ހއ. އިހަވަންދޫ ކައުންސިލްގެ ހުރިހާ މެމްބަރުން ސަސްޕެންޑުކޮށްފި އެވެ.
އިހަވަންދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާ މުހައްމަދު އިބްރާހިމަށް އެޑްރެސްކޮށް ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިރޭ ފޮނުވި ސިޓީގައި ބުނެފައި ވަނީ މިއަދުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް ހުރިހާ ކައުންސިލަރުން ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.
ކައުންސިލަރުން ސަސްޕެންޑުކުރީ މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް ކަމަށް ވެސް އެ ސިޓީގައިވެ އެވެ.
ސަސްޕެންޝަން އުވާލަންދެން އިހަވަންދޫ ކައުންސިލް ހިންގުން ޒިންމާދާރުވެރިޔާއާ ވަނީ ހަވާލުކޮށްފަ އެވެ.
އެލްޖީއޭގެ ރައީސް އަދި ހޯމް މިނިސްޓަރު އަޒްލީން އަހުމަދު "ސަން" އަށް ވިދާޅުވީ އިހަވަންދޫ ކައުންސިލަރުން ސަސްޕެންޑުކުރީ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް އެރަށުގައި ހިންގި ހަރަކާތްތަކުގައި އަމަލުތައް ބެހެއްޓި ގޮތަކުން ކަމަށާއި ކައުންސިލްގެ ޒިންމާދާރިވެރިޔާއަށް ފޮނުވި ސީޓިގައި އެކަމުގެ ތަފްސީލު ހިމަނާފައިވާނެ ކަމަށެވެ.
އެ ސިޓީގައި ބުނެފައި ވަނީ އެކައުންސިލުން އަމަލުކޮށްފައި ވަނީ ގައުމީ ފެންވަރުގައި ފާހަގަކުރެވޭ ފަދަ މުހިންމު މުނާސަބަތެއްގައި ކައުންސިލުން އަމަލުކޮށްގެންވާނެ ފަދަގޮތަކަށް ނޫން ކަމަށެވެ.
ކައުންސިލަރުން އަމަލުކޮށްފައި ވަނީ މުޖުތަމައުގެ ހަމަނުޖެހުން ގެއްލި ސަރުކާރު ބަދުނާމުވާގޮތަކަށް ކަމަށް ވެސް އެ ސިޓީގައިވެ އެވެ.
އެފަދަ ގައުމީ މުހިންމު މުނާސަބަތަކާ ގުޅިގެން ސަރުކާރުގެ އިދާރާތަކަށް ދޭންޖެހޭ އެއްބާރުލުން ދިނުމުގެ ރޫހެއް ކައުންސިލަރުންގެ އަމަލުތަކުން ފެނިފައިނުވާކަން އެ އޮތޯރިޓީގެ ބޯޑަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް އެލްޖީއޭގެ ސިޓީގައިވެ އެވެ.
ސަސްޕެންޝަންގެ މުއްދަތުގެ ތެރޭގައި ފަރުދީގޮތުން ލިބެންޖެހޭ ޚިދުމަތެއް ލިބިގަތުމަށް ފިޔަވައި، އެހެން ބޭނުމަކު ކައުންސިލް އިދާރާގެ ތެރެއަށް އެ ކައުންސިލަރުން ވަނުމަކީ މަނާކަމެއް ކަމަށް ވެސް އެލްޖީއޭގެ ސިޓީގައި ވަނީ ބުނެފަ އެވެ.