ސަރުކާރު ވައްޓާލަން އުޅުނު މައްސަލާގައި ހައްޔަރު ކުރި ބޭފުޅުން ތަހުގީގަށް އެއްބާރުލުމެއް ނުދޭ: ފުލުހުން

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސުޕޯކްސްޕާސަން އަހްމަދު ޝިފާން ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ގާނޫނީ ގޮތުން އުފެދިފައިވާ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރު ގާނޫނާ ހިލާފަށް ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ބޭފުޅުން ފުލުހުންގެ ތަހްގީގަށް އެއްބާރުލުން ނުދޭ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.

އިސްކަންދަރު ކޮށީގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ތަރުޖަމާނު، ސުޕްރިންޓެންޑް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި 13 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ މައްސަލައިގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ ބޭފުޅުން ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ނުދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ނުދެތީ އެމީހުންގެ މައްސަލަ ވަކި މައްސަލައެއްގެގޮތުގައި ބަލުމުންދާ ކަމަށާއި މި ހަފްތާގެ ތެރޭގައި އެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށް ޝިފާން ވިދާޅުވިއެވެ.

"އެގޮތުން މި މައްސަލާގައި ހެކި ދިނުމަށް ބައެއް ފަރާތްތަކުން އިންކާރުކޮށްފައިވާތީ އެ ފަރާތްތައް ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅަމުންދާ ކަމުގެ މައްސަލަ ތަހުގީގުކޮށް މި ހަފްތާ ތެރޭގައި ޕީޖީ އަށް ފޮނުވުމުގެ މަސައްކަތް ކުރަމުން މިދަނީ،" ޝިފާން ވިދާޅުވިއެވެ.

އެ މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވާ މީހުން:

 1. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް
 2. އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު
 3. ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދު
 4. އަލީ ހަމީދުގެ އަނބިކަނބަލުން ފާތިމަތު ނާސިރާ
 5. ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސައީދު ހުސައިން
 6. މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން
 7. ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު
 8. ގާސިމް އިބްރާހިމްގެ ދަރިކަލުން އަދި ވިލާ ގްރޫޕްގެ ޗެއާމަން އިބްރާހިމް ސިޔާދު ގާސިމް
 9. ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން
 10. ރައީސް މައުމޫންގެ އޮފީހުގައި މަސައްކަތްކުރާ ނަޖުމާ އިބްރާހިމް
 11. މައުމޫންގެ ޕްރައިވެޓް ސެކިއުރިޓީ މުހައްމަދު އަޒްމީ
 12. ޔުމްނާ މައުމޫނުގެ ފިރިކަލުން މުހައްމަދު ނަދީމް
 13. ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ، މ. އެންދެރިގަސްގެ ޑްރައިވަރެ ބޮނިއާ ސުދާގަރު

އެ 13 މީހުން ވެސް ހައްޔަރުކޮށްފައިވަނީ ފެބްރުއަރީ އެއް ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު އުފެދުނު ކަންތައްތަކާ ގުޅިގެން ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ކުއްލި ހާލާތު އިއުލާން ކުރުމަށްފަހުއެވެ.

މިއަދުގެ ބައްދަލުވުމުގައި ފުލުހުން ވަނީ އެ މައްސަލާގެ އެއްވެސް މައުލޫމާތެއް އެނގޭ މީހެއް ވާނަމަ ފުލުހުންނާ އެ މައުލޫމާތެއް ހިއްސާކުރުމަށް އެދިފައެވެ. އަދި އެ މައްސަލައިގެ ތަފްސީލު ލިބެމުންދާ ވަރަކަށް މީޑިއާއަށް ހާމަކުރާނެ ކަމަށް ޝިފާން ވިދާޅުވިއެވެ.

comment ކޮމެންޓް