އިދިކޮޅު ފަރާތްތަކުން ޖަހާ ސަކަރާތުގެ ތެރެއަށް ސުޕްރީމް ކޯޓު ނުވަންނާނެ: އަޒްލީން

ހޯމް މިނިސްޓަރު އަޒުލީން އަހުމަދު ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އިދިކޮޅު ކޯލިޝަންގެ ބޭފުޅުންނަކީ އަމިއްލަ އެދުމުން ފޯވެފައި ތިބި ބައެއް ކަމަށާއި އެބޭފުޅުން ޖަހާ ސަކަރާތުގެ ތެރެއަށް ސުޕްރީމް ކޯޓު ނުވަންނާނެ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެއެވެ.

"ސަން" އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އަޒްލީން ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ބޭފުޅުންނަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަގުވައްޓާލުމަށްޓަކައި މަސައްކަތް ކުރަމުން އައި ބައެއް ކަމަށެވެ. އަދި މިހާރު އެބޭފުޅުންނަށް ސުޕްރީމް ކޯޓު ރަނގަޅުވީތޯ ހޯމް މިނިސްޓަރު ސުވާލު އުފެއްދެވިއެވެ.

"މިހާރު ސުޕްރީމް ކޯޓު ރަނގަޅުވީތޯ. މިއަދާހަމައަށް ސުޕްރީމް ކޯޓުން ނިންމާ ނިންމުންތަކަށް ގޮންޖައްސަވާ ބޭފުޅުން މީގެތެރޭގައި ގިނައީ. އަބަދު ކޯޓުގެ ހުކުމްތަކަށް ގޮންޖަހައި، ކޯޓުގެ ޝަރީއަތްތަކަށް ގޮންޖަހައި ކޯޓުގެ ހުރުމަތްކެނޑޭގޮތަށް ރެއާއި ދުވާލު ދާ ގްރޫޕް ނޫންތޯ މިއީ. ކިހާ އެއްޗެއްތޯ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަގުވައްޓާލުމަށްޓަކައި ކީ،" އަޒްލީން ވިދާޅުވިއެވެ.

ހޯމް މިނިސްޓަރު ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަގުވައްޓާލުމަށްޓަކައި އިދިކޮޅު ކޯލިޝަންގެ ބޭފުޅުން ވާހަކަތައް ދެއްކެވިކަން ދިވެހި ރައްޔިތުން ހެކިވާނެ ކަމަށެވެ. އަދި އެބޭފުޅުންނަކީ ކޮންކަހަލަ ބައެއްކަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ސުޕްރީމް ކޯޓުގެ ޖަޖުންނަށް ވެސް އެނގިވަޑައިގަންނަވާނެ މިބައި މީހުންނަކީ މި ބައި މީހުންގެ އިންޓަގްރިޓީގެ ޒައްރެއްގެ މިންވަރުވެސް ހުރި ބައެއް ނޫންކަން. ނަޒާހަތްތެރިކަމުގެ ޒައްރެއްގެ މިންވަރުވެސް ނެތްކަން. އަމިއްލަ އެދުމުން ފޯވެފައި ތިބި ބައެއްކަން. މިބައިމީހުން ކުޅޭ ސަކަރާތްގަނޑުގެ ތެރެއަށް ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓަކުން ނުވަންނާނެ،" އަޒްލީން ވިދާޅުވިއެވެ.

ހޯމް މިނިސްޓަރު ވިދާޅުވީ، ރައްޔިތުންގެ ތެރޭގައި ފިތުނަ އުފައްދައި މުއައްސަސާތަކުގެ ތަސައްވަރު ކިލަނބުކޮށްލުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެފަދަ ކަންކަމަކީ ގާނޫނީ ކުށެއް ކަމަށާއި މުއައްސަސާތަކުގެ ތަސައްވަރު ކިލަނބުކޮށްލުމަށް ދޮގު މައުލޫމާތު ފަތުރާ މީހުންނާ މެދު ގާނޫނީގޮތުން އެޅެންހުރި އެންމެ މަތީ ދަރަޖައަކަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް އަޒްލީން ވިދާޅުވިއެވެ.

ސަރުކާރުގެ މުއައްސަސާއެއްގެ މީހަކު ގާނޫނާ ޚިލާފު ކަމެއް ކުރާނަމަ އެމީހަކާ ވެސް ގާނޫނު އަރާހަމަކުރާނެ ކަމަށް ހޯމް މިނިސްޓަރު އަޒްލީން ވިދާޅުވިއެވެ.

"ސަރުކާރުގެ މުއައްސަސާތައް އޮތީ ވަރަށް ބަދަހިކަމާއެކު. މުއައްސަސާތަކުގެ ތެރެއިން ގާނޫނާ ޚިލާފަށް ކަންތައްތައް ކުރައްވާ ބަޔަކު ތިބި ކަމަށްވަންޏާ އެމީހުންނާ ގާނޫނު އަރާ ހަމަކުރާނެ. އަޅުގަނޑުމެންނަށް އެނގޭނެ މުއައްސަސާތަކުގެ ތެރެއިން ބަޔަކު މީހުންނާ ގުޅިގެން އެފަދަ ޖަރީމާ ހިންގާ ބަޔަކު،" އަޒްލީން ވިދާޅުވިއެވެ.

"އެއްވެސް ގޮތެއް ނެތުނީމަ މި ބުނަނީ މިރޭވެސް މާދަމާ ވެސް ބޮޑު ކަމެއް ހިނގާފާނެއޭ. މިވެނި ކަމެކޭ. އެވެނި ކަމެކޭ."

އަޒްލީން ވިދާޅުވީ މިވަގުތު ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނެވީ "ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ސުމާޓް ޕޮލިޓީޝަން" ކަމަށާއި މިގައުމު އަނދިރިކަމެއްގެ ތެރެއަށް ވައްޓާލުމަށްޓަކައި މަސައްކަތްކުރާ މީހުން ގާނޫނުގެ ކުރިމައްޗަށް ގެންނާނެ ކަމަށެވެ.

"އެބޭފުޅުން ހީކޮށްގެން ނުވާނެ ދިވެހިރާއްޖޭގެ ހާލަތު ކިލަނބުކޮށްލައި ރައްޔިތުންނަށް އޮޅުވާލައިގެން މަގުމަތި ހަލަބޮލިކޮށް ޖަރީމާތައް ހިންގައިގެން ފައިސާދީގެން ކަންތައްތައް ކުރެވިދާނެ ކަމަކަށް،" އަޒްލީން ވިދާޅުވިއެވެ.

ހޯމް މިނިސްޓަރު ވިދާޅުވީ އިދިކޮޅު ފަރާތްތަކަކީ ފުލުހުންނަށް ހެޔޮއެދޭނެ ބައެއް ނޫންކަން ފުލުހުންނަށް އެނގޭ ކަމަށާއި އިދިކޮޅު ފަރާތްތަކަށް ފުލުހުންގެ މުއައްސަސާއަކާ ނުކުޅެވޭނެ ކަމަށެވެ.

"ގާނޫނީ ވާޖިބު އަދާކުރުންމަތީ ފުލުހުން ދެމިތިބޭނެ. ފުލުހުންގެ ތެރެއިން އެންމެ މީހަކުވެސް މި މީހުން ބުނާ ބަހަކަށް ހެއްލިގެން ނުދާނެ. އަޑިއަޑިން ރާވައިގެން ފުލުހުންގެ ބޮލަށް ސަވާރުވާން އުޅޭކަން އަޅުގަނޑުމެންނަށް އެނގޭ. އެހެންވީމަ އެއަށް އަޅަންޖެހޭ ފިޔަވަޅުތައް ވެސް އަޅަމުން އަޅުގަނޑުމެން ގެންދާނީ. ފުލުހުންގެ މުއައްސަސާއަކާ މި މީހުންނަކަށް ނުކުޅެވޭނެ. ފުލުހުން ނުދާނެ މި މީހުން ފަހަތަކުން. 100 ޕަސެންޓް ގެރެންޓީ،" އަޒްލީން ވިދާޅުވިއެވެ.

ގާނޫނު އަސާސީ އާއި ގާނޫނާ ޚިލާފަށް ރައީސް ޔާމީން އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށާއި ސަރުކާރުގެ ތެރެއިން ގާނޫނާ ޚިލާފުވި މީހަކާ މެދު އެމަނިކުފާނު ގެންދަވަނީ ފިޔަވަޅު އަޅުއްވަމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ސަރުކާރުގެ ސިޔާސަތުގައި ނޯންނާނެ އޮޅުވާލުމާއި މަކަރު ހެދުމާއި ޖަރީމާ ހިންގުމެއް. މި ސަރުކާރަކީ މިހާތަނަށް ދިވެހިރާއްޖެ ދުށް އެންމެ ވަރުގަދަ އިޚްލާސްތެރި ސަރުކާރު. އެންމެ ބޮޑަށް ގާނޫނުގެ ވެރިކަން، ދުސްތޫރުގެ ވެރިކަން ހިމާޔަތްކުރާ ސަރުކާރަކީ ރައީސް ޔާމީންގެ ސަރުކާރަށްވާތީ އެކަމުގެ ހަސަދަވެރިކަން މި އަންނަނީ."

މުއައްސަސާތައް ކިލަނބުކޮށްލައިގެން ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވަން އުޅުއްވުމަށްވުރެ އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ ތާއީދު ހޯދަން އުޅުން މާ އައުލާކަންބޮޑު ކަމަށް އަޒްލީން ވިދާޅުވިއެވެ.

އިދިކޮޅު ހަތަރު ލީޑަރަކު ރައީސް ޔާމީން މަގާމުން ދުރުކުރުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ އެހެން އެއްވެސް މުއައްސަސާއަކުން އެ މަސައްކަތް ކުރުމަށް ނުކުޅެދިފައިވާ ކަމަށް ބުނެއެވެ.

comment ކޮމެންޓް