ދެލައްކައަށް ވުރެ ގިނަ ޑޮލަރު ހޯދަން މެގަމޯލްޑިވްސް ގޮވައިގެން އަމިއްލަ ކުންފުންޏަކުން ކޯޓަށް

މެގަ މޯލްޑިވްސްގެ ފްލައިޓެއް -- ފޮޓޯ/ މެގަ މޯލްޑިވްސް

މެގަ މޯލްޑިވްސްއިން ދައްކަން ޖެހި ނުދައްކާ އޮތް ދެލައްކައަށް ވުރެ ގިނަ ޑޮލަރު ހޯދަން އަމިއްލަ ކުންފުންޏަކުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

މެގަ މޯލްޑިވްސްގެ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލާފައިވަނީ މިދިއަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އެވެ.

މެގަ މޯލްޑިވްސް ހިންގި އިރު އެ ކުންފުނީގެ ޑިލޭ ފަސިންޖަރުންނަށް ހިދުމަތްތައް ދީފައިވަނީ އެމެކްސްލައިން ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑުންނެވެ. އަދި ކުންފުނީގެ ބައެއް މުވައްޒަފުން ކުއްޔަށް ބަހައްޓާފައިވަނީ ސަނީ ސުއިޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހިންގާ ގެސްޓް ހައުސްއެއްގަ އެވެ. އެ ދެ ކުންފުނިން ދީފައިވާ ހިދުމަތްތަކަށް ޖުމްލަ 226،000 އެމެރިކާ ޑޮލަރު ދައްކަން ޖެހި ނުދައްކާ މައްސަލަ އެ ދެ ކުންފުނީގެ ފަރާތުން ވަނީ ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ.

އެ ދެ ކުންފުނީގެ އެމްޑީ އިބްރާހިމް މޫސާ 'ސަން' އަށް ވިދާޅުވީ އެ ފައިސާ އަކީ އެމްކްސްލައިން ޕްރައިވެޓް ލިމިޓެޑަށް މެގަ މޯލްޑިވްއިން ދައްކަން ޖެހޭ 192،000 ޑޮލަރާއި ސަނީ ސުއިޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދައްކަން ޖެހޭ 34،000 ޑޮލަރު ކަމަށެވެ.

ސިވިލް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން މެގަ މޯލްޑިވްސްއަށް ކޯޓަށް ހާޒިރުވާން އެންގުމުން ދެފަހަަރު ޗިޓު ފޮނުވައިގެން ހާޒިރު ނުވި ކަމަށް އިބްރާހިމް ވިދާޅުވި އެވެ. އަދި ރަތް ޗިޓު ފޮނުވުމުން ހާޒިރުވެ އިތުރު ވަގުތު ބޭނުންވާ ކަމަށް މެގަ މޯލްޑިވްސްގެ ފަރާތުން ބުނެފައިވާ ކަމަށް އިބްރާހިމް ވިދާޅުވި އެވެ.

މެގަ މޯލްޑިވްސް އަލުން ފަށާ ވާހަކަތަކެއް ވެސް ދެކެވުނެވެ. ނަމަވެސް ފަށާފައެއް ނުވެ އެވެ.

އެމެރިކާގެ ކުންފުންޏަކާއި ރާއްޖޭގެ އަމިއްލަ ފަރާތަކުން ގުޅިގެން އުފެއްދި މެގަ މޯލްޑިވްސް އެއާލައިންސްގެ އޮޕަރޭޝަންތައް ފެށީ 2010 ވަނަ އަހަރު އެވެ. މެގަ މޯލްޑިވްސްގެ ހިދުމަތްތައް ހުއްޓާލީ މާލީ ދަތިކަން ކުރިމަތިވެގެންނެވެ.

comment ކޮމެންޓް