އަލިފާން ރޯވެ ގެއްލުންވި ދޯނި އަޑިއަށް ހިނގައްޖެ

ރީތި ބީޗް ރިޒޯޓުގެ ދޯންޏެއްގައި އަލިފާން ރޯވެ އަދަނީ--- ފޮޓޯ/ އެމްއެންޑީއެފް

ރީތި ބީޗް ރިޒޯޓުގެ ދޯންޏެއްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި އެ ދޯންޏަށް ބޮޑެތި ގެންލުންތަކެއް ލިބި، އަޑިއަށް ހިނގައްޖެއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު، ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ، ކޮކޯ ބޮޑު ހިތި ރިޒޯޓުގެ ހަ މޭލު ބޭރުގައި އޮތް ރީތި ބީޗްގެ ދޯންޏެއްގައި އަލިފާން ރޯވި ކަމުގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމެއް ދޯނި އޮތް ހިސާބުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ. އަދި މިހާރު އެ ދޯނި ވަނީ އަޑިއަށް ގޮސްފައެވެ.

ރީތި ބީޗް ރިޒޯޓުގެ ދޯންޏެއްގައި އަލިފާން ރޯވެ އަދަނީ--- ފޮޓޯ/ އެމްއެންޑީއެފް

"ދޯނި އަޑިއަށް ގޮސްފައިވަނީ މިއަދު 16:35 ކަންހާއިރު،" ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވިއެވެ.

އަލިފާނުގެ ހާދިސާ ހިނގި ދޯނީގައި ތިބީ، ތިން ދިވެހިންނާއި ބިދޭސީއެއް ކަމަށް ކެޕްޓަން އާޒިމް ވިދާޅުވިއެވެ.

މިހާދިސާގައި އަލިފާން ރޯވެފައި ވަނީ ރ. އަތޮޅު ރީތި ފަރު ރިސޯޓުން ކުނި ހިފައިގެން ތިލަފުއްޓަށް ދަތުރުކުރި އެމް 2 ނަމަކަށް ކިޔާ 85 ފޫޓްގެ ދޯންޏެއްގައެވެ.

އެމްއެންޑީއެފުން ބުނީ، މިހާދިސާ ހިނގުމާއެކު އެދޯނިން ދަތުރުކުރި ހަތަރު މީހުން ވަނީ މޫދަށް ފުންމާލައިގެން ގޮސް އެސަރަހައްދުން ދަތުރުކުރި އެޕޯލޯ ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑް ދޯންޏަކަށް އަރާފައި ކަމަށެވެ.

މިހާދިސާގައި ދޯނިން ދަތުރުކުރި މީހަކަށް ގެއްލުމެއް ލިބިފައި ނުވި ނަމަވެސް އެ ދޯންޏަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށާއި އެ މައްސަލަ މިހާރު ފުލުހުން ތަހުގީގުކުރަމުން ދާކަމަށް އެމްއެންޑީއެފުން ބުންޏެވެ.

comment ކޮމެންޓް