އިރާގު އަލުން އާރާސްތުކުރުމަށް ބޭނުންވާ 88 ބިލިޔަން ޑޮލަރު ހޯދުމުގެ ބައްދަލުވުން ފަށައިފި

ކުވައިތުގައި ކުރިއަށްދާ އިރާގު އާރާސްތު ކުރުމާ ގުޅޭ ބައިނަލްއަގްވާމީ މަހާސިންތާގެ ތެރޭން -- ފޮޓޯ: ރޮއިޓަސް

ކުވައިތު (13 ފެބްރުއަރީ): އިރާގު އަލުން ބިނާކޮށް އާރާސްތުކުރުމަށް ބޭނުންވާ ފައިސާގެ ތެރެއިން އަށްޑިހަ އަށް ބިލިޔަން ޑޮލަރު ހޯދުމަށް ބާއްވާ ބައިނަލްއަގްވާމީ ބައްދަލުވުމެއް ކުވައިތުގައި ފެށިއްޖެއެވެ.

ކުވައިތު ފަންޑުގެ ހިލޭ އެހީގައި އިރާގާއި އދ. އާއި ޔޫރަޕްގެ އިއްތިޙާދާއި ވޯލްޑް ބޭންކް އިސް ނަގައިގެން ކުވައިތުގައި ބާއްވާ މި ބައްދަލުވުމުގައި ހަތްދިހަ ގައުމާއި އެއްހާސް އެއްސަތޭކަ ފަންސާސް ހަތް ކުންފުންޏާ އަދި ބައިނަލްއަގްވާމީ ބޮޑެތި މާލީ މުއައްސަސާތައް ބައިވެރިވެއެވެ.

މިބައްދަލުވުމަށް އިރާގުގެ ޕްލޭނިންގް މިމިނިސްޓްރީން ހުށަހެޅި ފަންނީ ރިޕޯޓްގައި އައިއެސް އާ ދެކޮޅަށް ކުރި ހަނގުރާމައިގާ ހަލާކުވެ ވީރާނާވެފައިވާ އިރާގުގެ ރަށްތަކާއި އަވަށްތަކާއި ވިލެޖްތަށް އަލުން ބިނާކޮށް އާރާސްތުކުރުމަށް މަދުވެގެން ސަތޭކަ ބިލިޔަން ޑޮލަރު ބޭނުންވާކަން ބަޔާންކޮށްފައިވެއެވެ.

އައިއެސް އާ ދެކޮޅަށް ފާއިތުވި ހަތަރު އަހަރުގައި އިރާގުން ކުރި ހަނގުރާމައިގާ ހަލާކުވެ ވީރާނާވެފައިވާ އިރާގުގެ ސިޓީތަކުގެ ތެރޭގައި ފައްލޫޖާ، ރަމާދީ، މޫސަލް ފަދަ ބޮޑެތި ސިޓީތަކާއި ކުދި ދިހަ ސިޓީއާއި އެތަށް ސަތޭކަ ވިލެޖެއް ހިމެނެއެވެ. މީގެއިތުރުން އައިއެސްގެ ހަނގުރާމަވެރިން އަމިއްލައަށް މަރުވެގެންނާއި ކާރުބޮމުގެ ގިނަ ޙަމަލާތަކެއް ދީގެން ހަލާކުކޮށްފައިވާ އެތަށް ސަތޭކަ ތަނެއްވެސް އަލުން މަރާމާތުކޮށް އާރާސްތުކުރަން ޖެހިފައިވެއެވެ.

ހަނގުރާމައިގެ ސަބަބުން ހަލާކުވެފައިވާ މިތަންތަނުގައި އަލުންޖެހެނީ އިންފްރާސްޓްރަކްޗަރާ ގުޅޭ ގިނަ ކަންތައްތަކެއް ކުރާށެވެ. މީގެތެރޭގައި ފެނާއި ނަރުދަމާއާއި މަގުތަކާއި ޕާކްތަކާއި ބާޒާރުތަކާއި ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި ސަރުކާރުގެ އިމާރާތްތަކާއި އާންމުންގެ ގެދޮރުވެސް ހިމެނެއެވެ. މިކަންކަމަށް މަދުވެގެން ސަތޭކަ ބިލިޔަން ޑޮލަރު ޚަރަދުވާނެ ކަމަށް އިރާގުން އަންދާޒާކުރާއިރު މީގެތެރެއިން ބާރަ ބިލިޔަން ޑޮލަރު އިރާގުގެ ސަރުކާރު ބަޖެޓުން މިއަހަރު ތެރޭގައި ޚަރަދުކުރުމަށްވަނީ ހަމަޖެހިފައެވެ. ބާކީ އަށްޑިހަ އަށް ބިލިޔަން ޑޮލަރު ހޯދަން އިރާގުން ރާވާފައިވަނީ މި ބައްދަލުވުން މެދުވެރިކޮށެވެ.

މިގޮތުން ހިލޭ އެހީގެ ގޮތުގައި ދިހަ ބިލިޔަން ޑޮލަރު އަދި ދިގުމުއްދަތުގެ ލޯންގެ ގޮތުގައި ހަތްދިހަ އަށް ބިލިޔަން ބިލިޔަން ޑޮލަރު ހޯދުމަށް އިރާގުން ޕްލޭންކޮށްފައިވެއެވެ. އިރާގުގެ މަސްއޫލުވެރިން ވަނީ މިދެންނެވި ސިޓީތަކާއި ވިލެޖްތައް މަރާމާތުކުރުމުގެ މަސައްކަތް ފެށުމަށް އަވަސްގޮތަކަށް ބާވީސް މިލިޔަން ޑޮލަރު ފޯރުކޮށްދިނުމަށް ހުށަހަޅާފައެވެ. އެއީ ކޮންމެހެން ބޭނުންވާ ކަންތައްތައް ކަމަށްވާ ފެނާއި ނަރުދަމާގެ ނިޒާމުތަކާއި ސްކޫލްތަކާއި ހޮސްޕިޓަލްތައް މަރާމާތު ކުރުމަށެވެ.

އައިއެސް އާ ދެކޮޅަށް ފާއިތުވި ހަތަރު އަހަރު އިރާގުން ކުރި ހަނގުރާމައިގާ އެގައުމުގެ ސިޓީތަކާއި ވިލެޖްތަކުން ދެލައްކަ ހައުސިން ޔުނިޓް މުޅިން ހަލާކުވެފައިވާއިރު އަވަސްގޮތަކަށް މަރާމާތުކޮށްގެން ބޭނުން ކުރެވޭ ހާލަތުގައި ތިން ލައްކަ ހައުސިންގް ޔުނިޓް ހުރިކަމަށްވެއެވެ. ޢިރާގު ސަރުކާރުންވަނީ މި ސިޓީތަކާއި ވިލެޖްތަށް އާރާސްތުކުރުމަށްޓަކައި ބޮޑެތި މަޝްރޫއުގެ ސަތޭކަ ފަންސާސް ހަތްމަޝްރޫޢު މިބައްދަލުވުމަށް ހުށަހަޅާފައެވެ. މީގެތެރޭގައި ގިނައީ އިންފްރަސްޓްރަކްޗަރ މަޝްރޫޢުތަކެވެ.

އައިއެސް އާ ދެކޮޅަށް ކުރި ހަނގުރާމައިގެ އިތުރުން އެމެރިކާ އިރާގާ ދެކޮޅަށް ކުރި ހަނގުރާމައިގާވެސް އިރާގުގެ ބޮޑުބައެއް ހަލާކުވެ ވީރާނާވެގެން ދިޔައެވެ. ނަމަވެސް ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި އިރާގުންވަނީ އެތަންތަން އަލުން ބިނާކޮށް އާރާސްތުކޮށްފައެވެ. އިރާގު އަލުން ބިނާކޮށް އާރާސްތުކުރުމަށް ބޭނުންވާ ސަތޭކަ ބިލިޔަން ޑޮލަރުގެ ތެރެއިން ދެބިލިޔަން ޑޮލަރު މިއަހަރު ތެރޭގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމުގެ ޔަގީންކަން މުއްސަނދި ބައެއް ގައުމުތަކުން ވަނީ ދީފައެވެ. އަދި ލޯންގެ ގޮތުގައިވެސް ވިހި ބިލިޔަން ޑޮލަރު މިއަހަރު ތެރޭގައި ދޭނެކަމުގެ ޔަގީންކަން ދުނިޔޭގެ މާލީ މުއައްސަސާތަކާއި ބޭންކްތަކުން ދީފައިވެއެވެ.

ނަމަވެސް އިރާގަށް ބޭނުންވާ ސަތޭކަ ބިލިޔަން ޑޮލަރު ލިބޭނެ ކަމަށް ބެލެވެނީ ކުރިޔަށް އޮތް ފަސްއަހަރު ތެރޭގައެވެ. އިރާގަކީ ތެލުގެ މުއްސަނދިކަން ލިބިފައިވާ ގައުމެއް ނަމަވެސް އިރާގުގެ ތެލުގެ އިންޑަސްޓްރީގެ ބޮޑު ބައެއް ހަލާކުވެފައި ވުމުގެ ސަބަބުން އެގައުމަށް އުފެއްދެނީ އުފައްދަން ޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބައެވެ. އިރާގަކީ ދުވާލެއްގެ މައްޗަށް ހަތް މިލިޔަން ފީފާގެ ތެޔޮ އުފެއްދޭ ފެންވަރަށް ތެލުގެ ރިޒާވް ހުރި ގައުމެކެވެ. ނަމަވެސް އެގައުމަށް މިހާރު އުފެއްދެނީ ދުވާލެއްގެ މައްޗަށް ތިނެއް ޕޮއިންޓް ފަހެއް މިލިޔަން ފީފާގެ ތެލެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް