ނޭޕާލްގެ ބޮޑުވަޒީރު ކަމަށް ކުރީގެ ބޮޑުވަޒީރު ކޭޕީ އޯލީ

ނޭޕާލްގެ އާ ބޮޑުވަޒީރު ކޭޕީ އޯލީ --

ނޭޕާލްގެ އާ ގާނޫނު އަސާސީގެ ދަށުން ބޭއްވި ފުރަތަމަ އާންމު އިންތިޚާބު ކާމިޔާބުކުރި ކޮމިއުނިސްޓް ޕާޓީގެ ލީޑަރު ކަޑްގާ ޕްރަސާދު ޝަރްމާ އޯލީ (ކޭޕީ އޯލީ)، އެ ގައުމުގެ ބޮޑުވަޒީރުގެ މަގާމަށް އަނެއްކާ ވެސް އިސްވެއްޖެ އެވެ.

ނޭޕާލްގެ އާ ގާނޫނު އަސާސީ 2015 ވަނަ އަހަރު ތަސްދީގުކުރި ފަހުން ބޭއްވި ފުރަތަމަ އާންމު އިންތިޚާބު މިދިޔަ ޑިސެމްބަރު މަހު ބޭއްވި އިރު، އިންތިޚާބުގައި ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ލިބުނީ އެ ގައުމުގެ ކޮމިއުނިސްޓް ޕާޓީ (ޔުނިފައިޑް މާކްސިސްޓް-ލެނިނިސްޓް)އެވެ. އެ ޕާޓީއަށް 121 ގޮނޑި ލިބުނެވެ.

އިންތިޚާބަށް ދެ މަސް ވީ ފަހުން، މިދިޔަ އަށް މަސް ވަންދެން އެގައުމުގެ ބޮޑުވަޒީރުކަމުގައި ހުންނެވި ޝަރް ބަހާދުރު ދޫބާ މިއަދު ވަނީ، އިންތިޚާބު ކާމިޔާބުކުރި ޕާޓީން އާ ސަރުކާރެއް ގާއިމުކުރުމަށް ޖާގަ ދެއްވުމުގެ ގޮތުން އިސްތިއުފާ ދެއްވައިފަ އެވެ.

ބޮޑުވަޒީރު ދޫބާ އިސްތިއުފާ ދެއްވުމުން، ބޮޑުވަޒީރުކަމަށް އިސްވާން ހަމަޖެހިފައި ވަނީ މާކްސިސްޓް-ލެނިނިސްޓް ޕާޓީގެ ލީޑަރު ކޭޕީ އޯލީ އެވެ. މީގެ ކުރިން ވެސް އޯލީ ވަނީ ބޮޑުވަޒީރުކަން ކުރައްވައިފަ އެވެ. އެއީ 15 އޮކްޓޫބަރު 2015 އިން، 2016 އޯގަސްޓް ހަތަރެއްގައި އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމާ ހަމައަށެވެ. އޯލީ އިސްތިއުފާ ދެއްވީ އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓު، ޕާލަމެންޓުން ނަގަން އުޅުމުންނެވެ.

އެ އިންތިޚާބުން މާކްސިސްޓް-ލެނިނިސްޓް ޕާޓީއަށް މެޖޯރިޓީ ލިބުނު އިރު، ދެވަނައަށް އެންމެ ގިނަ ގޮނޑި ލިބުނީ މިއަދު އިސްތިއުފާ ދެއްވި ކުރީގެ ބޮޑުވަޒީރު ދޫބާގެ ނޭޕާލީ ކޮންގްރެސް ޕާޓީއަށެވެ.

ނޭޕާލްގައި ޒަމާންވީ ހިންދޫ ރަސްކަން ނިމި، ޖުމްހޫރިއްޔަތަކަށް ބަދަލުވި ފަހުން އެގައުމުގައި އޮތީ ހަމަނުޖެހުމެއްގެ ތެރޭގަ އެވެ. ނޭޕާލްގައި ފެޑެރަލް ޖުމްހޫރިއްޔަތެއް 2008 ވަނަ އަހަރުގައި ގާއިމުކުރި ފަހުން، މިއަދާ ހަމައަށް 10 ފަހަރަށް ސަރުކާރު ބަދަލުވެފައިވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް