މި އަހަރުގެ ތެރޭގައި ހިޓު ވެބް ޝޯއެއް ރިލީޒްކުރުމަށްފަހު މަޝްހޫރު އެކްޓަރު އަދި ޑައިރެކްޓަރު ރަވީ ފާރޫގު ފިލްމެއް ނެރުމަށް ތައްޔާރުވެއްޖެއެވެ.
މި އަހަރު ފެށުމާއެކު ރަވީ ވަނީ މީޑިއާނެޓްގެ އެމްއެސް ކްލަބަށް ތުރިލާ ޑްރާމާ ޝޯއެއް ކަމަށްވާ "ހިންތާ" ދޫކޮށްލާފައެވެ. ހިޓު ޝޯއަކަށް ފަހު ރަވީ އަނެއްކާވެސް އާ ޕްރޮޖެކްޓެއްގެ މަސައްކަތް ފަށައިފިއެވެ. އެޕިސޯޑުން ވާހަކަ ކިޔައިދިނުމުގެ ބަދަލުގައި މިފަހަރު ރަވީ މަސައްކަތް ފަށާފައިވަނީ ފީޗާ ލެންތު ފިލްމެއް ނެރުމަށެވެ.
އަލަށް ނެރުމަށް ހަމަޖެހިފައިވާ ފިލްމަށް ކިޔާނީ "ފަސާދަ" އެވެ. ފަސާދަ މި ފިލްމުގައި ވެސް މަސައްކަތް ކުރާނީ ހިންތާގެ ޓީމެވެ. ހިންތާގެ ޓީމު "އެއްކާފު" ޕްރޮޑަކްޝަން އާއެކު ނެރުމަށް ހަމަޖެހިފައިވާ މި ފިލްމަކީ ސައިކޮލޮޖިކަލް ތުރިލާއެކެވެ.
View this post on Instagram
މި ފިލްމުގައި ލީޑުން ފެންނާނީ މިހާރު ގިނަ ބައެއްގެ ތެރޭގައި މަގުބޫލުކަން ހޯދަމުން އަންނަ ޒުވާން ތަރި މޫސާ އަލީފެވެ. ޓިކްޓޮކުން މަގުބޫލުކަން ހޯދި އަލީފް ވަނީ މިފަހުން ނެރުނު އެކި ފިލްމުތަކުން ސަޕޯޓިން އެކްޓަރެއްގެ ރޯލުން ފެނިފައެވެ. މިއީ އޭނާ ލީޑުން ފެންނާނެ ފުރަތަމަ ފިލްމެވެ.
މި ފިލްމުގެ އިތުރު ކާސްޓުންގެ މައުލޫމާތުތަކެއް އަދި ހާމަވެފައެއް ނުވެއެވެ. ޑައިރެކްޓަރުގެ ރޯލުގެ އިތުރުން ފިލްމުގެ ރޯލަކުންވެސް ރަވީ ފެންނާނެއިރު މިއީ ކިހާވަރެއްގެ ރޯލެއް ކަމެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ.
ފަސާދަ ފިލްމުގެ ސްކްރީންޕްލޭގެ މަސައްކަތް ކޮށްފައިވަނީ އަހުމަދު ޒަރީރެވެ. ޒަރީރަކީ ރަވީއާއެކު ހިންތާގައިވެސް މަސައްކަތްކޮށްފައިވާ ލިޔުންތެރިޔެކެވެ. ރަވީއާއެކު މި ފިލްމު ޑައިރެކްޓު ކުރުމުގައި އަލީ ޝިފާއު (ޗިއްޕެ) ވެސް ވަނީ މަސައްކަތް ކޮށްފައެވެ.
މި ފިލްމުގެ ޝޫޓިން ނިމިފައިވާއިރު މިހާރު ކުރިއަށްދަނީ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތެވެ. މި އަހަރު ފިލްމު ނެރުމަށް ހަމަޖެހިފައިވި ނަމަވެސް ފިލްމު ނެރޭނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.