އިތުބާރު ނެތްކަމުގެ ވޯޓު ނަގަން އުޅުމުން ނޭޕާލްގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވައިފި

ނޭޕާލްގެ ބޮޑުވަޒީރުކަމުން މިއަދު އިސްތިއުފާ ދެއްވި އޯލީ --

ނޭޕާލްގެ ބޮޑުވަޒީރު ކަދްގާ ޕްރަސާދު އޯލީގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް އެގައުމުގެ ޕާލަމެންޓުން މަސައްކަތް ކުރަމުން ދަނިކޮށް ބޮޑުވަޒީރު އޯލީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވައިފި އެވެ.

ނޭޕާލްގެ ކޮމިއުނިސްޓް ޕާޓީގެ ލީޑަރުގެ މަގާމުގައި ހުންނެވި ކޭޕީ އޯލީ ބޮޑުވަޒީރު ކަމަށް ގެނައީ މިދިޔަ އަހަރު ގާނޫނު ހަދާ މަޖިލީހުން އޭނާ އެ މަގާމަށް ގެނައުމަށް އިންތިޚާބު ކުރުމުންނެވެ.

އޯލީ ނޭޕާލްގެ ބޮޑުވަޒީރުކަމުގެ މަގާމަށް ހޮވުނީ އެގައުމުގެ ޕާލަމެންޓްގެ 597 މެމްބަރުންގެ ތެރެއިން 338 މެމްބަރުންގެ ވޯޓުންނެވެ. އޭނާއާ އެންމެ ކައިރިން ވާދަކުރެއްވި ކުރީގެ ބޮޑުވަޒީރު ސުޝިލް ކޮއިރާލާއަށް ލިބިވަޑައިގެންނެވީ 249 ވޯޓެވެ.

ކޭޕީ އޯލީ އިސްތިއުފާ ދެއްވީ ކޮމިއުނިސްޓް ޕާޓީން އުފެއްދި ކޯލިޝަން ސަރުކާރުން ކޯލިޝަންގެ އެހެން ބައިވެރިންނަށް ވެރިކަމުގެ ބާރުތައް ވަކި ވަރަކަށް ދިނުމަށް އެކުލަވާލި އެއްބަސްވުމަށް ބޮޑުވަޒީރު އިހުތިރާމު ނުކުރެއްވުމުގެ ސަބަބުން، ކޯލިޝަންގައި ހިމެނޭ މާއޯއިސްޓް ޕާޓީ އެ އިއްތިހާދުން ވަކިވުމާ ގުޅިގެން ގައުމު ސިޔާސީ ހަލަބޮލިކަމެއްގެ ތެރެއަށް ވެއްޓި، އޭނާއަށް ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ތާއީދު ގެއްލުމުންނެވެ.

މީގެ އިތުރުން މިދިޔަ އަހަރު ނޭޕާލަށް ކުރިމަތިވި ވަރުގަދަ ދެ ބިންހެލުމުގެ ސަބަބުން ގައުމު އަލުން އާރާސްތު ކުރަން ޖެހިފައި އޮތް ދަނޑިވަޅުގައި، އެގައުމުގައި ރައްޔިތުން ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތަކަށް އޯލީ ދެއްވި އިޖާބަ ގިނަ ބަޔަކަށް ކަމު ނުދިޔަ އެވެ.

އެހެންކަމުން، މެޖޯރިޓީ ތާއީދު ނެތް މަޖިލީހަކުން އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައިފިނަމަ އެ ވޯޓުން އޭނާ ނާކާމިޔާބުވެވަޑައިގަންނަވާނެކަން އެނގިވަޑައިގެން، އޯލީ އިސްތިއުފާ ދެއްވީ އެވެ.

ެއުމުރުން 63 އަހަރުގެ އޯލީއަކީ ނޭޕާލްގެ ސިޔާސީ މައިދާނުގައި މަޝްހޫރު ބޭފުޅެކެވެ. އޭނާއަކީ ނޭޕާލްގެ ކުރީގެ ސަރުކާރުގައި ވަޒީރުކަމާއި ބޮޑުވަޒީރުގެ ނައިބުކަމުގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް