ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެމްބަރު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސްގެ މަގާމުން ދާދި ފަހުން އިސްތިއުފާ ދެއްވި އަހުމަދު ސުލައިމާން ކުރިމަތިލައްވައިފި އެވެ.
މިއަދުގެ ޖަލްސާގައި ރިޔާސަތުން ވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ދެ ސިޓީއެއް އިއްވައިފަ އެވެ. ފުރަތަމަ ސިޓީއަކީ އެންއައިސީގެ މެންބަރު ކަމަށް ސުލައިމާން އައްޔަނުކުރުމަށް އެދި މެންބަރުންގެ މަޝްވަރާއަކަށް އަދި ފޮނުވި ސިޓީ އެވެ. ރިޔާސަތުން ވަނީ އެ މައްސަލަ ދިރާސާކުރަން މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ފޮނުވައިފަ އެވެ.
އެންއައިސީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ތިން ވަނަ ފަހަރަށް އިއުލާން ކުރި އިރު އެ މަގާމަށް ވަނީ ހަތް މީހަކު ކުރިމަތިލައިފަ އެވެ. ނަމަވެސް ރައީސް ޔާމީން މަޖިލީހަށް ފޮނުއްވެވީ އެންމެ ނަމެކެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އީސީން ނިންމި މައްސަލާގައި އެ ކޮމިޝަނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް ސުލައިމާން އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ 31ގަ އެވެ.
ނޭޝަނަލް އިންޓަގްރީ ކޮމިޝަނުގެ ގާނޫނަކީ ފުލުހުންގެ މުއައްސަސާ، އިމިގްރޭޝަން، ކަރެކްޝަނަލް ސާވިސް އަދި ކަސްޓަމްސްގެ މައްޗަށް ހިނގާ ގާނޫނެކެވެ.
ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ގާނޫނު ތަންފީޒު ކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުން ކުރާ ގާނޫނާ ހިލާފު އަމަލުތައް ބަލައި ތަހުގީގު ކުރުން ހިމެނެ އެވެ. އަދި އެފަދަ އަމަލެއް ކަމަށް ތުހުމަތު ކުރެވޭ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފި ކަމަށް ނުވަތަ ހިންގަން އުޅޭ ކަމަށް ތުހުމަތުކޮށް، އެފަދަ މައްސަލައެއް ހުށަހަޅައިފި ނަމަ އެކަމެއް ވެސް ބަލައި ތަހުގީގު ކުރަން އެ ކޮމިޝަނަށް ލާޒިމުވާނެ އެވެ.
ފަސް ވަރަކަށް މިނެޓަށް ކުރިއަށް ގެންދިޔަ މިއަދުގެ ޖަލްސާގައި ވަނީ ރާއްޖެ އިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ފޮނުއްވި މ.ފޭމަންސް އިބްރާހިމް އުވައިސްގެ ނަން ދިރާސާ ކުރުމަށް ގައުމީ ސަލާމަތުގެ ކޮމެޓީއަށް ފޮނުވައިފަ އެވެ.