ގާސިމަށް ހައްގުގެމަގު ވިސްނިވަޑައިގަންނަވާނެ ކަމަށް ގަބޫލުކުރަން: ސައީދު

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ---- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ހައްގުގެ މަގު ވިސްނިވަޑައިގަންނަވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

"މި ޖީލުގެ އަޑު"ގެ ނަމުގައި މިރޭ ހުޅުމާލޭގައި ބޭއްވި ޕީޕީއެމްގެ ރެލީގައި ވާހަކަފުޅުދައްކަވަމުން ސައީދު ވިދާޅުވީ، ގާސިމަކީ އޭނާ އިހްތިރާމް ކުރައްވާ ބޭފުޅެއް ކަމަށެވެ.

ނަމަވެސް ރާއްޖެއަށް މިފަހުން ގެނައި ބަޣާވާތުގެ އަޑީގައި ހުންނެވީ ގާސިމް ކަމަށާއި ކޮންމެވެސް ދުވަހަކުން ހައްގުގެ މަގު ގާސިމަށް ވިސްނިވަޑައިގަންނަވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ސައީދު ވިދާޅުވި އެވެ.

"ގާސިމް އިބްރާހިމް އަޑީގައި ހުންނަވައިގެން ބަޣާވާތް މި ގެނައި. ރައީސް މައުމޫން މިހުރީ 30 އަހަރުގެ ވެރިކަމުގައި ބަޣާވާތުގެ އެއް ތަނބުގެ ގޮތުގައި. ދެން މިހުންނެވީ ރައީސް ނަޝީދު. އޭނައަކީ އެއްވެސް ވިސްނުމެއް ލޯތްބެއް ހުރި ބޭފުޅެއް ނޫން،" ސައީދު ވިދާޅުވި އެވެ.

ސަރުކާރު ވައްޓާލަން އެންމެ އަޑީގައި ހުންނެވީ ގާސިމް ކަމަށް، ސަން އައިލެންޑް ރިސޯޓުގެ މެނޭޖަރެއްގެ ގޮތުގައި ކުރިން އުޅުއްވި ސައީދު ވިދާޅުވިއިރު، ރިޝްވަތުގެ އެއްވެސް ފައިސާއެއް އެއްވެސް މީހަކަށް ދެއްވާފައިނުވާނެ ކަމަށް ގާސިމް ވަނީ މިއަދު ވިދާޅުވެފައެވެ.

ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ، ރިޝްވަތުގެ އެއްވެސް ކަމެއް ނުކުރައްވާ ކަމަށާއި އެފަދަ ވާހަކަތައް އެ ދައްކަނީ އިދިކޮޅު ބޭފުޅުން ފުރޭމް ކުރުމަށް ކަމަށެވެ.

ބޭސްފަރުވާއަކަށް ރާއްޖޭން ބޭރަށް ވަޑައިގަތް މިހާރު ޖަރުމަނު ވިލާތުގައި ދިރިއުޅުއްވާ ގާސިމް ވިދާޅުވީ، ސަރުކާރުން ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އޭނާގެ ދަރިކަލުން ސިޔާދު ގާސިމަކީ ރިޝްވަތު ދިނުން ފަދަ އެއްވެސް ކަމެއް ކުރައްވާނެ ބޭފުޅެއް ނޫން ކަމަށެވެ.

އަދި އެފަދަ އެއްވެސް ކަމެއް އާއިލާގެ އެއްވެސް މެމްބަރަކު ނުކުރައްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

މިރޭގެ ރެލީގައި އިތުރަށް ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ސައީދު ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވާފައެވެ.

އެގޮތުން، ރާއްޖެއަށް ކުރިމަތިވި ކޮންމެ ބަޣާވާތެއް ނިމޭއިރު ރައީސް ނަޝީދާއި އެމަނިކުފާނުގެ އާއިލާގެ ކޮންމެވެސް އަތެއް އޮންނަ ކަމަށް ސައީދު ވިދާޅުވި އެވެ. އަދި ކުރީގައި އެކަކު އަނެކަކަށް ފާޑުވިދާޅުވުމަށްފަހު ކުރީގެ ރައީސް މައުމޫނާއި ނަޝީދު މިއަދު ދެބޭފުޅުން ދެބޭފުޅުންނަށް މާފުކޮށް، "ތޯހިރުވެ"ފައިވާއިރު ރައްޔިތުންގެ ހައްގު ކޮބައިތޯ މިނިސްޓަރު ސުވާލު އުފެއްދެވި އެވެ.

"ކޮބައިތޯ އަޅުގަނޑުމެން ރައްޔިތުންގެ ހައްގު. 30 އަހަރާއި 3 އަހަރާ ބައިގެ ރައްޔިތުންގެ ހައްގު ކޮބައިތޯ؟. މުޅި ގައުމު ވިއްކާލީ. މިއަށްވުރެ ބޮޑު ދެ އަނިޔާވެރިން ތިބޭނެތޯ؟،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

comment ކޮމެންޓް