މާލޭގެ ހުޅަނގު ދެކުނު ފަރާތުގައި އޮންނަ ހާބަރު ސަރަހައްދުގައި އެސްޓީއޯއިން ތަރައްގީކުރާ ޒަމާނީ ފުޑް ކޯޓުތަކުގެ އެއްބައި އަންނަ އޭޕްރީލް މަހުގެ ތެރޭގައި ހުޅުވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކުރީގައި ހާބަރު ކެފޭތައް ހިންގަމުންދިޔަ އެތަނުގައި ފުޑް ކޯޓުތަކެއް ހަދަން އެސްޓީއޯއިން މަސައްކަތް ފެށީ 2016 ވަނަ އަހަރުގެ ފަހުކޮޅުއެވެ. އެ މަޝްރޫއުގެ ދަށުން އެސްޓީއޯއާ ހަވާލުކުރީ ހަތަރު ބުލޮކަކަށް 26 ފުޑްކޯޓާއި ޕާކިން ޒޯންތަކަކާއި ދެ ފާހާނާ ބަރި ހެދުމަށެވެ.
ފުޑްކޯޓުތަކުގެ ފަހުގެ ފޮޓޯތަކެއް ހިމަނައި މިނިސްޓަރު މިރޭ ކުރެއްވި ޓްވީޓެއްގައި ބުނީ، އަމީނީ މަގާވީ ފަޅިއަށް ހުރި ފުޑްކޯޓުތައް އޭޕްރިލް މަހުގެ ހުޅުވޭނެ ކަމަށެވެ. އަދި އިއްޒުއްދީން މަގާވީ ފަޅި ރޯދަ މަހުގެ ކުރިން ހުޅުވޭނެ ކަމަށް ވިދާޅުވެފައިވެ އެވެ.
އޭޕްރިލް މަހު ހުޅުވާނެ ކަމަށް މުއިއްޒު ވިދާޅުވި އަމީނީ މަގުގައި ހަދާ ދެ ބުލޮކުގައި ޖުމްލަ 14 ޔުނިޓު ހުންނާނެއެވެ. އެއީ 1،660 އަކަފޫޓުގެ ދެ ޔުނިޓާއި، 1،260 އަކަފޫޓުގެ ހަތަރު ޔުނިޓާއި، 960 އަކަފޫޓުގެ އަށް ޔުނިޓެވެ.
އަދި އިއްޒުއްދީން މަގާވާ ގޮތަށް ހަދާ ދެ ބްލޮކުގައި ހުންނާނީ 1،660 އަކަފޫޓުގެ ދެ ޔުނިޓާއި، 1،260 އަކަފޫޓުގެ ތިން ޔުނިޓާއި 960 އަކަފޫޓުގެ ހަތް ޔުނިޓު ވާ ގޮތަށް ޖުމްލަ 12 ޔުނިޓެވެ.
ފުޑްކޯޓުތަކުގެ އެއްބައި އޭޕްރިލް މަހު ހުޅުވާނެ ކަމަށް ހައުސިން މިނިސްޓަރު ވިދާޅުވިއިރު، އެސްޓީއޯއިން ވަނީ އެތަންތަނުގެ ގިނަ ފުޑްކޯޓުތައް ކުއްޔަށް ވެސް ދޫކޮށް ނިންމައިފައެވެ.
Male ge hulhangu dhekunu faraathugai tharaggee kurevey food court thah: Ameenee Magaavee falhi April mahu hulhuveyne IA; Izzuddeen Magaavee falhi May mahu (Ramazan mahuge kurin) hulhuveyne IA. pic.twitter.com/qcIg1L89xO
— Dr.Mohamed Muizzu (@MMuizzu) February 28, 2018