އިންޑިއާގެ ފޭކު ޑޮކްޓަރަކު 21 މީހަކަށް އެޗްއައިވީ ޖައްސައިފި

ގިނަ އަދަދެއްގެ މީހުންނަށް އެޗްއައިވީ ޖެހުނީ ފޭކު ޑޮކްޓަރު އެއް ސިރިންޖެއް ބޭނުން ކުރުމުގެ ސަބަބުން -- ފޮޓޯ: ރެކްސް

ލަކްނޯ (ފެބްރުއަރީ 6): އިންޑިއާގެ އުއްތަރަ ޕްރަދޭޝްގައި ހުމަށާއި ކެއްސުމަށް ފަރުވާ ދޭނެ ކަމަށް ބުނި ފޭކު ޑޮކްޓަރަކު ތަކުރާރުކޮށް އެއް ސިރިންޖެއް ބޭނުން ކުރުމުގެ ސަބަބުން 21 މީހަކު އެޗްއައިވީއަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެގައުމުގެ ހެލްތް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

އުއްތަރަ ޕްރަދޭޝްގެ ޗީފް މެޑިކަލް އޮފިސަރު ސުޝިލް ޗޯދުރީ ވިދާޅުވި ގޮތުގައި އެމައްސަލަ ފެންމަތިވީ އެ ސްޓޭޓުގެ ބަންގަރުމޯ ސިޓީގައި އެޗްއައިވީ ޖެހިފައިވާ މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވުމުންނެވެ. އޭގެ ސަބަބުން ހެލްތް ޑިޕާޓްމެންޓުން ފޮނުވި ޓީމަކުން 566 މީހަކު ސްކްރީން ކުރުމުން 21 މީހަކު ޕޮޒިޓިވްވި ކަމަށް ޗޯދުރީ ވިދާޅުވި އެވެ.

އަދި އެމައްސަލައިގައި ޝައްކު ކުރެވޭ މީހާ، ރަޖެންދުރަ ކުމާރު އެންމެންނަށް ފަރުވާ ކުރުމަށް ބޭނުންކޮށްފައި ވަނީ އެއް ސިރިންޖެއް ކަަމަށާއި އެހާ ވަރަށް ގިނަ މީހުންނަށް އެޗްއައިވީ ފެތުރުނީ އޭގެ ސަބަބުން ކަން ޗޯދުރީ ވިދާޅުވި އެވެ.

ބައެއް ރިޕޯޓުތަކުގައިވާ ގޮތުން އެމައްސަލަ ބަލަން ފެށުމާ އެކު ކުމާރު ވަނީ ފިލައިފައެވެ. އަދި އިންޑިއާ ފުލުހުން މިހާރު ދަނީ އެމައްސަލަ ތަހުގީގު ކުރަމުންނެވެ.

އދ.ގެ އެއިޑްސް ޕްރޮގްރާމުން ބުނާ ގޮތުގައި 2016 ވަނަ އަހަރު ނިމުނު އިރު އިންޑިއާގައި އެޗްއައިވީ ހުރި މީހުންގެ އަދަދު 2.1 މިލިއަނަށް އަރަ އެވެ. (އޭޕީ)

comment ކޮމެންޓް