އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގެ ބައްދަލުވުމަށް ދެ މިނިސްޓަރަކު ޖެނީވާއަށް

މިނިސްޓަރު ޒެނީޝާ އާއި އާއިޝަތު ޝިހާމް --

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމާއި ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކޯ ސުވިޒަލެންޑުގެ ޖެނީވާއަށް ވަޑައިގެންފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނީ، އެ ދެ މިނިސްޓަރުން ފުރާވަޑައިގެންނެވީ އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލުގެ 37 ވަނަ ބައްދަލުވުމުގެ މަތީފަންތީގެ ބައްދަލުވުމަކަށެވެ.

މިނިސްޓަރު ޒެނީޝާ އާއި މިނިސްޓަރު އާއިޝަތު ޝިހާމް ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުން އޮންނާނީ މާދަމާއިން ފެށިގެން އަންނަ މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށެވެ.

ރާއްޖޭގެ ދެ މިނިސްޓަރު އދ. ގެ ބައްދަލުވުމެއްގައި ވަޑައިގެންެނެވިއިރު، އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ފުރަތަމަ ނެރުނު އަމުރާއެކު ރާއްޖޭގައި އުފެދިފައިވާ ސިޔާސީ މަސްރަހުގެ މައްސަލަތައް އެ ޖަމިއްޔާއިން ދަނީ ގާތުން ބަލަމުންނެވެ.

އެޑިއުކޭޝަން މިނިސްޓަރު ޖެނީވާއަށް ފުރާވަޑައިގަތުމުން އެ މިނިސްޓްރީ މިވަގުތު ހިންގެވުމާ ހަވާލުވެގެން ހުންނެވީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ. އަދި ޖެންޑާ މިނިސްޓްރީ ހިންގެވުމާ ހަވާލު ކުރައްވާފައިވަނީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއެވެ.

comment ކޮމެންޓް