ސޮރީގެ ލަވައަކަށް ކުޑަކުދިންތަކެއް ހޯދަނީ

މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަދި ފިލްމު ޕްރޮޑިއުސަރު ފާތިމަތު ނަހުލާ (ނަހޫ)---ސަން ފޮޓޯ/ މުހައްްމަދު އަފްރާހް

މަޝްހޫރު ފިލްމު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ފާތިމަތު ނަހުލާގެ އެންމެ ފަހުގެ ފިލްމު "ސޮރީ"ގެ ލަވައަކަށް ގިނަ އަދަދެއްގެ ކުޑަކުދީންތަކެއް ހޯދަން އިއުލާނު ކޮށްފިއެވެ.

ނަހުލާގެ އަސަރުގަދަ ސޮރީ ދައްކަން ކައިރިވާ ވަރަކަށް ބެލުންތެރިންގެ ކެތްތެރިކަން އަންނަނީ ކޮޅުންލަމުންނެވެ. ފިލްމާ ގުޅޭ ތަފާތު މައުލޫމާތުތައް އަންނަނީ ފިލްމު ނެރުން ކައިރިވާވަރަކަށް އާންމުކުރަމުންނެވެ.

ފިލްމުގެ މަސައްކަތްތައް ނިމުމާ ގާތްވެފައިވާއިރު މިހާރު ކުރިއަށްދަނީ ފިލްމުގެ އެންމެ ފަހުގެ މަސައްކަތްތަކެވެ. އޭގެތެރެއިން މިހާރު މަސައްްކަތް ކުރަމުން އަންނަނީ ފިލްމުގެ ލަވައެއްގެ މަސައްކަތެވެ.

ފިލްމުގެ ޕްރޮޑަކްޝަނުން ހާމަކޮށްފައިވާ ގޮތުގައި ފިލްމުގެ ލަވައަކަށް ގިނަ އަދަދެއްގެ ކުދިން ބޭނުންވެއެވެ. އަދި އެ ލަވައަށް ބޭނުންވަނީ ނުވަ އަހަރާއި 12 އަހަރާ ދެމެދުގެ ކުޑަކުދީން ކަމަށްވެސް ޕްރޮޑަކްޝަނުން ހާމަކޮށްފައިވެއެވެ. ކޮންމެ ޖީންސެއްގެ ކުއްޖެއްވެސް އެންމެ ރަނގަޅު ކަމުގައި ޕްރޮޑަކްޝަނުން ހާމަކޮށްފައިވެއެވެ.

މިކަމާ ގުޅޭގޮތުން ޝައުގުވެރިކަން ހުރި ފަރާތްތަކުން 7844422 އަށް ގުޅުމަށް ޕްރޮޑަކްޝަނުން ވަނީ އެދިފައެވެ.

ސޮރީގެ ބައެއް ރޯލުތަކަށް އާންމުންގެ ފަރާތުން މީހުން ހޯދުމަށް މީގެ ކުރީންވެސް އެކި ފަހަރު މަތީން ވަނީ އިއުލާނުކޮށްފައެވެ.

މި ފިލްމުގައި ލީޑް ރޯލުތަކުން ފެންނާނީ މަރިޔަމް އައްޒައާއި ޔޫސުފް ޝަފީއުގެ އިތުރުން ނަހުލާގެ ހަގު ދަރިފުޅު ލާލިއާއި ދޮށީ ދަރިފުޅު މަރިޔަމް އީނާޝް ސިނާންގެ ދަރިފުޅު އެވެލީއެވެ. ފިލްމުގެ އިތުރު ރޯލުތަކުން ޝީލާ ނަޖީބާއި ހުސައިން ސޮބާހު ވެސް ފެންނާނެއެވެ.

ނަހުލާގެ ސޮރީ އެޅުވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޖޫން މަހުގެ 17ގައެވެ. މިހާރު ފިލްމުގެ މައިގަނޑު މަސައްކަތްތައް ވަނީ ގާތްގަނޑަކަށް ނިމިފައެވެ.

ނަހުލާ ޕްރޮޑިއުސްކޮށްފައިވާ ފިލްމެއް އެންމެ ފަހުން ނެރެފައިވަނީ 2017 ވަނަ އަހަރެވެ. އެއީ، ލޯބީގެ ރަހަތައް ހިމެނޭ ފިލްމު "ބޮސް"އެވެ. އެއަށް ފަހު ނަހުލާ ވަނީ ލޯބީގެ ވެބް ޝޯއެއް ވެސް ތައްޔާރުކޮށްފައެވެ. "ހުވާ" ކިޔާ މި ޝޯ 2018 އިން 2020އަށް ދެއްކިއެވެ.

comment ކޮމެންޓް