ވެސްޓް ބްރޮމް އަތުން ބަލިވެ، ޓްރޮފީއެއް ހޯދުމަށް ލިވަޕޫލުން ކުރާ ދަތުރު އިތުރަށް ދިގުވެއްޖެ

އެފްއޭ ކަޕްގައި ލިވަޕޫލާއި ވެސްޓް ބްރޮމް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ލިވަޕޫލް ބަލިވީ 3-2 ގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

އިނގިރޭސި އެފްއޭ ކަޕުގައި ވެސްޓް ބްރޮމް އަތުން ބަލިވެ، ޓްރޮފީއެއް ހޯދުމަށް ލިވަޕޫލުން ކުރާ ދަތުރު އިތުރަށް ދިގުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގެ މެޗުގައި ވެސްޓް ބްރޮމް އަތުން ލިވަޕޫލް ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ.

މިސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ތާވަލުގެ ހަތަރުވަނައިގައި މިވަގުތު ލިވަޕޫލް އޮތް އިރު، އެ ޓީމާއި އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ދެމެދު 18 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. އެފްއޭ ކަޕުގެ އިތުރުން މިސީޒަނުގެ އިނގިރޭސި ލީގު ކަޕުން ވެސް ލިވަޕޫލް ވަނީ ކަޓައިފައެވެ. އެންމެ ފަހުން ލިވަޕޫލަށް ޓްރޮފީއެއް ހޯދިފައިވަނީ މީގެ ފަސް އަހަރު ކުރިންނެވެ. އެއީ އިނގިރޭސި ލީގު ކަޕްގެ ޓްރޮފީއެކެވެ. ލިވަޕޫލަށް އިނގިރޭސި ލީގު ޗެމްޕިއަންކަން ނުހޯދޭތާ މިހާރު 27 އަހަރުވެއްޖެއެވެ.

ރޭ ކުޅުނު އެފްއޭ ކަޕު މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ހޯދީ ލިވަޕޫލުންނެވެ. މެޗުގެ ފަސްވަނަ މިނެޓުގައި ލިވަޕޫލުން ކާމިޔާބުކުރި އެ ލަނޑު، އެޓީމަށް ޖަހައިދިނީ ރޮބާޓޯ ފާމީނޯއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ މުހައްމަދު ސަލާހު ފޮނުވާލި ހަމަލާއެއް ބެން ފޮސްޓާ މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައިންނެވެ.

ލިވަޕޫލުން ލީޑު ހޯދިތާ ދެ މިނެޓުތެރޭ ވެސްޓް ބްރޮމްއިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ކްރިސް ބްރަންޓް ދިން ބޯޅައަކުން ވެސްޓް ބްރޮމްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ އިނގިރޭސި ފޯވަޑް ޖޭ ރޮޑްރިގޭޒެވެ. އެ ލަނޑަށްފަހު މާގިނައިރުތަކެއް ނުވަނީސް، މެޗުގެ 11 ވަނަ މިނެޓުގައި ރޮޑްރިގޭޒް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް، ވެސްޓް ބްރޮމްއަށް ލީޑު ހޯދައިދީފައެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ކިއެރެން ގިބްސް ދިން ބޯޅައަކުންނެވެ.

ވެސްޓް ބްރޮމްގެ ޕެނަލްޓީ އޭރިއާ ތެރެއިން ސަލާހުއަށް ޖޭކް ލިވަމޯ ކުރި ފައުލަކާ ގުޅިގެން މެޗުގެ 27 ވަނަ މިނެޓުގައި ލިވަޕޫލަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، ފާމީނޯ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ވެސްޓް ބްރޮމް ގޯލުގެ ދަނޑިއަށެވެ.

މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި ވެސްޓް ބްރޮމްއިން ލީޑު ފުޅާކުރިއެވެ. އެ ލަނޑަކީ ލިވަޕޫލުގެ ކެމަރޫން ޑިފެންޑަރު ޖޯލް މަޓިފް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އެ ލަނޑު ވަންއިރު ވެސްޓް ބްރޮމްގެ ކްރެއިގް ޑޯސަން އޮފްސައިޑުގައި ހުރިތޯ ބެލުމަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރު) ޓެކްނޮލޮޖީ ބޭނުންކުރި ނަމަވެސް، ވީއޭއާރުން ދެއްކީ ޑޯސަން އޮފްސައިޑު ނުވާ ކަމަށެވެ.

މެޗުގެ ދެވަނަ ހާފުގައި ލިވަޕޫލުން ވަނީ ވެސްޓް ބްރޮމްއިން ދަމަހައްޓަމުންދިޔަ ލީޑު ހަނިކޮށްފައެވެ. މެޗުގެ 78 ވަނަ މިނެޓުގައި ފާމީނޯ ދިން ބޯޅައަކުން ލިވަޕޫލަށް ސަލާހު އެ ލަނޑު ކާމިޔާބުކޮށްދިން ނަމަވެސް، އޭގެ އިތުރުން އެޓީމަށް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވުމުން ލިވަޕޫލަށް ވަނީ މުބާރާތާ އަލްވަދާއު ކިޔަން ޖެހިފައެވެ.

comment ކޮމެންޓް