މިއަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަސް ވެގެންދާނީ ދިވެހި ފުޓްބޯޅަ އަދި ދިވެހި ތާރީހުގައި ވަރަށް ތާރީހީ ދުވަހަކަށެވެ. އެ ދުވަހަކީ ދިވެހިރާއްޖެއިން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިތާ ދިހަ އަހަރު ފުރޭ ދުވަހެވެ. މިއީ ރާއްޖެއަށް ސާފް ޗެމްޕިއަންޝިޕެއް ކާމިޔާބު ކުރެވުނު ވެސް ހަމައެކަނި ފަހަރެވެ. ދިވެހި ފުޓްބޯޅައިގައި ދިވެހިންނަށް ލިބުނު އެންމެ ބޮޑު ކާމިޔާބަކީ 2008ގެ ސާފް ޗެމްޕިއަންޝިޕެވެ.
ޖޫން 14، 2008 ވަނަ ދުވަހު، މި ކުޑަކުޑަ ރާއްޖޭން ވަރުދަގަ އިންޑިއާ ބަލިކޮށް ސާފް ޗެމްޕިއަންޝިޕްގެ ތަށި އުފުލާލި ދުވަސް އަދިވެސް ގިނަ ބައެއްގެ ހިތްތަކުން ފިލައިގެނެއް ނުދާނެއެވެ. އެ ވަގުތުން ފެށިގެން ދުވަސްކޮޅަކަށް މުޅި ރާއްޖެ ފެނިގެންދިޔައީ ރަތް ކުލައިންނެވެ. އަޑުވެސް އެހާ ގަދައެވެ. އޭރު ފެނިގެންދިޔަ އެންމެ ފާހަގަކޮށްލެވުނު ކަމަކީ ދިވެހީން އެއްބައިވަންތަކޮށްދެނީ ފުޓްބޯޅަ ކަމެވެ.
މިއަދު ރާއްޖެއިން މި ފެންނަނީ ހަމަ އެފަދަ މަންޒަރެކެވެ. ރާއްޖެއިން ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްފައިނުވި ނަމަވެސް، ދިވެހި ފަސްގަނޑުން ދުނިޔޭގެ އެންމެ ޝަރަފްވެރި ޓްރޮފީ ކަމަށްވާ ފީފާ ވޯލްޑް ކަޕް ޓްރޮފީ ފެނިއްޖެއެވެ. އެ ޓްރޮފީއާއެކު ގިނަ އަދަދެއްގެ ދިވެހިންނަށް އެ ޝަރަފްވެރި ޓްރޮފީއާއެކު ފޮޓޯ ނެގުމުގެ ފުރުސަތު ލިބިއްޖެއެވެ.
ރާއްޖެއިން ފެނުނީ އުފާވެރި މަންޒަރެއް!
ރާއްޖެއިން 2008ގެ ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދާފައިވަނީ ސިޔާސީގޮތުން ވަރަށް ހަލަބޮލި ދުވަސްވަރެއްގައެވެ. އެއީ ރިޔާސީ އިންތިހާބު ގާތްވެ، ވަރަށް ފޯރިއާއެކު ސިޔާސީ ކަންކަން ކުރިއަށްދިޔަ ދުވަސްވަރެކެވެ. އޭރުވެސް ދިވެހިން ބައިބައިވެފައި ވަނިކޮށް، އެއްބައިވަންތަކަން ގެނެސްދިން ކަމަކީ ފުޓްބޯޅައެވެ. ސާފް ޗެމްޕިއަންޝިޕެވެ. އެ ފަހަރު ރާއްޖެއާއި ސްރީލަންކާގައި އެ މުބާރާތް ބޭއްވި ނަމަވެސް، ރާއްޖެއާއި އިންޑިއާ ބައްދަލުކުރި ފައިނަލް މެޗު ކުޅުނީ ލަންކާގައެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވެސް ވަނީ ފުޓްބޯޅައަކީ އެއްބަސްވަންތަކަން ގެނުވާ ކުޅިވަރެއްގެ ގޮތުގައި ސިފަކުރައްވައި، ސާފް ޗެމްޕިއަންޝިޕްގެ ތާރީހީ ކާމިޔާބާ ބެހޭގޮތުން ވާހަކަދައްކަވައިފައެވެ.
"ފުޓްބޯޅައަކީ މުޅި ގައުމު އެއްކުރުވާ ކުޅިވަރެއް. އޭގެ އެންމެ ބޮޑު ހެއްކަކީ އަޅުގަނޑުމެން 2008ގައި ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި އިރުގައި. އޭރު އަޅުގަނޑު ދަންނަވާނީ ސިޔާސީ ގޮތުން އަޅުގަނޑުމެންގެ ގައުމު އޮތީ ވަރަށް ބޮޑަށް ބައިބައިވެފައޭ. އެހެންނަމަވެސް އަޅުގަނޑުމެން ސާފް ޗެމްޕިއަންޝިޕް ތަށި ހިފައިގެން ރާއްޖޭގެ ގައުމީ ޓީމު އައި ދުވަހު މުޅި މާލެ އޮތީ އެއްކޮށް ރަތް ކުލައިން ޖަރީވެފައި،" ސަން ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި އެފްއޭމްގެ ރައީސް ވިދާޅުވިއެވެ.
ބައްސާމް ވިދާޅުވި ގޮތުގައި، ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ދުވަހު ލޮރީ ބުރުތަކާއި ސައިކަލް ބުރުތައް ޖަހައި، އެކިގޮތްގޮތުން ދިވެހިންނަށް އެ ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރުމަށް ބޮޑެތި ކަންތައްތައް ރާވައި އެންމެން އެކުގައި އުފާފާޅުކުރަމުންދިޔައެވެ. އޭރުވެސް ފެނިގެންދިޔައީ ފުޓްބޯޅައިގެ ފޯރިއާއި ދިވެހީން ފުޓްބޯޅައަށް ހުންނަ ފޯރި ކަމަށް އޭނާ ވިދާޅުވިއެވެ.
"އެހެންވީމާ އޭގެން މިދައްކުވައިދެނީ ފުޓްބޯޅަ. ހާއްސަކޮށް ފުޓްބޯޅައަކީ ވަރަށް ގިނަ ރައްޔިތުންތަކެއް އެއްބައިވަންތަ ކުރުވާ ކުޅިވަރެއްކަން. މިއަދު އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ ފުޓްބޯޅައިގެ ޝައުގު، މި ތަށްޓާއެކު ފޮޓޯ ނެގުމުގެ ޝައުގުވެރިކަމާއި، އެ ޝައުގުގައި ހުރިހާ ރައްޔިތުން ބައިވެރިވެގެން ދިޔަ ތަން. އަޅުގަނޑު ދަންނަވާނީ ގާތްގަނޑަކަށް 7000 އާއި 10000އާ ގާތްކުރާ އަދަދަކަށް ދިވެހި ރައްޔިތުން މި ދަނޑަށް އެކި ވަގުތުތަކުގައި އެއްވެ ފޮޓޯނެގިގެން ދިޔަތަން މި ފެނުނީ،" މިދިޔަ ބުރާސްފަތި ދުވަހު އެފްއޭއެމްގެ ޓާފްދަނޑަށް، ފީފާ ޓްރޮފީއާއެކު ފޮޓޯނަގަން އައި ފަރާތްތަކަށް އިޝާރަތްކުރައްވައި އޭނާ ވިދާޅުވިއެވެ.
ސާފް ޗެމްޕިއަންޝިޕް 2008 ބޭއްވި ދުވަސްވަރެކޭ އެއްގޮތަށް މިއަހަރަކީވެސް ސިޔާސީ ގޮތުން ވަރަށް ހަލަބޮލި އަހަރެކެވެ. އޭރާއި މިހާރާ މާބޮޑު ތަފާތެއް ނެތެވެ. އޭރާއި މިހާރުގެ ތަފާތަކީ ސިޔާސީ ގޮތުން އޮތް ތަފާތެކެވެ. މިފަހަރުވެސް އެ ތަފާތުތައް ނައްތާލި ކަމަކީ ފުޓްބޯޅައާ ގުޅުންހުރި ކަމެކެވެ. މިފަހަރު ރާއްޖެއަށް ގެނައި ތަށްޓަކީ އެންމެންވެސް އެންމެ އިންތިޒާރުކުރާ، އަދި ނިދި ނަގާލައި އެ މުބާރާތެއް ކާމިޔާބުކުރާ ޓީމެއް ބެލުމަށް އިންތިޒާރުކުރާ ފީފާ ވޯލްޑް ކަޕްގެ ޓްރޮފީއެވެ.
"އަޅުގަނޑަށް ފެނިގެންދިޔައީ އެންމެންގެ މޫނުމަތިން އުޖާލާކަން. އެކަކު އަނެކަކާ ވާހަކަދައްކާލައި، ރަހުމަތްތެރިކަމާ އެކީގައި ކުރިއަށްދިޔަތަން. އެއްވެސް ކަހަލަ މައްސަލައެއް ނުޖެހި، އެހާ ގިނަވަގުތު ހޫނުގައި ތިބެން ޖެހުނަސް އެއީ މައްސަލައަކަށްނުވެ، ހުރިހާ ރައްޔިތުން ވަރަށް އަދަބުވެރިކަމާއެކީ މި ހަރަކާތް ނިންމާލީ. އޭގެން މިދައްކުވައިދެނީ އަޅުގަނޑުމެން އެކަކު އަނެކަކާ ހުރި ގުޅުން. އެއް ރައްޔިތަކު އަނެއް ރައްޔިތަކަށް އޮންނަ ގުޅުން. އެއްބަނޑު އެއްބަފާކަން ދައްކުވައިދީފި. އެހެންވީމާ އަޅުގަނޑު ދަންނަވާނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ދެންނެވި ފަދައިން މިއީ އަޅުގަނޑުމެން އެއްކުރުވައި، ފުޓްބޯޅައަކީ އެންމެން އެއްކުރުވާ އެއްޗެއްގެ ގޮތުގައި މިއަދު މި ފެނިގެންދިޔައީ،" އެފްއޭއެމްގެ ރައީސް ވިދާޅުވިއެވެ.
ފީފާ ވޯލްޑް ކަޕް ޓްރޮފީއާއެކު ކުރިއަށްދިޔަ ހަރަކާތް ވަރަށް ފުރިހަމަ!
ރާއްޖޭގެ މާފަންނު ޓާފް ދަނޑުގައި ކުރިއަށްގެންދިޔަ ހަރަކާތް ނިންމާލުމަށްފަހު ފީފާ ވޯލްޑް ކަޕްގެ ޓްރޮފީ އެވަނީ މިހާރު އެހެން މަންޒިލްތަކަށް ދަތުރު ފަށައިފައެވެ. ނަމަވެސް މި ޖެނުއަރީ މަހުގެ 24 އަދި 25 ވަނަ ދުވަސް ދިވެހި ފުޓްބޯޅައިގެ ތާރީހުގައި ލިޔެވިގެންދާނެއެވެ. ދިވެހި ފަސްގަނޑަށް އެންމެ ޝަރަފްވެރި ޓްރޮފީ ގެނައި ހަނދާންތައް އެކިމީހުން އެކިގޮތްގޮތަށް އާކުރާނެއެވެ.
ބައްސާމް ވިދާޅުވި ގޮތުގައި، އޭނާއަށް ލިބޭ އެންމެ ބޮޑު އުފަލަކީ ބުރާސްފަތި ދުވަހު ހެނދުނު 8:00 އިން ފެށިގެން އަވި ދިން ނަމަވެސް، އެ އަވީގައި ގިނަ އިރުތަކެއް ވަންދެން ތިބެން ޖެހުނު ނަމަވެސް ފުޓްބޯޅައަށް ކުރާ ލޯބި ގިނަ ބަޔަކު ދައްކުވައިދިނުމުންނެވެ. ފުޓްބޯޅައަށް އޮތް ޝައުގު ދައްކުވައިދިނުމުންނެވެ.
"މީގެން މިދައްކުވައިދެނީ ފުޓްބޯޅައަށް ދިވެހީންގެ ތެރޭގައި އޮތް ލޯބި. ދިވެހީންގެ ތެރޭގައި އޮތް ޝައުގު. މިއީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް. އަޅުގަނޑުމެން މިއަދުވެސް މިގަބޫލުކުރަނީ ރާއްޖޭގައި އެންމެ ގިނަ ބަޔަކު ސަޕޯޓުކުރާ ކުޅިވަރަކީ ފުޓްބޯޅަކަން. އަޅުގަނޑު ގަބޫލުކުރާ ހިތްވަނީ ރާއްޖޭގެ ގިނަ ޒުވާނުންތަކެއް އަނެއްކާވެސް ފުޓްބޯޅައަށް ހިތްޖެހި، ފުޓްބޯޅަ އިތުރަށް ޕްރޮމޯޓު ވެގެންދިޔަ ކަމެއްގެ ގޮތުގައި. އެހެންވީމާ މިއީ އަޅުގަނޑު ވަރަށް އުފާކުރާކަމެއް،" އެފްއޭއެމްގެ ރައީސް ވިދާޅުވިއެވެ.
ވޯލްޑް ކަޕް ޓްރޮފީ ގެނައުމާއެކު ނުސީދާގޮތުން ފުޓްބޯޅައަށް ފައިދާތަކެއް!
ވޯލްޑް ކަޕް ޓްރޮފީ ދިވެހި ފަސްގަނޑަށް ގެންނަން އުޅޭކަން އިއުލާންކުރި ހިސާބުން ދިވެހިން ދައްކަމުންދިޔައީ އެއް ވާހަކައެކެވެ. ސިޔާސީ ވާހަކަތައް ދެއްކިޔަސް، ވޯލްޑް ކަޕް ޓްރޮފީގެ ވާހަކަ ވެސް ދައްކަމުންދިޔައެވެ. އެއާއެކު ފޮޓޯ ނެގުމުގެ ފުރުސަތު ލިބޭނެކަން އެނގުނު ހިސާބުން އެ ވާހަކަތައް ދައްކާ މީހުންގެ އަދަދުވެސް އިތުރުވެގެންދިޔައެވެ.
ފާއިތުވި އަހަރުތަކުގައި ގައުމީ ފުޓްބޯޅަ ފެނިގެންދިޔައީ ވަރަށް ފަޅުކޮށެވެ. އެއީ ފުޓްބޯޅައަށް ލޯބިކުރާ އެއްވެސް މީހަކު ބަލަން ބޭނުންވާނެ މަންޒަރެއް ނޫނެވެ. "ތިޔަ ޓީމު ކުޅުނު މެޗު ބަލަން ވަދެ ތިބީ އެންމެ 40 އަކަށް ސަޕޯޓަރުންނޭ" ބުނާ އަޑު އަހަން ބޭނުންވާނެ ކުޅުންތެރިއެއް ނުވަތަ ކޯޗަކުވެސް ނުހުންނާނެއެވެ.
ސީޒަން ފެށެން ކުޑަތަން ވެފައި ވަނިކޮށް ފީފާ ވޯލްޑް ކަޕް ޓްރޮފީ ދިވެހި ފަސްގަނޑަށް ގެނައުމަކީ ދިވެހި ފުޓްބޯޅަ އޮތް ހަރުފަތުން އާ ހަރުފަތަކަށް ގެންދިއުމަށް ލިބުނު ފުރުސަތެއްގެ ގޮތުގައި އެފްއޭއެމްގެ ރައީސް ބައްސާމް ގަބޫލުކުރައްވައެވެ. ދިވެހި ފުޓްބޯޅައަށް އޮތް ލޯބި ގައުމީ ފުޓްބޯޅަ ދަނޑުން މިއަހަރު ފެނިގެންދާނެ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.
"އަޅުގަނޑުމެންގެ ދިވެހީންގެ ތެރޭގައި ފުޓްބޯޅައިގައި އޮތް ފޯރި، ޝައުގު އިތުރުވެއްޖެ ކަމަށް އަޅުގަނޑު ގަބޫލުކުރަން. މިއަދު މިފެންނަ މަންޒަރުތަކުން އަޅުގަނޑުމެންނަށް އެކަން ދައްކުވައިދީފި. އެހެންވީމަ އަޅުގަނޑު ގަބޫލުކުރާ ހިތް އޮތީ، މިފަހަރުގެ ސީޒަން ފެށިގެންދާއިރު ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ވަޑައިގެން ތަރުހީބު ދޭނެތަން ފެނިގެންދާނެ ކަމަށް. ހަމައެއާއެކީ ތުއްތު ކުދިންނާއި ޒުވާން ފުރައިގެ ކުދިންނަށް ފުޓްބޯޅައަށް އިތުރު ޝައުގެއް ޖެހިގެންގޮސް، ފުޓްބޯޅަ ކުޅުމަށް ޝައުގުވެރިކަން އުފެދިގެންދާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" އޭނާ ވިދާޅުވިއެވެ.
އެފްއޭއެމްގެ ރައީސް ވިދާޅުވި ގޮތުގައި ފީފާ ވޯލްޑް ކަޕް ޓްރޮފީ ގެނައުމަކީ މުސްތަގުބަލު ބިނާކުރުމަށާއި ދިވެހި ފުޓްބޯޅަ ޕްރޮމޯޓް ކުރުމަށްޓަކައި ލިބުނު ވަރަށް ބޮޑު ފުރުސަތެކެވެ. ދިވެހި ފަސްގަނޑުގައި ދުނިޔޭގެ އެންމެ ވަރުގަދަ ތަށި ބެހެއްޓުމަކީ ދިވެހި ފުޓްބޯޅައިގެ ޕްރޮމޯޝަނެއްގެ ގޮތުގައިވެސް ބައްސާމް ސިފަކުރެއްވިއެވެ.
"އަޅުގަނޑުމެން ސީދާ މިފެށޭ ސީޒަނުގެ ވާހަކައެއް ނުދައްކަން. އެހެންނަމަވެސް ފުޓްބޯޅައިގެ ވާހަކަ މުޅިން މިދެކެވެނީ. މިވެނި ކުޅުންތެރިޔަކު އުފުލާލި ތަށްޓަކާއެކުއޭ މިފޮޓޯ ނެގުނީ، މެރަޑޯނާ ނެގިކަހަލަ ފޮޓޯއެކޭ އަޅުގަނޑަށް މިލިބެނީ، ނުވަތަ ޒިދާންމެން ނެގި ކަހަލަ ފޮޓޯއެކޭ މިނެގެނީ. އެހެންވީމާ މިއީ އަޅުގަނޑުމެން ބޭނުންވާ ކަމަކީ. ފުޓްބޯޅައިގެ ވާހަކަދެކެވި، ފުޓްބޯޅައިގެ ވާހަކަތައް އެކަކު އެނެކަކާ މަޝްވަރާކުރެވިގެން މިދަނީ، ވޯލްޑް ކަޕާ ބެހޭ ވާހަކަތައް ދެކެވޭ، އަދި ހަމައެއާއެކީގައި ފުޓްބޯޅަ އިތުރަށް ޕްރޮމޯޓްވެގެން ދިޔައީ. އެހެންވީމާ އަޅުގަނޑު ދަންނަވާނީ މިއީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ފުރުސަތެކޭ،" އޭނާ ވިދާޅުވިއެވެ.
އެންމެ ޝަރަފުވެރި ޓްރޮފީ މިހާރު ދިވެހި ފަސްގަނޑުން ދިޔަ ނަމަވެސް، ރާއްޖެއަށް މިއަހަރު އިތުރު ޓްރޮފީއެއް ގެނައުމުގެ ފުރުސަތު އެބައޮތެވެ. ދެވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ތަށި ގެނައުމުގެ ފުރުސަތު އެބައޮތެވެ. ދިވެހީން އުފާވެރިކޮށް، އެއްބައިވަންތަ ކުރުވުމަށް ގައުމީ ޓީމާއި އެފްއޭއެމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެއެވެ.
މިއަހަރު ބާއްވާ ސާފް ޗެމްޕިއަންޝިޕާއި ރިޔާސީ އިންތިހާބު ގާތްވެފައިވީ ނަމަވެސް، ވަގުތުކޮޅަކަށް ސިޔާސީ ކަންކަން ދޫކޮށްލައި އެއްބައިވަންތަ ގައުމެއްގެ ގޮތުގައި ދިވެހިންގެ ފަސްގަނޑަށް ދެކުނު އޭޝިއާގެ ޝަރަފްވެރި މުބާރާތުގެ ޓްރޮފީ ގެނައުމުގެ މަސައްކަތްކުރުމަށް ހުރިހާ ދިވެހީންވެސް އަތުގުޅާލަން އެބަޖެހެއެވެ. އެއީ ހަމައެކަނި ގައުމީ ޓީމުން ކުރާ މަސައްކަތަކުން ވާނެ ކަމެއް ނޫނެވެ. އެކަމަށް ދިވެހި ސަޕޯޓަރުންގެ އެހީވެސް ބޭނުންވާނެއެވެ.