ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުންނަށް މާލީ ދާއިރާއާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ފައިނޭންޝަލް ލިޓަރަސީ އެޑިއުކޭޝަން ޕްރޮގްރާމެއް މިއަދު ތައާރަފުކޮށްފިއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ އެހީތެރިކަމާ އެކު އެ ސްކޫލުގެ ބިޒްނަސް ޑިޕާޓްމެންޓުން ރާވައި ހިންގާ މި ޕްރޮގްރާމުގެ ދަށުން، އެސްކޫލުގައި ގްރޭޑު އެކަކުން 10 އާ ހަމައަށް ކިޔަވާ ދަރިވަރުންނަށް ފައިސާއާ ބެހޭ މައުލޫމާތު ދެނެއެވެ.
ޣިޔާސުއްދީން ސްކޫލުން ބުނި ގޮތުގައި، އެ ޕްރޮގްރާމުގެ މަގްސަދަކީ ފައިސާ ގެންގުޅޭނެ ރައްކާތެރި ގޮތްތަކާ، ރަނގަޅު ގޮތުގައި ފައިސާ ހަރަދު ކުރާނެގޮތް ދަރިވަރުންނަށް އުނގަންނައިދީ، އެ އާދަ ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމެވެ.
މީގެ އިތުރުން ފައިސާއާ ގުޅުންހުރި ކަންކަމާ ހޭލުންތެރިކުރުވމާއި، ފއިސާއާ ގުޅުންހުރި އިދާރާތަކުން ކުރާ މަސައްކަތްތައް ދަރިވަރުން ލައްވާ އަމަލީގޮތުން ކުރުވުމާއި، ދައުލަތާއި އަމިއްލަ ފަރާތްތަކުގެ ތަންތަނުގެ ތެރެއިން ފައިސާއާ ގުޅުންހުރި ތަންތަނަށް ޒިޔާރަތްކޮށް، ތަޖުރިބާ ހޯދުން ފަދަ ކަންކަންވެސް ޕްރޮގްރާމުގެ ތެރެއިން ކުރިޔަށް ދާނެއެވެ.

ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި މިއަދު ފެށި ފައިނޭންޝަލް ލިޓަރަސީ އެޑިއުކޭޝަން ޕްރޮގްރާމުގެ ތެރެއިން -- ފޮޓޯ/ ޖީއައިއެސް
ޣިޔާސުއްދީން ސްކޫލުން ބުނި ގޮތުގައި، ފައިނޭންޝަލް ލިޓަރަސީ ޕްރޮގްރާމް ފެށުމަށް މިއަދު ބޭއްވި ހަރަކާތުގައި އެލައިޑް އިންޝުއަރަންސް ކޮމްޕެނީއާއި، ކެޕިޓަލް މާކެޓު ޑިޕްލޮޕްމެންޓް އޮތޯރިޓީގެ އިތުރުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ވަނީ، އެ ކުންފުނިތަކުން ކުރާ މަސައްކަތުގެ މައުލޫމާތު ދަރިވަރުންނަށް ދީފައެވެ.
އަދި ގްރޭޑު ހަތަރަކުން މަތީގެ ދަރިވަރުން ފައިސާއާ މެދު ދެކޭ ގޮތް ބެލުމަށް ސާވޭއެއްވެސް ކުރިޔަށް ގެންގޮސްފައިވާ ކަމަށް ގިޔާސުއްދީން ސްކޫލުން ބުނެއެވެ.
ފައިނޭންޝަލް ލިޓަރަސީ އެދިއުކޭޝަނަކީ ދުނިޔޭގައި ކުރިއަރާފައިވާ ގިނަ ގައުމުތަކުގައި، މަންހަޖުގައި ހިމަނައިގެން ސްކޫލުތަކުގައި ކިޔަވައިދޭ އިލްމެކެވެ.