ދުނިޔޭގެ އެންމެ ބާރު ދުވުންތެރިޔާ ފުޓުބޯޅަ ދަނޑަށް!

ޖަމައިކާގެ ދުވުންތެރިޔާ އުސައިން ބޯލްޓް --- ފޮޓޯ/ އޭޕީ

ދުނިޔޭގެ އެންމެ ބާރު ދުވުންތެރިޔާ، އުސައިން ބޯލްޓް މިފަހަރުގެ ސޮކާއެއިޑް ޗެރިޓީ މެޗުގައި ފެނިގެންދާނެ ކަމަށް އޭނާ ބުނެފިއެވެ.

މީގެ ކުރިންވެސް ފުޓުބޯޅައަށް ބޮޑު ޝައުގެއް ހުންނަ ކަމަށް އެތަކެއް ފަހަރު ބުނެފައިވާ ބޯލްޓް ވަނީ ޖަރުމަނުގެ ބުރޫޝިއާ ޑޯޓުމަންޑުގެ ޓްރައިލްއެއްގައި ވެސް ބައިވެރިވެފައެވެ.

އޮލިމްޕިކްސް ރަން މެޑަލް، އަށް ފަހަރު ހޯދާފައިވާ ޖެމެއިކާގެ ދުވުންތެރިޔާ ބޯލްޓް ވަނީ ޔުނިސެފްގެ ސޮކާއެއިޑް ޗެރިޓީ މެޗަކުން އޭނާ ފެންނާނެ ކަމަށް ބުނެފައެވެ. ބޯލްޓްގެ ފެވަރިޓް ކްލަބު، މެންޗެސްޓާ ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑުގައި ކުޅުމަށް ހަމަޖެހިފައިވާ ޗެރިޓީ މެޗުގައި ވާދަކުރުމަށް ހަމަޖެހިފައިވަނީ ދުނިޔޭގެ އެކްސައައި ޓީމަކާއި އިނގިރޭސި ލަވަކިޔުންތެރިޔާ ރޮބީ ވިލިއަމްސް އެކުލަވާލާ ޓީމެކެވެ. އެ މެޗުގައި ބޯލްޓް ކުޅޭނީ ދުނިޔޭގެ އެކްސްއައި ޓީމަށެވެ. އެޓީމުގެ ކެޕްޓަނަކީވެސް ދުވުމުގެ 100 މީޓަރު ދުނިޔޭގެ ރެކޯޑު އޮންނަ ބޯލްޓެވެ.

އޯލްޑް ޓްރެފޯޑުގައި ކުޅޭ މެޗު ވެގެންދާނީ ބޯލްޓް ފުޓުބޯޅަ ދަނޑުމަތިން ފެންނާނެ ފުރަތަމަ ފަހަރަށެވެ.

"އަހަރެން އަބަދުވެސް ބަލަން ފުޓުބޯޅަ. އަހަންނަށް އެނގޭ ފުޓުބޯޅައިގައި ވާނުވާ. ތަމްރީނު ލިބިއްޖެނަމަ އަހަރެން ވަރަށް މޮޅު ކުޅުންތެރިޔަކަށް ވާނެ. ޕޮގްބާ ކައިރީގައިވެސް އަބަދު އަހަރެން ބުނަން އެވާހަކަ،" ޖޫން 10 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މެޗާ ގުޅިގެން ބޯލްޓް ބުންޏެވެ.

ސޮކާއެއިޑްގެ ޗެރިޓީ މެޗުތަކުގައި ދުނިޔޭގެ ކުރީގެ ކުޅުންތެރިންނާއި އެކިއެކި މަޝްހޫރު ޝަހުސިއްޔަތުތައް ފެނިގެންދާނެއެވެ. ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވާ އެ މެޗަކީ 2006 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އިވެންޓެކެވެ. މިހާތަނަށް އެ އިވެންޓްގައި ކުޑަކުދިންނަށް އެހީވުމަށް 24 މިލިއަން ޕައުންޑުގެ ފައިސާ ވަނީ އެއްކޮށްފައެވެ.

comment ކޮމެންޓް