އިޓަލީއާ އާޖެންޓީނާ ވާދަކުރާ އެކުވެރިކަމުގެ މެޗެއް އިއްތިހާދު ސްޓޭޑިއަމްގައި

އިޓަލީއާއި އާޖެންޓީނާ ވާދަކުރި އެކުވެރިކަމުގެ މެޗެއްގެ ތެރެއިން --- ފޮޓޯ/ ގެޓީ

އާޖެންޓީނާ އަދި އިޓަލީ ވާދަކުރާ ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއް އިނގިރޭސިވިލާތު މެންޗެސްޓާ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުމަށް ތާވަލުކޮށްފިއެވެ.

އާޖެންޓީނާ އަދި އިޓަލީއަކީވެސް ދުނިޔޭގެ ފުޓުބޯޅައިގައި ގަދަ ބާރުންގެ ގޮތުގައި ފާހަގަކޮށްލެވޭ ދެ ގައުމެވެ. ނަމަވެސް މިއަހަރުގެ ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިވެފައެއް ނުވެއެވެ. މިއީ 1958 ވަނަ އަހަރަށްފަހު އިޓަލީއަށް ވޯލްޑް ކަޕަކުން ޖާގަ ގެއްލުނު ފުރަތަމަ ފަހަރެވެ.

އަންނަ ޖޫން މަހު ރަޝިއާގައި އޮންނަ ވޯލްޑް ކަޕަށް ތައްޔާރުވަމުންދާ އާޖެންޓީނާއަކީ 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕުގެ ރަނަރަޕް ޓީމެވެ. އާޖެންޓީނާއިން އިޓަލީއާއެކު އަންނަ މާޗުމަހުގެ 23 ވަނަ ދުވަހު ކުޅޭ މެޗަށްފަހު ވޯލްޑް ކަޕުގެ ކުރިން މާޗު 28 ވަނަ ދުވަހު ސްޕެއިނާ ދެކޮޅަށްވެސް އެކުވެރިކަމުގެ މެޗެއް ކުޅޭނެއެވެ.

އާޖެންޓީނާ ހިމެނިފައިވަނީ ވޯލްޑް ކަޕުގެ ގްރޫޕް ''ޑީ''ގައެވެ. އެ ގްރޫޕުގައި އާޖެންޓީނާގެ އިތުރުން ދެން ހިމެނޭ ގައުމުތަކަކީ މުޅިން އަލަށް ވޯލްޑް ކަޕުގައި ކުޅޭނ އައިސްލޭންޑާއި ކްރޮއޭޝިއާ އަދި އެފްރިކާގެ ނައިޖީރިއާއެވެ.

އިޓަލީން ވޯލްޑް ކަޕްގެ ކޮލިފިކޭޝަން ޕްލޭއޮފްގައި ސުވިޑެންއާ ވާދަކޮށް ބަލިވެފައިވާއިރު، މި މެޗު ވެގެންދާނީ އޭގެފަހުން އެ ގައުމުގެ ގައުމީ ޓީމު ކުޅޭ ފުރަތަމަ މެޗަށެވެ. ވޯލްޑް ކަޕަށް ކޮލިފައިނުވުމާއެކު އިޓަލީގެ ގިނަ ކުޅުންތެރިންތަކެއްވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައެވެ. އޭގެ ތެރޭގައި އިޓަލީގެ ގައުމީ ޓީމުގެ ގޯލް ގިނަ ދުވަސްތަކެއް ވަންދެން ބެލެހެއްޓި ކީޕަރު ޖީޖީ ބުފަންއާއި ޑިފެންޑަރު ކިއެލީނީއާއި ބާޒާލީގެ އިތުރުން މިޑްފީލްޑަރު ޑެނިއަލް ޑި ރޮސީވެސް ހިމެނެއެވެ.

comment ކޮމެންޓް