މަޝްވަރާގެ މޭޒަށް ދާން އިދިކޮޅުން ބޮޑެތި ޝަރުތުތަކެއް!

އިދިކޮޅު ގުޅިފައިވާ ޕާޓީތަކުން ބޭއްވި ޖަލްސާއެއްގެ ތެރެއިން --- ސަންފައިލް ފޮޓޯ

ސަރުކާރާ އެކު މަޝްވަރާގެ މޭޒުގައި އިށީންނާނީ ހައްޔަރުކޮށްފައި ތިބި ސިޔާސީ މީހުން ދޫކޮށްލުމަށް، އދ މީޑިއޭޓަރެއްގެ ރޯލު އަދާކުރާ ގޮތަށް ކަމަށް އިދިކޮޅު ސިޔާސީ ޕާޓީތަކުން ބުނެފިއެވެ.

ސަރުކާރުން ވަނީ އިދިކޮޅު ފަރާތްތަކަށް މަޝްވަރާއަށް ދައުވަތު ދީފައެވެ.

މިއަދު ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ، ރައީސް އޮފީހުން މަޝްވަރާއަށް އެދި ސިޓީ ފޮނުވާފައިވާ ކަމަށެވެ.

އެސިޓީގެ ޖަވާބު، އދ.އަށް އިދިކޮޅު ޕާޓީތަކުން ފޮނުވާފައި ވާނެ ކަމަށް އިބޫ ވިދާޅުވިއެވެ. އަދި އިދިކޮޅު ފަރާތްތަކުން ސީދާ ސަރުކާރާ އެކު މަޝްވަރާއަކަށް ދާން ބޭނުން ނުވާ ކަމަށް އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، މިހާރު އިދިކޮޅުން ރައީސް ޔާމީނާއެކު ކުރާނެ މަޝްވަރާއެއް ނެތް ކަމަށެވެ. އެހެން ނަމަވެސް މަޝްވަރާއަށް ދާ ނަމަވެސް މިހާރު ސްޓޭޓް އޮފް އިމަޖެންސީއާ ގުޅިގެން ހައްޔަރު ކުރި ހުރިހާ ހައްޔަރީން ދޫކޮށް ނުލަނީސް ނުދާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

އިދިކޮޅުން ހުށަހެޅި ޝަރުތުތައް

  • މަޝްވަރާތަކުގައި އދ މީޑިއޭޓަރެއްގެ ބައި އަދާކުރުން.
  • މަޝްވަރާ ފެށުމުގެ ކުރިން ގާނޫނުއަސާސީގެ ތެރެއަށް ސަރުކާރު ވަންނަން ޖެހޭ.
  • ސުޕްރީމް ކޯޓުން އެކެއް ފެބުރުއަރީގައި ކުރި ހުކުމް ވަގުތުން ތަންފީޒު ކުރުން.
  • ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ދޫކޮށްލައި އުއްތަމަ ފަނޑިޔާރު ހިމެނޭ ގޮތަށް ސުޕްރީމް ކޯޓު ހިންގަން ފެށުން.
  • ސްޓޭޓް އޮފް އިމަޖެންސީގައި ހައްޔަރު ކުރި މީހުން ވަގުތުން ދޫކޮށްލުން.

" މި ސަރުކާރާ ސީދާ ވާހަކަ ދައްކައިގެން ނުކުންނާނެ ނަތީޖާއެއް އޮތް ކަމަށް ގަބޫލެއް ނުކުރަން. ރައީސް ޔާމީނަކީ އިތުބާރު ކުރެވޭ މީހެއް ނޫން،" އިބޫ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރެއް ތަންފީޒު ކުރުމާ މެދު ސިޔާސީ މީހުން ދައްކަން ޖެހޭ ވާހަކައެއް ނޯންނާނެ ކަމަށް އިބޫ ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށުމާ މެދު ދައްކާނެ ވާހަކައެއްވެސް ނޯންނާނެ ކަމަށެވެ. އެއީ ގާނޫނުއަސާސީގައި ވާގޮތަށް ވަގުތުން ތަންފީޒު ކުރަން ޖެހޭ ކަންކަން ކަމަށް އިބޫ ވިދާޅުވި އެވެ.

comment ކޮމެންޓް