ގަރާރު ފާސްކުރަން ބޭނުންވާ މެމްބަރުންގެ އަދަދާ ބެހޭގޮތުން ސުޕްރީމް ކޯޓުގެ ލަފައަކަށް އެދިއްޖެ

19 ފެބްރުއަރީ 2018: ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުން ބޭއްވި ޖަލްސާގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރާ ބެހޭ ގޮތުން މަޖިލީހުގައި ވޯޓަށް އެހޭނީ 43 މެމްބަރުން ހާޒިރުވެ ތިބެގެން ކަމަށް މަޖިލީހުގެ ބައެއް މެމްބަރުން ސުވާލު އުފައްދާފައިވާތީ އެކަމުގައި ގާނޫނީ ލަފައަކަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

ދައުރުން ބޭރުން މިއަދު ބޭއްވި، ރައްޔިތުންގެ މަޖިލީހުގައި ހާއްސަ ޖަލްސާގައި ލަފައަށް އެދި ފޮނުވަން ފާސްކޮށްފައިވަނީ ސުޕްރީމް ކޯޓަށް މަޖިލީހުން ހުށަހަޅާ ގަރާރެއްގެ ގޮތުގައެވެ.

ސުޕްރީމް ކޯޓަށް އެމައްސަލަ ފޮނުވަން މަޖިލީހަށް ހާޒިރުވި 38 މެމްބަރުން ވަނީ އިއްތިފާގުވެފައެވެ.

"ކުއްލި ހާލަތުގެ ގަރާރާ ބެހޭގޮތުން ގޮތެއް ނިންމާއިރު އެ މަޖިލީހުގެ ގާނޫނީ އަދަދަކީ ގާނޫނުއަސާސީގެ 86 ވަނަ މާއްދާގައި ބުނެފައިވާ ގާނޫނީ އަދަދު ކަމަށް މި މަޖިލީހަށް ފެނުނު ހިނދު އެކަން އެގޮތަށް މި މަޖިލީހުން ކުރިއަށް ގެންގޮސްފައިވާނެ. އެހެންނަމަވެސް މިކަމާ ގުޅޭ ގޮތުން މި މަޖިލީހުގެ ބައެއް މެމްބަރުން ސުވާލު އުފައްދާ ކަމަށްޓަކައި ގާނޫނު އަސާސީގެ 95 ވަނަ މާއްދާގެ ދަށުން ގާނޫނީ ލަފައަކަށް އެދި ސުޕްރީމް ކޮޓަށް ހުށަހަޅަން މި ގަރާރުން ފާސްކުރަމެވެ،" މަޖިލީހުން ސުޕްރީމް ކޯޓަށް ފޮނުވި ގަރާރުގައި ބުނެފައިވެ އެވެ.

ގަރާރުގައި އިތުރަށް ބުނެފައިވަނީ ކުއްލި ހާލަތުގެ މައްސަލަ ރައީސުލްހުމްހޫރިއްޔާ މަޖިލީހަށް ހުށަހެޅުމުން އެ މައްސަލަ ކުރިއަށް ގެންދިއުމުގައި މަޖިލީހުގެ ބައެއް މެމްބަރުން އެއްވެސް މަގުބޫލު އުޒުރެއް ނެތި އަމަލުކޮށްފައިވާ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ވަނީ ކުއްލި ހާލަތުގެ ގަރާރާ ގުޅިގެން މަޖިލީހުން ކުރިއަށް ގެންދިޔަ ދެ ޖަލްސާވެސް ބޮއިކޮޓް ކޮށްފައެވެ.

comment ކޮމެންޓް