެ ގްރޫޕެއްގެ މެޗުތައް ކުޅޭ ރަށްތައް ޕްރޮޕޯސަލްތަކަށް ބެލުމަށްފަހު އެފްއޭއެމުން ކަނޑައަޅައެވެ.

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕް އަންނަ ހޮނިހިރު ދުވަހު ފަށާގޮތަށް ތާވަލުކޮށްފައިވާ އިރު، މިހާރު ވަނީ އަތޮޅު ބުރުތައް ހޮސްޓްކުރާ ރަށްތައް ވެސް އެފްއޭއެމުން ފައިނަލްކޮށްފައެވެ. އެގޮތަށް ވަކި ރަށެއްގައި ހޮސްޓްކުރާގޮތަށް ނިންމާފައިވަނިކޮށް، އެފްއޭއެމުން ވަނީ ހޮސްޓްކުރާ ރަށެއްވެސް މިއަދު ބަދަލުކޮށްފައެވެ. ވަކި ރަށެއްގައި ބާއްވާގޮތަށް ނިންމާފައިވަނިކޮށް، ހޮސްޓްކުރާ ރަށް ބަދަލުކުރަން ނިންމުމަކީ އެފްއޭއެމުން ކުރިން ގެންގުޅޭ އުސޫލެއް ނޫނެވެ.

މިނިވަން ޗެމްޕިއަންޝިޕަށް އަލިފުށި ދަނޑު ތައްޔާރުކުރުމުގެ މަސައްކަތުގެ ތެރެއިން --- ސަން ފޮޓޯ

ރ. އަތޮޅު ބުރު ފުރަތަމަ ބާއްވަން ނިންމީ އަލިފުށީގައި!

ރ. އަތޮޅު ބުރު އަލިފުށީގައި ހޮސްޓްކުރުމަށް އެފްއޭއެމުން ފުރަތަމަ ނިންމިއެވެ. އެގޮތަށް އެފްއޭއެމުން ނިންމުމުން އެކަމުގެ ހިތްހަމަނުޖެހުންތައް މީދޫއިން ފާޅުކުރަން ފެށިއެވެ.

މީދޫގެ ބައެއް ރައްޔިތުންގެ ފަރާތުން އެފްއޭއެމްގެ ރައީސް ބައްސާމްއަށް ބަހުގެ ހަމަލާތަކެއްވެސް އަމާޒުވެފައިވެއެވެ. އަލިފުށީގައި ހޮސްޓްކުރަން ނިންމީ ސިޔާސީ ގޮތުން ޕްރެޝަރެއް އައިސްގެން ކަމަށް ބުނެ، މީސް މީޑިއާ މެދުވެރިކޮށް ބައްސާމްގެ އިސްތިއުފާއަށް ވެސް ބައެއް ފަރާތްތަކުން ގޮވާލާފައިވެއެވެ.

މިއަހަރުގެ މުބާރާތުގައި ރ. އަތޮޅުން ބައިވެރިވެފައިވަނީ އަލިފުއްޓާއި މީދޫގެ އިތުރުން އުނގޫފާރު އަދި އިންނަމާދުއެވެ.

އެންމެ ފަހުން އަލިފުށީގެ އުންމީދުތައް ފެނަށް!

އަލިފުށީގައި ރ. އަތޮޅު ބުރު ބާއްވަން ނިންމި ހިސާބުން އެ ރަށުގެ ޒުވާނުންތަކެއް ބޮޑު އުންމީދުތަކެއް ކުރިއެވެ. އެހެން ޓީމުތަކުގެ މެހެމާންދާރީ ވަރުގަދަ ކުރުމާއި، އަމިއްލަ ފަސްގަނޑުގައި ކުޅޭ ރަށު ޓީމަށް ފޯރީގައި ތަރުހީބު ދިނުމަށް ރައްޔިތުން ތިބީ ތައްޔާރަށެވެ. ނަމަވެސްް އެކަންކަން ބަދަލުވެގެންދިޔައީ މީދުއަށް އަތޮޅު ބުރު ބަދަލުކުރިކަން އިއުލާންކުރި ހިސާބުންނެވެ.

އެކަމާ ގުޅޭގޮތުން ސަން ސްޕޯޓްސްއަށް މައުލޫމާތުދެއްވަމުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ) ވިދާޅުވެފައިވާ ގޮތުގައި ހޮސްޓްކުރާ ރަށް ކަނޑައަޅާއިރު ފުރަތަމަ ބަލަނީ ޕްރޮޕޯސަލްއަށެވެ.

"މިހާރު ކޮމިޓީގައި އެކަމުގެ މަޝްވަރާތައް ކުރެވެމުންދަނީ. ފަހަރުގައި ހޮސްޓްކުރާ ރަށް ބަދަލުވެދާނެ. އަދި ބުނަން ދަތި. އުސޫލަކީ އެންމެ ރަނގަޅު ހުށަހެޅުން. އެއާއެކު ބައިވެރިވާ ޓީމަކަށް ފަސޭހަވާނެ ގޮތް. ފުރަތަމަ ބަލަނީ ޕްރޮޕޯސަލްއަށް،" ރ. އަތޮޅު ބުރު ހޮސްޓްކުރާ ރަށް ބަދަލުކުރުމުގެ ކުރިން ޖަވާ ވިދާޅުވިއެވެ.

މިހާރު އެފްއޭއެމްއިން ވަނީ ހޮސްޓްކުރާ ރަށް ބަދަލުކޮށްފައިވާކަން ޓީމުތަކުގެ މެނޭޖަރުންނަށް ވެސް އަންގައިފައެވެ. އެ ސިޓީގައި ބުނެފައިވާ ގޮތުގައި، ހޮސްޓްކުރާ ރަށް މީދުއަށް ބަދަލުކޮށްފައިވަނީ އެ ބުރުގައި ބައިވެރިވެފައިވާ އެހެން ޓީމުތަކުން ހުށަހަޅާފައިވާ މައްސަލަތައް ބެލުމަށްފަހުއެވެ.

މިނިވަން ޗެމްޕިއަންޝިޕަށް އަލިފުށި ދަނޑު ތައްޔާރުކުރުމުގެ މަސައްކަތުގެ ތެރެއިން --- ސަން ފޮޓޯ

އަލިފުށިން ކުރީ ބޭކާރު ހަރަދެއް، އެ ހަރަދު އެފްއޭއެމްއިން ދޭނެ!

އަލިފުށީގައި ހޮސްޓްކުރާގޮތަށް ނިންމުމާއެކު އެ ރަށުގެ ރައްޔިތުން ފުރިހަމައަށް ތައްޔާރުވާން ފެށިއެވެ. އަންނަ ހޮނިހިރު ދުވަހު އެފްއޭއެމްގެ ވަފުދު އެ ރަށަށް ދިއުމުގެ ކުރިން ބޮޑެތި ހަރަދުތަކެއްކޮށް، އަލިފުށީގެ ގިނަ ރައްޔިތުންތަކެއްގެ އެހީތެރިކަމާއެކު ދަނޑުގެ ހުރިހާ ކަމެއް ފުރިހަމަކުރުމަށް ދިޔައީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވި ގޮތުގައި، ތައްޔާރީތަކަށް އަލިފުށިން ކުރި ހަރަދުގެ ބަދަލު އެ ރަށްތަކަށް ދޭނެއެވެ. އަދި މުބާރާތުގައި ވާދަކުރުމަށް އަލިފުށީ ޓީމުގެ ދަތުރުތަކުގެ ކަންތައްތައް ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން ވެސް ބައްސާމް ވަނީ ދީފައެވެ.

އެ ރަށު ދަނޑުގެ ތައްޔާރީތަކާ ބެހޭގޮތުން އެކަމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުންނާއި އެ ރަށު ޓީމުން ވަނީ މީދޫގައި ހޮސްޓްކުރާ ގޮތަށް ފަހުން ނިންމުމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އަދި ފަހުގެ ނިންމުމަކީ ސިޔާސީ ނިންމުމެއްގެ ގޮތުގައި އެ ފަރާތްތަކުން ސިފަކުރެއެވެ.

"މިހާރުވެސް އަޅުގަނޑުމެން 60 އިންސައްތައިގެ މަސައްކަތް ނިންމައިފިން. އަލިފުށީގެ ދަނޑަށް ބަރާބަރަށް ސަޕޯޓަރުންވެސް ހަމަވާނެ. މަސައްކަތުގައި ރަށުގެ ރައްޔިތުން ތިބީ ވަރުގަދަ ރޫހެއްގައި. އެފްއޭއެމްއިން މީދުއަށް ބަދަލުކުރުމުން ބޮޑު ގެއްލުމެއް ލިބޭނެ. އެފްއޭއެމްއިން ކަންކަން ނިންމަންވާނީ ކުޅިވަރުގެ ރޫހާ އެއްގޮތަށް. ސިޔާސީ ގޮތުން ބަދަލު ކުރަން ވެއްޖެއްޔާ އެއީ ފުޓްބޯޅައަށް ލިބޭނެ ބޮޑު ގެއްލުމެއް،" އޭނާ ބުންޏެވެ.

އަލިފުށިން ތައްޔާރީތަކަށް ކުރި ހަރަދުގެ ބަދަލުދިނުމާއި، މުބާރާތަށް އަލިފުށި ޓީމުގެ ދަތުރުތައް ހަމަޖައްސައިދިނުމަށް އެފްއޭއެމްގެ ރައީސް ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެކެވެ. ނަމަވެސް ހަރަދު ދިނަސް، ޓީމަށް ދަތުރުފަތުރު ހަމަޖައްސައިދިނަސް، އަލިފުށީ ރައްޔިތުންނަށް ލިބުނު އުފާ މިހާރު ގެއްލިއްޖެއެވެ. ބޮޑު އުފަލެއްގައި އަދި ބޮޑު އުންމީދުތަކެއްގައި ތިބި އަލިފުށީގެ ރައްޔިތުންނަށް ބޮޑު މާޔޫސްކަމެއް ލިބިއްޖެއެވެ. ފުޓްބޯޅައަށް ލޯބިކުރާ އަލިފުށީގެ ޒުވާނުން އެހެން ވާކަށް ނޭދެއެވެ.

ވެދިޔަ ކަންތައްތަކާ މެދު އެފްއޭއެމްއިން މިއަދު ވިސްނަން އެބަޖެހެއެވެ. ހޮސްޓްކުރާ ރަށްތައް އިއުލާންކުރުމަށް ފަހު، ފަހުން ބަދަލުކުރުމުން އެކަމުގެ އަސަރުކުރާނީ ފުޓްބޯޅައަށް ލޯބިކުރާ އެންމެ މީހަކަށް ނޫނެވެ. އެއީ އެ ރަށެއްގެ ހުރިހާ ރައްޔިތުންނަށްވެސް ލިބޭނެ ހިތާމައެކެވެ. ހޮސްޓްކުރާ ރަށްތައް އިއުލާންކުރުމުގެ ކުރިން އެ ބުރެއްގައި ވާދަކުރާ ޓީމުތަކާ މަޝްވަރާކުރުމަށްފަހު ހޮސްޓްކުރާ ރަށް އިއުލާންކުރަން އެބަޖެހެއެވެ. އޭރުން އެންމެންވެސް ތިބޭނީ ހެވިފައެވެ.

comment ކޮމެންޓް