"ކަނޑު އިބިލީސް"ގެ މީޑިއާ ޕާޓްނަރަކަށް ސަން

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ޒިޔާ، ކޮޕީ އިއްސެ އަދި މުސްލިމް ފޮޓޯ އަކަށް ހުއްޓިލައިގެން--- ސަން ފޮޓޯ/ ފަޔާޒް މޫސާ

އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) އާއި އަހުމަދު ޒިޔާ ގުޅިގެން ހަދާ ކުޑަކުދިންގެ ފިލްމު "ކަނޑު އިބިލީސް"ގެ މީޑިއާ ޕާޓްނަރަކަށް ސަން މީޑިއާ ގްރޫޕް ހަމަޖައްސައިފިއެވެ.

ސަން މީޑިއާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސަން މީޑީއާގެ އެސިސްޓެންޓް މާކެޓިން މެނޭޖަރު އަހްމަދު މުސްލިމް އެވެ. އަދި ކަނޑު އިބިލީސް ފިލްމުގެ ފަރާތުން ސޮއިކުރެއްވީ އެ ފިލްމުގެ ޕްރޮޑިއުސަރުންގެ ތެރޭގައި ހިމެނޭ އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) އާއި އަހުމަދު ޒިޔާ އެވެ.

ކަނޑު އިބިލީސްގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ލަވަކިޔުންތެރިޔާ މުޙައްމަދު ރިއްފަތުވެސް ހިމެނެއެވެ. މިއީ ރިއްފަތު ޕްރޮޑިއުސްކުރާ ފުރަތަމަ ފިލްމެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، މުސްލިމް ވިދާޅުވީ ފިލްމުގެ މައުލޫމާތު އެންމެ ތާޒާކޮށް ސަން މީޑިއާއިން ގެނެސްދޭނެ ކަމަށެވެ.

"ސަން" އާ ވަހަކަ ދައްކަމުން ފިލްމުގެ ޕްރޮޑިއުސަރު ކޮޕީ އިއްސެ ބުނީ ސަން މީޑިއާއަކީ އެންމެ އިތުބާރު ކުރާ އެއް މީޑިއާ ކަމަށާއި ފިލްމުގެ ފަހުގެ ހަބަރުތައް ސަން އޮންލައިން އިން ކިޔާލަން ލިބިގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށެވެ.

ފިލްމުގެ ޕްރޮޑިއުސަރު ޒިޔާ ބުނީ ސަން މީޑިއާ އަކީ އަބަދުވެސް ފިލްމީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދެމުންދާ މީޑިއާއެއް ކަމަށެވެ. އަދި ފިލްމީ ދާއިރާ އާއި ސަން މީޑިއާއާ އޮންނަ ގުޅުމުގެ ސަބަބުން މީޑިއާ ޕާޓްނަރަކަށް "ސަން" ހަމަޖެއްސީ ކަމަށް ވެސް އޭނާ ބުންޏެވެ.

"100 އަށް ވުރެ ގިނަ ކުޑަކުދިން އެއްފަހަރާ ފެނިގެންދާ ފިލްމަކަށް މި ފިލްމު ވެގެންދާނެ،" ޒިޔާ ބުންޏެވެ.

ކޮޕީ މުހައްމަދު ރަޝީދުގެ ސްކްރީން ޕްލޭއަކަށް ހަދާ މި ފިލްމުގައި ކުޅުދުއްފުށީގެ ގިނަ ކުޑަދިންތަކެއް ފެނިގެން ދާނެ އެވެ.

ފިލްމުގެ ހުރިހާ މަންޒަރެއް ނަގާފައި ވަނީ ކުޅުދުއްފުށީގައެވެ. ފިލްމުގެ މުހިއްމު ރޯލުތަކުން ފެންނާނީ އިއްސެ އަދި ޒިޔާ އެވެ.

ފިލްމުގެ މަސައްކަތަށް ކުޅުދުއްފުށީ ކައުންސިލާއި ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު ކަމަށް ކަނޑު އިބިލީސްގެ ޓީމުން ބުންޏެވެ.

އަމިއްލަ ރާގުގެ އެއް ލަވަ ހިމެނޭ މި ފިލްމު އެންމެ ފުރަތަމަ އަޅުވާނީ ކުޅުދުއްފުށީގައެވެ. މިއީ ކޮޕީ މުހައްމަދު ރަޝީދުގެ ވާހަކައެއްގެ މައްޗަށް އުފައްދާ ފިލްމެކެވެ. ފިލްމުގެ ކެމެރާމަނަކީ ދަބާއެވެ.

ކަނޑު އިބިލީސް ޓީމުން ބުނީ ފިލްމުގެ ގްރޭންޑް ޕްރިމިއާ ކުޅުދުއްފުށީގައި ވަރަށް ކުލަގަދަކޮށް އޮންނާނެ ކަމަށާއި އެ ރަށުގައި ފިލްމު އެޅުވުމަށްފަހު މާލޭގައި ވެސް ފިލްމު އަޅުވާނެ ކަމަށެވެ.

comment ކޮމެންޓް