މާލެއާ އެއް ދުވަހެއްގައި ވަކިން ލޯބިން ކުޅުދުއްފުށީގައި ވެސް ރިލީޒްކުރަނީ

ވަކިން ލޯބިން އަންނަ މާޗް ފަހެއްގައި ކުޅުދުއްފުށީގައި ވެސް އަޅުވަނީ----

ޑާކްރެއިން އެންޓަޓެއިންމަންޓުން ގެނެސްދޭ އަހަރުގެ ފުރަތަމަ ފީޗާ ފިލްމު މާލޭގައި ރިލީޒްކުރާ ދުވަހު، ހދ. ކުޅުދުއްފުށީގައި ވެސް ރިލީޒްކުރާ ގޮތަށް ހަމަޖައްސައިފިއެވެ.

އަންނަ މާޗް މަހުގެ ފަސް ވަނަ ދުވަހު ފިލްމު ޕްރިމިއާ ކުރާނެއެވެ. ކުޅުދުއްފުށީގައި އެ ދުވަހު ފިލްމު އެޅުވުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި ޅ. ނައިފަރުގައި މާޗް އަށެއްގައި، ހިންނަވަރުގައި ނުވައެއް މާޗްގައި ވަކިން ލޯބިންގެ ޝޯވްއެއް ދައްކަން ހަމަޖެހިފައިވާ ކަމަށް ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުންޏެވެ.

މޮގާ ސަން އަށް ބުނީ ފުވައްމުލަކުގައި ވެސް ފިލްމުގެ ދެ ޝޯވް އެއް އެޅުވުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ރަށުގައި ފިލްމު އަޅުވާނީ ނުވައެއް އަދި 10 އެއް މާޗް ގައި ކަމަށެވެ.

މަރިޔަމް މަޖުދާ (މަޖޫ) އަދި ޖުމައްޔިލް ނިމާލް ލީޑު ރޯލުން ފެނިގެންދާ "ވަކިން ލޯބިން"ގެ ޓިކެޓް މިހާރު ވަނީ އޮލިމްޕަހުގައި ވިއްކަން ފަށައިފައެވެ.

"މަލިކާ"އިން ތައާރަފްވި ނުޒުހަތު ޝުއައިބު (ނުޒޫ)، ހަދީޖާ އިބްރާހިމް (ކުޑަހައްޖަ)، އަހުމަދު ސުނީ، އާދަމް ރިޒްވީގެ އިތުރުން މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަނުން ފެނުނު އިބްރާހިމް އަމަން ވެސް މި ފިލްމުން ފެނިގެންދާނެ އެވެ.

އައިޝަތު ފުއާދު ތައުފީގުގެ ސްކްރީން ޕްލޭ އަކަށް، އަލީ ޝިފާޢު (ޗިއްޕެ) ޑައިރެކްޓް ކުރި އެ ފިލްމަކީ މުހިއްމު މެސެޖެއް އަންގައިދޭ ފިލްމެކެވެ.

މި ފިލްމަކީ މުޖުތަމައަށް ބޭނުންތެރި މެސެޖެއް ރައްދު ކޮށްދޭނެ ފިލްމެއްކަމަށާއި ފިލްމަކީ ރާއްޖޭގައި އާއިލާތަކުގައި ހިނގާ ބޮޑު މައްސަލައަކަށް ތައްޔާރުކޮށްފައިވާ ފިލްމެއް ކަމަށް ޕްރޮޑިއުސަރު މޮގާ ބުނެއެވެ.

comment ކޮމެންޓް