ބޭރުގެ ދެ ނޫސްވެރިއަކު ހައްޔަރުކޮށް އިމިގްރޭޝަނާ ހަވާލުކޮށްފި

ރާއްޖޭގައި ހައްޔަރުކުރި ކަމަށް ބެލެވޭ ބޭރުގެ ނޫސްވެރިއަކު ފުލުހުންނާއެކު --- ފޮޓޯ/ ޓްވިޓާ

ރާއްޖޭގައި މަސައްކަތް ކުރަމުންދިޔަ ބައިނަލްއަގްވާމީ ދެ ނޫސްވެރިއަކު ހައްޔަރުކޮށް ފިޔަވަޅު އެޅުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މަސްދަރުތަކަކާ ހަވާލާދީ އޭޝިއަން ނިއުސް އިންޓަނޭޝަނަލް އިން ބުނީ ރާއްޖޭގައި ހައްޔަރުކުރި ދެ ނޫސްވެރިންނަކީ ފުރާންސްގެ ބައިނަލްއަގްވާމީ ނިއުސް އޭޖެންސީއެއް ކަމަށްވާ އޭއެފްޕީގެ ދެ ރިޕޯޓަރުން ކަމަށެވެ.

އެކަމާ ގުޅިގެން ފުލުހުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، ހައްޔަރު ކޮށްފައިވަނީ އިންޑިއާ އަދި އިނގިރޭސިވިލާތުގެ ދެ ރިޕޯޓަރުން ކަމަށާއި އެ ދެ މީހުން ހައްޔަރުކުރީ ރާއްޖޭގެ ގާނޫނު ތަކާއި ގަވާއިދުތަކާ ހިލާފަށް މަސައްކަތް ކުރަމުންދާތީ ކަމަށެވެ.

ނަމަވެސް ރާއްޖޭގެ ގާނޫނު ތަކާއި ގަވާއިދުތަކާ ހިލާފަށް އެމީހުން ކުރި ކަމެއް ސާފުކުރުމަށް ފުލުހުންގެ މީޑިއާ އޮފިޝަލާ ގުޅުމުން ވިދާޅުވީ، އެކަމާ ގުޅިގެން އިތުރު އެއްޗެއް ބުނަން ނެތް ކަމަށެވެ.

އޭއެފްޕީ އަކީ ދުނިޔޭގައި ތިން ވަނަ އަށް އެންމެ ބޮޑު ނިއުސް އެޖެންސީ އެވެ.

comment ކޮމެންޓް