ކޮންގްރެސް ނުބާއްވާ އޮތީ ޕީޕީއެމް އެކަންޏެއް ނޫން: އަދުރޭ

ޖެނުއަރީ 29، 2018: ޕީޕީއެމްގެ ރުމާލު 2 ޖަގަހައިގައި ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮންގްރެސް ނުބާއްވާ ހަމައެކަނި ޕާޓީއަކީ ޕީޕީއެމް ނޫން ކަމަށާއި އެމްޑީޕީ، އަދާލަތު އަދި ޖޭޕީން ކޮންގްރެސް ނުބާއްވާތާ ފަސް އަހަރުވެފައިވާ ކަމަށް ޕީޕީއެމްގެ ނައިބު ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ކޮންމެ ސިޔާސީ ޕާޓީއަކުންވެސް ފަސް އަހަރުން އެއްފަހަރު ޕާޓީގެ ކޮންގްރެސްއެއް ބާއްވަން ޖެހެއެވެ. އަދި ނުބާއްވާ ޕާޓީތައް އުވޭނެ ކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ.

މިއަދު ޕީޕީއެމުން ބޭއްވި ކައުންސިލު ބައްދަލުވުމަކަށް ފަހު މީޑިއާއާ ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ ޕީޕީއެމްގެ ކޮންގްރެސް ނުބާއްވާ ވާހަކަ ދައްކާ މީހުންނާ، އެހެން ޕާޓީތަކުގެ ކޮންގްރެސް ބޭއްވީ ކޮންއިރަކުތޯ ސުވާލުކޮށްލަން ޖެހޭ ކަމަށެވެ.

"ދެން ސުވާލުކޮށްލާ ތިވާހަކަ ދައްކާ މީހުންނާ އެމްޑީޕީގެ ކޮންގްރެސް ބޭއްވީ ކޮންއިރަކުތޯ. ޖޭޕީގެ ކޮންގްރެސް އެންމެ ފަހުން ބޭއްވީ ކޮންއިރަކުތޯ. އަދާލަތު ޕާޓީގެ ކޮންގްރެސް އެންމެ ފަހުން ބޭއްވީ ކޮންއިރަކުތޯ. ޕީޕީއެމްގެ ކޮންގްރެސްއަށްވުރެ މާކުރިން ބޭއްވި ކޮންގްރެސްތަކެއް އެބޭފުޅުންގެ އޮންނާނީ،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ޕީޕީއެމް ހުސްކަމެއްގެ ތެރެއަށް ނުދާ ކަމަށެވެ. އަދި ޕާޓީ ހިންގަމުން ދަނީ އަސާސީ ގަވާއިދާ އެއްގޮތަށް ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

ޕީޕީއެމްގެ ކޮންގްރެސް އެންމެ ފަހުން ބޭއްވީ ކޮން ތާރީހެއްގައި ތޯ ނޫސްވެރިން ސުވާލު ކުރުމުން އަދުރޭ ވިދާޅުވީ "ޕީޕީއެމް ކޮންގްރެސް ބޭއްވި ތާރީހު އިލެކްޝަންސް ކޮމިޝަނަށް ބައްލައިލެއްވުމުން އެނގިވަޑައިގަންނަވާނެ" ކަމަށެވެ.

ޕީޕީއެމްގެ ކޮންގްރެސް ދެން ބާއްވާނީ ކޮންއިރަކުތޯ ނޫސްވެރިން ސުވާލު ކުރުމުން އަދުރޭ ވިދާޅުވީ "މިހާރު ޕާޓީގެ ހުރިހާ ފޯކަސްއެއް އޮތީ 2018 ގެ އިންތިހާބަށް" ކަމަށެވެ. އަދި މިއަހަރުގެ ކުރިން ކޮންގްރެސްއެއް ބާއްވަން ޕާޓީގެ ކައުންސިލުން ނިންމައިފިއްޔާ ބާއްވާނެ ކަމަށް ވިދާޅުވިއެވެ.

ޕީޕީއެމްގެ ކޮންގްރެސް ނުބާއްވާތާ ފަސް އަހަރުވުމުން ޕާޓީ އުވިފައިވާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ދަނީ ވާހަކަފުޅު ދައްކަވަމުންނެވެ.

ޕީޕީއެމްގެ ކޮންގްރެސް އެންމެ ފަހުން ބާއްވާފައިވަނީ މީގެ ފަސް އަހަރު ކުރިން 2013 ވަނަ އަހަރުގެ ޖެނުއަރީ 14 ވަނަ ދުވަހުއެވެ.

އެމްޑީޕީން އެންމެ ފަހުން ކޮންގްރެސް ބާއްވާފައިވަނީ މީގެ ހަތް އަހަރު ކުރިން 2010 ވަނަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. އޭގެ ފަހުން މިދިއަ އަހަރު އެމްޑީޕީން ކޮންގްރެސް ބާއްވަން އިއުލާނު ކުރިއެވެ. އެކަމަކު ފައިސާ ނެތް ކަމަށް ބުނެ ކޮންގްރެސް ފަސް ކުރިގޮތަށް އަދިވެސް ކޮންގްރެސްއެއް ނުބާއްވައެވެ.

ޖުމްހޫރީ ޕާޓީން އެންމެ ފަހުން ކޮންގްރެސް ބާއްވާފައިވަ 2013 ވަނަ އަހަރު ޖުލައި 15 ވަނަ ދުވަހުއެވެ.

މި ތާރީހުތަކަށް ބަލާއިރު ޕީޕީއެމް، އެމްޑީޕީ އަދި ޖުމްހޫރީ ޕާޓީންވެސް ކޮންގްރެސް ނުބާއްވާތާ ފަސް އަހަރުވެއްޖެއެވެ.

comment ކޮމެންޓް