ކުޑަ ޢީދު ހަފުތާ ވެސް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްސަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފިއެވެ.
އެ މަނިކުފާނު ވަނީ މިދިޔަ އަހަރާއި މި އަހަރު ވެސް ރޯދަމަހުގެ ފަހު 10 ވެސް ސަރުކާރު ބަންދުކުރައްވައިފައެވެ.
އެހެންވެ، މި އަހަރު ރޯދަމަހުގެ ފަހު 10 އާ އެކު ސަރުކާރު މުވައްޒަފުންނަށް ބޮޑު ބަންދެއް ލިބެއެވެ.
ރައީސް އޮފީހުން މީގެ ކުރިން ބުނި ގޮތުގައި ފަހު 10 އާ ގުޅުވައި އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުން ފެށިގެން ސަރުކާރު ބަންދުވާނެއެވެ. އެ އޮފީހުން މިއަދު ވަނީ ޢީދު ހަފުތާ ވެސް ސަރުކާރު ބަންދުކުރަން ރައީށް މުއިއްޒު ނިންމެވިކަން އިއުލާނުކުރައްވައިފައެވެ.
އެހެންވެ، ސަރުކާރު މުވައްޒަފުންނަށް މި މަހު 20 ވަނަ ދުވަހުން ފެށިގެން އަންނަ މަހު ހަވަނަ ދުވަހުގެ ނިޔަލަށް ބަންދުވާނެއެވެ.
ރައީސް އޮފީހުން ބުނީ، މި އަހަރުގެ ފިތުރު ޢީދު ދުވަހަކީ މި މަހު 31 ވަނަ ދުވަސްކަމަށްވެއްޖެ ނަމަ ޢީދާ ގުޅިގެން އަންނަ މަހުގެ ފުރަތަމަ ދެ ދުވަހާ އެކު ތިންވަނައަށްވާ ބުރާސްފަތި ދުވަސް ވެސް ބަންދުކުރަން ރައީސް ނިންމަވާފައިވާ ކަމަށެވެ. އަދި، ޢީދު ވަނީ މި މަހު 30 ވަނަ ދުވަސް ނަމަވެސް އަންނަ މަހުގެ ފުރަތަމަ ތިން ދުވަސް ބަންދުކުރަން ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެހެންވެ، މި މަހު 20 ވަނަ ދުވަހު ފަހު 10 އަށް ބަންދުވާ ގޮތަށް ސަރުކާރު އޮފީސްތައް ދެން ހުޅުވޭނީ އަންނަ މަހު ހައެއްގައެވެ.
ރައީސް އޮފީހުން ބުނީ، ރައީސް އެގޮތަށް ނިންމެވީ އާއިލާއާ އެކު ވީހާވެސް ގިނަ ދުވަސްތަކެއް އެކުގައި ހޭދަކުރަން ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ.