ސޮރީގެ ޕޯސްޓަރާއެކު ލަވަތަކެއް ނެރެނީ

މަޝްހޫރު ފިލްމު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ފާތިމަތު ނަހުލާގެ އެންމެ ފަހުގެ ފިލްމު "ސޮރީ"ގެ ރަސްމީ ޕޯސްޓަރާއެކު އާ ލަވަތަކެއް ރިލީޒްކުރުމަށް ތައްޔާރުވެއްޖެއެވެ.

ނަހުލާގެ އަސަރުގަދަ ސޮރީ ދައްކަން ކައިރިވާ ވަރަކަށް ބެލުންތެރިންގެ ކެތްތެރިކަން އަންނަނީ ކޮޅުންލަމުންނެވެ. ފިލްމާ ގުޅޭ ތަފާތު މައުލޫމާތުތައް އަންނަނީ ފިލްމު ނެރުން ކައިރިވާވަރަކަށް އާންމުކުރަމުންނެވެ.

ފިލްމުގެ މަސައްކަތްތައް ނިމުމާ ގާތްވެފައިވާއިރު މިހާރު ކުރިއަށްދަނީ ފިލްމުގެ އެންމެ ފަހުގެ މަސައްކަތްތަކެވެ.

ފިލްމުގެ ޕްރޮޑަކްޝަނުން ދާދިފަހުން ހާމަކޮށްފައިވާ ގޮތުގައި އަންނަ ހަފުތާގެ ތެރޭގައި ފިލްމުގެ އޮފިޝަލް ޕޯސްޓަރު އާންމު ކުރާނެއެވެ. އަދި ފިލްމުގެ ޕޯސްޓަރާއެކު ފިލްމުގެ ބައެއް ލަވަތައް ވެސް ރިލީޒްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޕްރޮޑަކްޝަނުން ހާމަކޮށްފައިވާ ގޮތުގައި ޕޯސްޓަރާއި ލަވަތައް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ހަފުތާގެ އަންގާރަ ދުވަހެވެ. ޚާއްސަ ރަސްމިއްޔާތަކާއެކު ޕޯސްޓަރު އިއުލާނު ކުރާނީ މާލޭގެ ޒުވާނުންގެ މަރުކަޒުގައެވެ. މި އިވެންޓު ފަށާނީ 20:45 ގައި ކަމަށް ޕްރޮޑަކްޝަނުން ހާމަކޮށްފައިވެއެވެ.

މި ފިލްމުގައި ލީޑް ރޯލުތަކުން ފެންނާނީ މަރިޔަމް އައްޒައާއި ޔޫސުފް ޝަފީއުގެ އިތުރުން ނަހުލާގެ ހަގު ދަރިފުޅު ލާލިއާއި ދޮށީ ދަރިފުޅު މަރިޔަމް އީނާޝް ސިނާންގެ ދަރިފުޅު އެވެލީއެވެ. ފިލްމުގެ އިތުރު ރޯލުތަކުން ޝީލާ ނަޖީބާއި ހުސައިން ސޮބާހު ވެސް ފެންނާނެއެވެ.

ނަހުލާގެ ސޮރީ އެޅުވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޖޫން މަހުގެ 17ގައެވެ. މިހާރު ފިލްމުގެ މައިގަނޑު މަސައްކަތްތައް ވަނީ ގާތްގަނޑަކަށް ނިމިފައެވެ.

ނަހުލާ ޕްރޮޑިއުސްކޮށްފައިވާ ފިލްމެއް އެންމެ ފަހުން ނެރެފައިވަނީ 2017 ވަނަ އަހަރެވެ. އެއީ، ލޯބީގެ ރަހަތައް ހިމެނޭ ފިލްމު "ބޮސް"އެވެ. އެއަށް ފަހު ނަހުލާ ވަނީ ލޯބީގެ ވެބް ޝޯއެއް ވެސް ތައްޔާރުކޮށްފައެވެ. "ހުވާ" ކިޔާ މި ޝޯ 2018 އިން 2020އަށް ދެއްކިއެވެ.

comment ކޮމެންޓް