ކޮޕީ އިއްސެ، އަހުމަދު ޒިޔާ އަދި މުހައްމަދު ރިފްއަތު ޕްރޮޑިއުސްކުރާ ފިލްމު ކަނޑު އިބިލީސްގެ ޕާޕޯމިން ޕާޓްނަރަކަށް ބިދަބިން ބޮޑުބެރު ގުރޫޕު ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިރޭ ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ބިދަބިން ބޮޑުބެރު ގުރޫޕުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖަރު އަހުމަދު އާސިމް (އާއްކޮ) އެވެ. ފިލްމުގެ ފަރާތުން ސޮއިކުރެއްވީ ކޮޕީ އިއްސެ އެވެ.
އެއްބަސްވުމާ ގުޅޭގޮތުން ސަން އާ ވާހަކަ ދައްކަމުން ބިދަބިންގެ މެނޭޖަރު އާއްކޮ ބުނީ އެއްބަސްވުމުގެ ދަށުން ކަނޑު އިބިލީސްގެ ޕްރޮމޯޝަނަލް ލަވައިގެ ކަންތައް ކުރިއަށް ގެންދާނީ އެ ގުރޫޕުގެ ފަރާތުން ކަމަށެވެ. މި ފުރުސަތަށް އާއްކޮ ވަނީ ކަނޑު އިބިލީސްގެ ޓީމަށް ޝުކުރު އަދާކޮށްފައެވެ.
ކަނޑު އިބިލީސްގެ އެއް ޕްރޮޑިއުސަރު ޒިޔާ، ސަންއަށް ބުނީ ބިދަބިންގެ ފަރާތުން ފިލްމުގެ ޕްރޮމޯޝަން އަށް ހާއްސަ ތިންބެރު ލަވައެއް ނެރޭނެ ކަމަށެވެ.
"ފިލްމުގެ ޕްރޮމޯޝަނަލް އިވެންޓު ތަކުގައި ބިދަބިން ފެންނާނެ،" ޒިޔާ ބުންޏެވެ.
ފިލްމު ޕްރިމިއާ ކުރުމުގެ ކުރިން ހާއްސަ އިވެންޓުތަކެއް މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ކުރިއަށްދާނެ ކަމަށާއި އޭގެ ތަފްސީލު ވަރަށް އަވަހަށް ހާމަ ކުރާނެ ކަމަށް ޒިޔާ ބުންޏެވެ.
ފިލްމާ ގުޅޭ ގޮތުން ޒިޔާ ބުނީ މިހާރު ކުރަނީ ޑަބިންގެ މަސައްކަތް ކަމަށެވެ. މީގެ އިތުރުން ފިލްމުގައި ކޮޕީ ރަޝީދުގެ ޅެމަކަށް، އިބްރާހިމް ނިފާރު (ތިއްތި) ކިޔަފައިވާ އަމިއްލަ ރާގުގެ ލަވައެއް ހިމެނޭނެ ކަމަށްވެސް ޒިޔާ ބުންޏެވެ.
ހދ. ކުޅުދުއްފުށީގައި އެރަށުގެ ގިނަ ކުދިންތަކެއް ބައިވެރިކޮށްގެން އުފެއްދި މި ފިލްމުން ޒިޔާ އާއި ކޮޕީ އިއްސެ ފެންނާނެއެވެ. ފިލްމު އެންމެ ފުރަތަމަ ޕްރެމިއާ ކުރާނީވެސް ކުޅުދުއްފުށީގައެވެ. މާ ގިނަ ދުވަހެއް ނުވެ ފިލްމު އަޅުވާނެ ކަމަށް ކަނޑު އިބިލީސް ޓީމުން ބުނެއެވެ.
ކަނޑު އިބިލީސްގެ މީޑިއާ ޕާޓްނަރަކީ ސަން އޮންލައިންއެވެ.