ދޫގަސް މައްސަލާގައި ގޮތެއްނިމި، ކުރިއަށް އޮތް ހަތަރު މަހެއްގެ ތެރޭގައި ހުޅުވަނީ

ގަން އައިލެންޑް ރިޓްރީޓްގެ ގޮތުގައި މީގެ ކުރިން ހުޅުވައި، ހިންގި ދޫގަސްގެ އެތެރެ -- ފޮޓޯ/ ފޭސްބުކް (އަހްމަދު ޝަފީގު މޫސާ)

ސ. ގަން ދޫގަސް ގެސްޓު ހައުސް ވިއްކާލުމުގެ ނުވަތަ ކުއްޔަށް ދިނުމުގެ ބާރު ބޭންކް އޮފް ސިލޯނަށް ލިބިގެންވާ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމާ ގުޅޭގޮތުން ގޮތެއް ނިމި، އެތަން ތަރައްގީ ކުރުމަށް ވާންޖެހޭ ތައްޔާރީތައް އެމްޕީއެލް އިން ފަށައިފި އެވެ.

ދޫގަސްއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި، ދެކުނުގެ އަތޮޅުތަކުގެ ދަތުރުފަތުރުގެ ކަންކަން ހަމަޖެއްސުމަށް ހަވާލުކުރި އެމްވީކޭ ކުންފުންޏަށް 50 އަހަރަށް، ސަބްސިޑީގެ ގޮތުގައި ދިން ތަނެކެވެ.

ގަން އައިލެންޑް ރިޓްރީޓް"ގެ ނަމުގައި، އެމްވީކޭ އިން ރިސޯޓެއްގެ ގޮތުގައި ދޫގަސް ހުޅުވީ 2011 ވަނަ އަހަރުގެ ތެރޭގަ އެވެ.

ނަމަވެސް އެތަނުގެ އެގްރީމެންޓް އަދުގެ ސަރުކާރުން 2015 ވަނަ އަހަރުގެ ތެރޭގައި ބާތިލު ކުރުމުން، 2016 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި އެތަން ހޯދަން އެމްޕީއެލް އިން ސަރުކާރާއެކު މަޝްވަރާކުރި އެވެ.

ނަމަވެސް އެމްވީކޭއިން 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ބޭންކް އޮފް ސިލޯނުން ނެގި 2،700،000 ޑޮލަރުގެ ލޯނަށް ދެ ފަރާތުން ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ދައްކާފައިނުވާތީ، 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ސިވިލް ކޯޓުން ވަނީ ދޫގަސް ވިއްކާލުމުގެ ނުވަތަ ކުއްޔަށް ދިނުމުގެ ހައްގު ބީއޯސީއަށް ލިބިގެންވާ ކަމަށް ހުކުމް ކޮށްފައެވެ.

އެ ހުކުމާއެކު އެކަން ހައްލުކުރެވޭނެ ގޮތަކާ ގުޅޭގޮތުން ސަރުކާރާއި އެމްޕީއެލް އިން ގެންދިޔައީ ބީއޯސީ އާއެކު ގިނަ މަޝްވަރާތަކެއް ކުރަމުންނެވެ.

ނަމަވެސް އައްޑޫ ސިޓީގައި މިއަދު ބޭއްވި ހަފްލާއެއްގައި ދޫގަސް ތަރައްގީކޮށް ހިންގަން ފެށުމުގެ ގޮތުން އެތަނުގެ ކޮންސެޕްޓް ޑިޒައިން ވަނީ ލޯންޗު ކޮށްފައެވެ.

އެކަމާ ގުޅޭގޮތުން 'ސަން' އަށް މައުލޫމާތު ދެއްވަމުން އެ ޕްރޮޖެކްޓުގެ ކަންކަމުގައި އެންމެ އިސްކޮށް އުޅުއްވާ އެމްޕީއެލްގެ އެސިސްޓަންޓް ޖެނެރަލް މެނޭޖަރު އަބްދުﷲ ފާއިދު ވިދާޅުވީ، ދޫގަސް ސިޓީ ހޮޓަލެއްގެ ގޮތުގައި ތަރައްގީކޮށް ހިންގުމަށް ސަރުކާރާއި އެމްޕީއެލް އަދި ސިލޯން ބޭންކާއެކު މަޝްވަރާތަކެއް ކުރެވި ގޮތްތަކެއް ނިމިފައިވާ ކަމަށެވެ.

ނަމަވެސް އެ މައްސަލަ ނިމުނު ގޮތެއް އޭނާ ވިދާޅެއްނުވެ އެވެ.

ފާއިދު ވިދާޅުވީ، މެލޭޝިއާގެ ކުންފުންޏަކާ ހަވާލު ކޮށްގެން ދޫގަހުގެ ޑިޒައިންނާއި ކޮންސެޕްޓްގެ މަސައްކަތް މިހާރު ނިމިފައިވާއިރު އެތަން ތަރައްގީ ކުރަން ނިންމާފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެން ކަމަށެވެ.

ފުރަތަމަ މަރުހަލާގެ މަސައްކަތް އަންނަ މަހުގެ ކުރީކޮޅު ފެށުމަށް ތައްޔާރުވަމުންދާއިރު ފުރަތަމަ މަރުހަލާގެ ދަށުން މިހާރު ދޫގަސްގައި ހުރި 42 ކޮޓަރިތައް އިތުރަށް މަރާމާތު ކުރާނެ އެވެ.

ފާއިދު ވިދާޅުވި ގޮތުގައި، ގާތްގަނޑަކަށް ހަތަރު މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމައި ފަތުރުވެރިންނަށް ދޫގަސް ހުޅުވަން އަމާޒު ހިފާފައެވެ.

ދެވަނަ މަރުހަލާގެ ދަށުން ދޫގަހުގައި އިތުރު 60 ކޮޓަރި ގާއިމްކޮށް، 200 އެދުގެ ސިޓީ ހޮޓަލަކަށް އެތަން ބަދަލު ކުރާނެ އެވެ.

ގާތްގަނޑަކަށް 12 މަސް ނުވަތަ 18 މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިމޭއިރު، އެހެން ސިޓީ ހޮޓަލްތަކުގައި ވެސް ލިބެން ހުންނާނެ ހިދުމަތްތަކާއެކު ބީޗަކާއި ޕޫލެއް ތަރައްގީ ކުރެވޭނެ ކަމަށް ފާއިދު ވިދާޅުވި އެވެ.

comment ކޮމެންޓް