މިނިވަން ޗެމްޕިއަންޝިޕްގައި މިއަހަރު 57 ރަށެއް

މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ދ. ކުޑަހުވަދޫ --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ޖުމްލަ 57 ރަށަކުން ބައިވެރިވެއްޖެއެވެ.

ރާއްޖޭގެ ހުރިހާ ރަށްތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ އެ މުބާރާތުގައި އަށް ޒޯން ހިމެނެއެވެ. މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުގެ މުބާރާތުގައިވެސް ޖުމްލަ 20 އަތޮޅުގެ ޓީމުތައް ބައިވެރިވެފައިވެއެވެ. މިއަހަރުގެ މުބާރާތުން ފުރުސަތުދީފައިވަނީ ކޮމިޝަނަރ އޮފް ސްޕޯޓްސްގެ އޮފީހުގައި ރަޖިސްޓަރީ ކޮށްފައިވާ ޓީމުތަކަށެވެ.

މިދިޔަ އަހަރުގެ މުބާރާތަށްވުރެ މިއަހަރުގެ މުބާރާތުގައި ބައިވެރިވި ރަށްތަކުގެ އަދަދު މަދެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ޖުމްލަ 81 ރަށަކުން ބައިވެރިވިއެވެ. އެހެންކަމުން މިއަހަރުގެ މުބާރާތުގައި ކުޅޭ މެޗުތަކުގެ އަދަދުވެސް މަދުވާނެއެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ގަދަ ހަތަރެއްގައި ހިމެނި ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރި ށ. މިލަންދޫ، މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި ބައިވެރިވެފައެއް ނުވެއެވެ.

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕް އަންނަ މަހުގެ ތިންވަނަ ދުވަހު ފެށިގެންދާނީ ހދ. އަތޮޅު ބުރުންނެވެ. އަތޮޅު ބުރަށްފަހު ޒޯން ބުރު ފެށިގެންދާނީ އަންނަ މަހުގެ 18 ވަނަ ދުވަހުއެވެ. އަތޮޅު ބުރުގެ ޗެމްޕިއަން ޓީމުތައް ޒޯން ބުރުގައި ވާދަކުރާ އިރު، ފައިނަލް ބުރަށް ދަތުރުކުރާނީ ޒޯން ބުރުގެ ޗެމްޕިއަން ޓީމުތަކެވެ.

އަތޮޅަކުން އެންމެ ޓީމެއް ބައިވެރިވެފައިވެފައިވާ ނަމަ، އެ ޓީމުތަކަށް ޒޯން ބުރުން އޮޓޮމެޓިކް ޖާގައެއް ލިބޭނެއެވެ. އެގޮތަށް މިހާރު ޖާގަ ލިބިފައިވަނީ އއ. މާޅޮހާއި، އދ. ފެންފުށްޓާއި، ވ. ފުލިދޫ އަދި ފުވައްމުލައް ސިޓީގެ ދޫޑިގަން ޓީމަށެވެ.

މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލުގައި ގދ. ތިނަދޫ ބަލިކޮށް، ޗެމްޕިއަންކަން ހޯދީ ދ. ކުޑަހުވަދުއެވެ. ތިނަދޫއާއި ކުޑަހުވަދުއާއެކު މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރެއްގައި ހިމެނުނު އއ. މާޅޮހާއި ށ. މިލަންދުއަށް މިދިޔަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުން ޖާގަ ލިބުނެވެ. މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރެއްގެ ޖާގަ ހޯދާ ޓީމުތަކަށް މިއަހަރުވެސް ޕްރިމިއާ ލީގުން ޖާގަ ދިނުމަށް ނިންމާފައިވެއެވެ.

ޒޯން 1:

  • ހއ. އަތޮޅު- ދިއްދޫ، މުރައިދޫ، އިހަވަންދޫ.
  • ހދ. އަތޮޅު- ހަނިމާދޫ، ކުޅުދުއްފުށި، ކުމުންދޫ، ނޮޅިވަރަންފަރު، ނެއްލައިދޫ، ފިނޭ، ނޮޅިވަރަމް، ކުރިނބި.

ޒޯން 2:

  • ށ. އަތޮޅު- ފޯކައިދޫ، ފުނަދޫ، ފޭދޫ.
  • ނ. އަތޮޅު- މާޅެންދޫ، މަނަދޫ.

ޒޯން 3:

  • ރ. އަތޮޅު- މީދޫ، އުނގޫފާރު، އިންނަމާދޫ، އަލިފުށި.
  • ބ. އަތޮޅު- އޭދަފުށި، ފެހެންދޫ.
  • ޅ. އަތޮޅު- ނައިފަރު، ހިންނަވަރު.

ޒޯން 4:

  • ކ. އަތޮޅު- ހިންމަފުށި، ގުރައިދޫ، މާފުށި، ހުރާ، ގުޅި.
  • އއ. އަތޮޅު- މާޅޮސް.
  • އދ. އަތޮޅު- ފެންފުށި.

ޒޯން 5:

  • ވ. އަތޮޅު- ފުލިދޫ.
  • މ. އަތޮޅު- މުލި، މުލަކު، ވޭވަށް، މަޑުއްވަރީ.
  • ފ. އަތޮޅު- ނިލަންދޫ، މަގޫދޫ.
  • ދ. އަތޮޅު- ކުޑަހުވަދޫ، މީދޫ.

ޒޯން 6:

  • ގއ. އަތޮޅު: ކޮނޑޭ، ވިލިނގިލި.
  • ގދ. އަތޮޅު: ހޯނޑެއްދޫ، މަޑަވެލި، ތިނަދޫ.

ޒޯން 7:

  • ތ. އަތޮޅު: ތިމަރަފުށި، ވިލުފުށި، ބުރުނި، ވަންދޫ، މަޑިފުށި.
  • ލ. އަތޮޅު: މާބައިދޫ، ކުނަހަންދޫ.

ޒޯން 8:

  • އައްޑޫ ސިޓީ: ހިތަދޫ، ފޭދޫ، މަރަދޫ، މަރަދޫ ފޭދޫ.
  • ފުވައްމުލައް ސިޓީ: ދޫޑިގަން.
comment ކޮމެންޓް